ނިއުޕޯޓް ވިއު ހިންގާ ބިން ސަރުކާރަށް ހަވާލުކުރަން އަންގައިފި

26 Sep 2019 | 13:49

ސްޓްރާޑާ ޕްރައިވެޓް ލިިމިޓެޑުން ރާޅުގަނޑު ބްރިޖް ވިއު ޕޮއިންޓްގައި ހިންގަމުންގެންދާ ނިއުޕޯޓް ވިއު ބިން ހުސްކޮށް، ސަރުކާރާއި ހަވާލުކުރުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

އެ ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ އެތަން ކުއްޔަށް ދިނުމަށްވެފައިވާ އެއްބަސްވުން ސަރުކާރުން އުވާލާފައިވަނީ 2016ވަނަ އަހަރުގެ ތެރޭގައި ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އެތަނުގެ ކުއްޔަށްވާ ފައިސާ ނުދިނުމުންކަމަށެވެ.

މި އެއްބަސްވުން އުވާލި ދުވަހުން ފެށިގެން އެބިން ބޭނުންކުރުމުގެ ހައްގު އެކުންފުންޏަށް ލިބިގެންނުވާކަމަށް ކޯޓުން ވަނީ ބުނެފައެވެ. ނަމަވެސް އޭގެ ފަހުންވެސް އެ ބިން ބޭނުންކުރަމުން އައިކަމަށް ކޯޓުގެ ހުކުމްގައި ވަނީ ފާހަަގަކޮށްފައެވެ.

އެހެންކަމުން އެ ބިން ހުސްކޮށް ޕްލޭނިންގް މިނިސްޓްރީއާއި ހަވާލުކޮށްފައި ނުވާތީ އެކަމުގެ ބަދަލެއްގެ ގޮތުގައި، އެއްބަސްވުމުގެ ދަށުން ސްޓްރާޑާ އިން ޕްލޭނިންގަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ސްޓްރާޑާ އިން ދައްކަންޖެހޭކަމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ސްޓްރާޑާ އިން ޕްލޭނިން އަށް ދައްކަންޖެހޭ ފައިސާ އާއި ގެއްލުމުގެ ބަދަލުގައި ގޮތުގައި ދައްކަންޖެހޭ 1.15 މިލިޔަން ރުފިޔާ 15 ދުވަހުގެ ތެރޭގައި އެ ކުންފުނިން ސަރުކާރަށް ދެއްކުމަށް ސިވިލްކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މީގެ އިތުރުން ނިއުޕޯޓް ވިއު ހުރި އެ ބިން މިނިސްޓްރީއާއި ހަވާލުކުރާ ދުވަހާއި ހަމައަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ 30 ދުވަހުގެ ތެރޭ ދެއްކުމަށްވެސް ސްޓްރާޑާގެ މައްޗަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. 

Advertisement

ކޮމެންޓް