ޝިމްހާގްގެ ކުރެހުން ވަގަށް ނެގި ބޭރު މީހަކު ހޫނުފެނަށް!

28 Sep 2019 | 18:16

ދިވެހި ޑިޖިޓަލް އާޓިސްޓެއްކަމުގައިވާ އަލީ ޝިމްހާގްގެ ކުރެހުމެއް އެމެރިކާއަށް ނިސްބަތްވާ ފަންނާނަކު ހުއްދަ ނުހޯދައި ބޭނުންކޮށް، އަމިއްލަކުރަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

ޝިމްހާގްގެ ކުރެހުން ވަގަށް ނެގުމަށް މަސައްކަތްކޮށްފައިވަނީ ކުރީގެ މަޝްހޫރު ބޭންޑް "ބެކްސްްޓްރީޓް ބޯއިސް"ގެ ލަވަކިޔުންތެރިޔާ ނިކް ކާޓާގެ ކޮއްކޮ އޭރޮން ކާޓާއެވެ. އޭރޮންއަކީވެސް މިއުޒިކުގެ ދާއިރާގައި މަޑުމަޑުން ހަރަކާތްތެެރިވަމުން އަންނަ ފަރާތެކެވެ.

މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ އިއްޔެގެ ވަގުތެއްގައި ޝިމްހާގްގެ ކުރެހުމެއް އެއީ އޭރޮންގެ އަމިއްލަ ކުރެހުމެއްކަމަށްބުނެ، އޭތި ހިމެނޭގޮތަށް ފަށްތަކެއް ހެދުމަށް މަޝްހޫރު ކުންފުންޏަކާއި ހަވާލުކުރުމަށް ޓްވިޓަރ އަދި އިންސްޓަގްރާމްގައި އިއުލާންކުރުމުންނެވެ. މިކަން ގިނަބަޔެއްގެ ސަމާލުކަމަށް އައިސް، ޝިމްހާގް ޓެގްކުރުމުން ޝިމްހާގް ވަނީ އެކުރެހުމަކީ އޭނާގެ އެއްޗެއްކަމަށާއި އޭތި ވިއްކާފައި ނުވާނެކަމަށް ބުނެފައެވެ. އަދި އެ ކުރެހުން ބޭނުންކުރުމުގެ ހުއްދަވެސް އެއްވެސް ފަރާތަކަށް ދީފައިނުވާނެކަމަށް ޝިމްހާގް ވަނީ ބުނެފައެވެ.

އޭރޮން ގަތުމަށްފަހު ފަހުން ބަދަލުތަކެއް ގެނައިކަމަށް ބުނި ސިންގާގެ ފޮޓޯއަކީ ޝިމްހާގް 2014ވަނަ އަހަރު އިންސްޓަގްރާމްގައި ޝާއިއުކޮށްފައިވާ އެއްޗެކެވެ.

މިކަމާއި ގުޅިގެން ޓްވިޓަރ އަދި އިންސްޓަގްރާމްގައި ގިނަބަޔަކު ވަނީ އޭރޮންއަށް ވަަގަށް ގޮވައި، ޝިމްހާގްގެ ކިބައިން މައާފަށް އެދުމަށް އެދިފައެވެ. ނަމަވެސް އޭރޮން ވަނީ ގޮތް ދޫނުކޮށް، އޭނާއާއި ދިމާލަށް އެއްޗެހި ގޮވި މީހުންނަކީ ސަމާލުކަން ހޯދަންއުޅޭ ބައެއްކަމަށް ބުނެފައެވެ.

ނަމަވެސް އޭރޮން ކާޓާ ގިނަ ދިވެހިންނަށް އެނގެން ފެށުނީވެސް މި ހާދިސާއަށް ފަހުގައިކަމަށް، އޭނާއަށް ވަގަށް ގޮވި ދިވެހިން ވަނީ ބުނެފައެވެ. އޭރޮން ވަގަށްނެގި ކުރެހުން މިހާރު ވަނީ އޭނާގެ އިންސްޓަގްރާމުން ފޮހެލާފައެވެ.

Advertisement

ކޮމެންޓް