އިންޑިޔާގެ މޯހަން މުތާއަށް މިއަހަރު އެކަނިވެސް 130 މިލިއަން ރުފިޔާއަށް ވުރެ ގިނަ ޕްރޮޖެކްޓްސް!

08 Oct 2019 | 03:44

އިންޑިޔާގެ މޯހަން މުތާ އެކްސްޕޯޓްސްއަށް މިއަހަރު އެކަނިވެސް 130 މިލިއަން ރުފިޔާއަށް ވުރެ ގިނަ ޕްރޮޖެކެޓްސް ދީފައިވާކަން ފިނޭސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.

މޯހަން މުތާ އެކްސްޕޯޓްސްއަށް މިސަރުކާރު އައިފަހުން ތަފާތު އަށް ޕްރޮޖެކްޓްސް ހާވާލުކޮށްފައި ވެއެވެ. މީގެ ތެރޭގައި ހަރަށެއްގެ ފެނާއި ނަރުދަމާވެސް ހިމެނެއެވެ. އަދި ޕްރޮޖެކްޓު ތަކުގެ އަގު 130 މިލިއަން ރުފިޔާއަށް އަރައެވެ.

އިންޑިޔާގެ މޯހަން މުތާ އެކްސްޕޯޓްސްއަށް ގިނަ ޕްރޮޖެކްޓުތައް ދީފައިވާއިރު އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ ފަރާތުން މިހާރުވަނީ އެސީސީއަށް މޯހަން މުތާ އެކްސްޕޯޓްސްއަށް ފިނޭންސް މިނިސްޓްރީން ބޮޑުއަގުގައި ޕްރޮޖެކްޓެއް ދިން މައްސަލަ ހުށައަޅާފައެވެ.

އެ މައްސަލައިގައި އެކުންފުނިން ވަނީ ފިނޭންސް މިނިސްޓްރީއަށާއި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގައި ބުނެފައިވަނީ ފިނޭންސް މިނިސްޓްރީއިން 15 އެމްބިއުލާންސް ހޯދަން ފުރަތަމަ އިއުލާން ކުރިއިރުވެސް އޭޑީކޭއިން ބީލަން ހުށަހެޅި ކަމަށާއި އެފަހަރު އިއުލާން ބާތިލުކޮށް ބީލަންތައްވެސް ބާތިލު ކުރި ކަމަށެވެ. އަދި ދެވަނަ ފަހަރު އިއުލާން ކުރުމުންވެސް އޭޑީކޭއިން ބީލަން ހުށަހެޅި ކަމަށެވެ.

އޭޑީކޭއިން ފޮނުވި ސިޓީގައިވަނީ އެ ކުންފުންޏަށްވުރެ ބޮޑު އަގެއްގައި ބީލަން ހުށަހެޅި އިންޑިއާގެ ކުންފުންޏެއް ކަމަށްވާ މޯހަން މުއްތާއަށް ބިޑް ކާމިޔާބު ކުރެވުމަކީ، ކަންބޮޑުވާ ކަމެއް ކަމުގައި ބުނެފައެވެ.

އެގޮތުން ދިވެހި ކުންފުންޏެއް އެންމެ ދަށް އަގު ހުށަހެޅުމުންވެސް ބޭރު ކުންފުނިތަކަށް ބީލަންތައް ލިބޭ ކަަމަށް ކަމަށްވާނަމަ، މުސްތަގުބަލުގައި މި ރާއްޖޭގެ އިގުތިސާދަށް ގެއްލުންވާނެ ކަމަށް ދެކޭ ކަމުގައި އޭޑީކޭއިން ބުންޏެވެ.

އޭޑީކޭއިން ބުނީ ފިނޭންސް މިނިސްޓްރީއަށް ހުށަހެޅި ބީލަމުގެ އިވެލުއޭޝަން އެ ކުންފުންޏަށް ހުށަހަޅާފައިވާ ކަމަށާއި އޭގައި މިނިމަމް ރެކުޔަރމަންޓަންސްގެ ތެރެއިން ފުރިހަމަ ނުވާ ކަމަށް ބުނެފައިވާ އައިޓަމް އަކީ އޭޑީކޭއިން ބީލަން ހުށަހެޅި އިރު ހިމަނާފައިވާ އޮކްސިޖަން އައިޓަމްގައި ހިމެނޭ އައިޓަމްއެއް ކަމަށްވެސް ވަނީ ބުނެފައެވެ.

އަދި އިވެލުއޭޝަންގައި އޭޑީކޭއިން ހުށަހެޅި އެމްބިއުލާންސްގެ އިނަރ ޑައިމެންޝަންތައް ރަނގަޅު ކަމަށް ހެޔޮ ފާހަގަ ޖަހާފައިވީ ނަމަވެސް، އިވެލުއޭޝަން ޓޭބަލްގެ ތިރީގައި އޭޑީކޭއިން އެމްބިއުލާންސްގެ ފުޅާމިނަށް ދީފައިވަނީ ކުޑަ އަދަދެއް ކަމަށް ބުނެ، އޮޅުވާލަން މަސައްކަތް ކޮށްފައިވާ ކަމަށާއި، އެފަދަ ކަންކަމާ ހުރެ، އެ އިވެލުއޭޝަން އަކީ ނޭޝަނަލް ޓެންޑަރއިން ހެދި އިވެލުއޭޝަންއެއް ކަމާމެދު ސުވާލު އުފެދޭ ކަމަށް އޭޑީކޭއިން ބުނެއެވެ.

އޭޑީކޭއިން އިތުރަށް ބުނީ ކުންފުނިތަކުން ބީލަންތަކުގައި ބައިވެރިވަނީ ބޮޑެތި ހަރަދުތައް ކޮށްގެން ކަމަށާއި، އެހެންކަމުން އެމައްސަލައިގައި އިންސާފުވެރި ހައްލެއް ބޭނުންވާ ކަމަށެވެ. އަދި އިންޑިއާގެ މޯހަން މުއްތާއަށް ޕްރޮޖެކްޓް އެވޯޑު ކޮށްފައި ވިޔަސް، އެމައްސަލަ ބަލައި ނިމެންދެން، އެކަން ހުއްޓުވައި ދޭންވެސް އެދިފައިވެއެވެ.

Advertisement

ކޮމެންޓް