އިދިކޮޅުގެ ބޭނުކަމީ ރައްޔިތުން އެމީހުން ވަށާ މުގޯލި އަޅާބަޔަކަށް ހެދުން: ރައީސް

19 Sep 2018 | 00:20

އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ދިވެހި ރައްޔިތުންނަކީ އެބޭފުޅުން ވަށައިގެން އަބަދުވެސް މުގޯލި އަޅަމުންދުވާ ބައެއްކަމުގައި ހެދުންކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

މިރޭ ޕީޕީއެމް އިން މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް ދައްކަމުންދަނީ ހަގީގަތެއްނެތް ހުވަފެންތަކެއްކަމަށާއި، އެކަން އެނގި ރައްޔިތުން އެބޭފުޅުންނަށް ނޫނެކޭ ބުނެފިކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ އެބޭފުޅުން ވަށައިގެން ރައްޔިތުން އަބަދުވެސް މުގޯލި އަޅައަޅާ ބޭތިއްބުންކަމަށާއި، ނަމަވެސް އެކަމެއް ނުވާނެކަމަށެވެ.

އިދިކޮޅު ފަރާތްތަކަށް އިޝާރާތް ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އަބަދުމެ މުޒާހަރާ ކުރާ ބަޔަކަށް ވާން ނުޖެހޭކަމަށާއި، އަދި މުޒާހަރާ ކުރުމުގެ އެއްވެސް ބޭނުމެއްވެސް ނެތްކަމަށެވެ. އިދިކޮޅު ފަރާތްތަކުން މިގައުމުގައި ވެރިކަން ކުރިއިރު ގައުމާއި ރައްޔިތުންގެ ކުރިއެރުމަށް އެއްވެސް ކަމެއް ކޮށްދީފައި ނުވާކަމަށާއި، އަބަދުވެސް މުޒާހަރާ ކުރަނީ ރައްޔިތުންނަށް އެކަންކަން ފޮރުވާ އޮޅުވާލުމަށްކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ ހާލަތު ދެނެވަޑައިގަންނަވާކަމަށާއި، އަދި ރައްޔިތުންގެ އެންމެހާ ބޭނުންތައްވެސް ފުއްދަވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ނަރުދަމާގެ މަސައްކަތްތަކާއި، އެއަރޕޯޓް ތަރައްގީ ކުރުމާއި، ސިއްހީ އަދި ތައުލީމީ ދާއިރާއަށްވެސް ހީނުކުރާފަދަ ތަރައްގީއެއް ގެންނަވާފައިވަނީ ހަމަ އެމަނިކުފާނުގެ ވެރިކަމުގައިކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްއަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ، އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) އަކީ ހަތަރު ލީޑަރުން ބުނާ ގޮތް ހަދާ، އެވެރިން ބުނާގޮތަކަށް ކޭކް ފަޅަން ވަޅީގައި ހިފަހައްޓާ މީހާ ކަމަށެވެ. 

Advertisement

ކޮމެންޓް