ފެންބާލިދީ ޖެހުމުގެ ކުރިން ވިސްނާށެވެ. ބިދޭސީ މީހާގެވެސް އޮންނަނީ ހިތެކެވެ.

02 Oct 2019 | 08:40

ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ގިނަ ކަމުން ކިތަންމެހާވެސް އުނދަގޫވެއެވެ. ހުދު އަޅުގަނޑަށްވެސް އެކަމުން އުނދަގޫވެއެވެ. ޕޭމަންޓް މަތިން ހިނގާފައިދާއިރު، ކައިރިން ބިދޭސީއަކު ހިނގާފައިދާއިރު، ވަޔާއެކު ނުބައި ވަސްވެސް ނޭފަތަށް ފޯރައެވެ. ރުޅިވެސް އާދެއެވެ. އެހެނެއް ކަމަކު އެމީހެއްގެ ބޮލަށް "ފެންބާލިދީ"އެއް އޮއްސައެއް ނުލަމުއެވެ. އަޑުނެތްތަނަށް ހަޅޭލަވައި، ހެއްދެވި ނެހެއްދެއްވިއަށްވެސް ނުގޮވަމުއެވެ.

ބިދޭސީންނަކަސް ދޭސީންނަކަސް އިންސާނެއްވެއްޖެއްޔާ، އެމީހަކަށް ގަދަރު ކުރަންޖެހޭނެއެވެ. ކޮންމެ އިންސާނެއްގެވެސް ހިތެއް އޮންނާނެއެވެ. މިކަން އަޅުގަނޑުމެންގެ ތެރެއިން މަދު ބަޔަކު ހަނދާން ނެތޭކަމީ ހިތާމަވެރި، ނުވަތަ ދިވެއްސަކަށްވީތީ ލަދުގަންނަންޖެހޭ ފަދަ ކަންކަން ހިނގަން މެދުވެރި ކުރުވާ ކަމެކެވެ.

އާނއެކެވެ. އަޅުގަނޑު ދައްކަން މިއުޅެނީ މީސްމީޑިއާގައި ވައިރަލްވި ބިދޭސީ މީހާގެ ވާހަކައެވެ. މީހެއްގެ ސައިކަލު މަތީގައި އިށީންދެލައިގެން ހުރެވުނީތީ، އައިސް ގަޔަށްޖެހީ ފެންބާލިދީއެކެވެ. އަމިއްލަ ވަޒަންދޫކޮށް، އެހެން ގައުމެއްގައި ނިކަން ބުރަކޮށް މަސައްކަތް ކުރަމުންދަނިކޮށް، ހަމަޖެހިލަން ލިބުނު ފުރުސަތެއްގައި، މީހަކު އައިސް ދިން ހަދިޔާއަކީ އެއީއެވެ. އެ ވީޑިއޯ ފެނުމުން ހަމަ ހަގީގަތުގައިވެސް އަޅުގަނޑުގެ ހިތަށް ވަރަށް އަސަރުކުރިއެވެ.

އެ ބިދޭސީ މީހާ ކައިރީގައި ތެދުވަން ބުނިނަމަވެސް ތެދުވީހެވެ. ފެންބާލިދީ ޖެހުމުންވެސް އޭނާ ރުޅިވެރިކަމެއް ނުދައްކައެވެ. އުފްވެސް ނުބުނެއެވެ. ހަމަ ގައިމު އެ ފެންބާލިދީ ޖެހި މީހާއަށްވެސް އެކުރެވުނު ކަމަކުން ލިބުނު މޮޅެއް އޮންނާނެހެނެއް ހީއެއް ނުވެއެވެ. އޭނާއަށް އެތައް ދިވެހީންނެއްގެ ބަދުބަސްތައް އެވަނީ އަމާޒުވެފައެވެ. މީސްމީޑިއާ އެކަމަށް ހެކިދެއެވެ.

އެގޮތުން ފެން ބާލިދީ ޖެހި މީހާ އަކީވެސް އެއްވެސް ހިތެއް ނެތް، އަދި ރަހުމެއް ހަމްދަރްދީއެއްވެސް ނެތް މީހެއް ކަަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ. އަދި އެ ބިދޭސީ މީހާ ސައިކަލުގައި އިށީނުމުން އެމީހާއަށް އުނިވީ ކޯޗެއްކަމާމެދުވެސް ގިނަ މީހުން ސުވާލު އުފެއްދިއެވެ.

ތެދެކެވެ. އެފަދަ މަދު މީހެއްގެ އަމަލުތަކުގެ ސަބަބުން ބަދުނާމު ވަނީ ހުރިހާ ދިވެހީންނެވެ. ލަދު ގަންނަން ޖެހެނީވެސް ހަމަ ދިވެހީންނެވެ. ދިވެއްސަކަށް ވީތީ ފަހުރިވެރިވާ ކަމަށް އަޅުގަނޑުމެން ބުނަމުއެވެ. ދިވެހީންނަކީ ހިތްހެޔޮ ކަމުގައި އަރާހުރި ބައެއް ކަމަށާއި، މުޅި ދުނިޔެއަށްވެސް ދިވެހިންނަކީ ނަމޫނާ ބައެއްކަމުގައިވެސް ބުނަމުއެވެ.

އެހެންނަމަވެސް މިފަދަ މަންޒަރުތަައް ފެނުމުން، ދިވެއްސަކަށް ވީތީ "ލަދުގަންނަން"ޖެހޭ ފަހަރުވެސް އައުމަކީ ހިތާމަހުރި ކަމެކެެވެ.

Advertisement

ކޮމެންޓް