ޔުނެވެންޓަސް އަތުން ޔުނައިޓެޑް ބަލިވެ ހިތްދަތިކަމަށް ފަހު މާޔޫސްކަން

24 Oct 2018 | 09:27

އެންމެ ފަހުން އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅުނު މެޗުގައި ޗެލްސީން އެންމެ ފަހު ވަގުތު ޖެހި ލަނޑާއެކު އެ މެޗު އެއްވަރުވެ ރޭ ޔުވެންޓަސްއާއި ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެވެ.

ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި ފެނުނު ހަމައެކަނި ލަނޑު ޔުވެންޓަސްއަށް ކާމިޔާބުކޮށްދިނީ ޕައުލޯ ޑިބާލާއެވެ. ޑިބާލާ މި ލަނޑު ޖަހައިދިނީ ޔުނައިޓެޑުގެ ކުރީގެ ކުޅުންތެރިޔާ އަދި މިހާރުގެ ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނަގައިދިން ހުރަހެން ޔުނައިޓެޑުގެ ޑިފެންޑާ ކްރިސް ސްމޯލިން ދިފާއުކުރަން އުޅުމުގެ ތެރޭގައި ބޯޅަ ޑިފްލެކްޓް ވެގެން ކީޕަރު ކުރިމައްޗައް ހުސްވި ބޯޅައަކުންނެވެ.

މުޅި މެޗު ނިމުން އިރުވެސް އަމިއްލަ ދަނޑުގައި ޔުނައިޓެޑަށް އެދެވޭ ކުޅުމެއް ނުދެއްކުނު އިރު ޔުވެންޓަސް ދިޔައީ އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ހަމަލާ އަކަށްފަހު ހަމަލާއެއް އުފައްދާ ވަރަށް ރަނގަޅަށް މެޗުގެ އޮއެވަރު ކޮންޓްރޯލް ކޮށްފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޔުނައިޓެޑުގެ ކޯޗު މޮރީނިއޯ ބުނެފައިވަނީ ކޮލިޓީގެ ގޮތުން ޔުވެންޓަސް މާ ތަފާތީކަމަށެވެ. އެ ޓީމުގައި ތިބީ ހަމައެކަނި ރޮނާލްޑޯއާއި ޑިބާލާ ނޫންކަމަށާއި އެ ޓީމުގެ ޑިފެންސްއަށް ކުޅޭ ކިއެލީނީ އަދި ބޮނޫޗީވެސް އެއީ ތަފާތު މޮޅު ދެ ކުޅުންތެރިން ކަމަށެވެ.

ކޮލިޓީއާއި ތަޖުރިބާގެ ގޮތުންވެސް ޔުނައިޓެޑަށްވުރެ ޔުވެންޓަސް މޮޅުކަމަށާއި އެކަންތައްތަކުގެ ސަބަބުން މެޗު ވަރަށް އުނދަގޫވިކަމަށް މޮރީނިއޯ ބުންޏެވެ.

ޔުވެންޓަސްގެ މި މޮޅާއެކު އެ ޓީމު އޮތީ ނުވަ ޕޮއިންޓާއެކު ގުރޫޕުގެ އެއްވަނައިގައެވެ. ހަތަރު ޕޮއިންޓާއެކު ޔުނައިޓެޑަށް ދެވަނަ ލިބޭއިރު ސްޕެއިންގެ ވެލެންސިއާ އޮތީ ދެ ޕޮއިންޓާއެކު ގުރޫޕުގެ ތިންވަނައިގައެވެ.    

Advertisement

ކޮމެންޓް