ސިިވިލް ސާރވިސް ވަނީ އައިސީޔޫއަށް ލާންޖެހިފައި؟

02 Oct 2019 | 15:45

ގިނަ މީހުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވީ މިންވަރަކުން އެކި މަސައްކަތްތައް ކުރާނެ ފަރާތްތަކެކެވެ. ނަމަވެސް ދުނިޔޭގައި ކަންތައްތައް ދިމާވާގޮތުން ބައެއްފަހަރު އެފަދަ ފަރާތްތައްވެސް އިންތިހާ ދަރަޖައަށް ބަލިކަށިވެ، ޚާއްސަ އަޅާލުމަކަށް އެދެވެއެވެ. މިފަދަ ހާލަތެއްގައި ހަސްޕަތާލެއްގައި އެނދުމަތި ކުރެވޭ ނަމަ ބައެއް ފަހަރަށް އިންޓެންސިވް ކެޔަރ ޔުނިޓަށް ބަދަލުކުރެވެއެވެ. އެއީ އާންމު ފަރުވާއިން ބަދަލުކުރެވޭ ވަރަށްވުރެ ހާލަތު ގޯސްވުމުންނެވެ.

މި މިސާލަކީ ދުނިޔޭގެ ގިނަ ކަންކަމާއި ގުޅުވޭނެފަދަ މިސާލެކެވެ. އެގޮތުން އޮފީހެއްފަދަ ތަނެއްގެ ކަންތައްތައް ހުރީ އާދައިގެ ފިޔަވަޅުތަކުން ރަނގަޅު ނުކުރެވޭފަދަ ފައްތަރެއްގައި ކަމުގައިވާނަމަ އެތަނަކަށް ފަރުވާ ހޯދުމަށް "އައިސީޔޫ"އަށް ލާންވީއެވެ. 

ދިވެހިރާއްޖޭގެ ސަރުކާރުގެ ގިނަ މުއައްސަސާތަކާއި ވުޒާރާތަކުގެ ހާލަތު ކިޔައިދިނުމަށް އާންމުންގެ ކިބައިން ސުވާލުކޮށްފިނަަމަ ފުރަތަމަވެސް އިވިގެންދާނީ ޝަކުވާ ގޯންޏެކެވެ. އާންމުންނަށް ފަރުވާދޭން ގާއިމްކޮށްފައިވާ ކައުންޓަރތަކުގެ ޚިދުމަތް ލަސްކަމާއި، އެ ޚިދުމަތް ދޭން ގާއިމްކޮށްފައިވާ ހުރިހާ ކައުންޓަރުތަކުން ޚިދުމަތްތައް ފޯރުކޮށް ނުދޭކަމެވެ. މިގޮތަށް އަމަލުކުރާ ބައެއް މުއައްސަސާތަކަކީ ރައްޔިތުންނާއި ގުޅުންހުރި މުހިންމު ޚިދުމަތްތަކެއް ފޯރުކޮށްދޭ މުއައްސަސާތަކެއްކަން ފާހަގަކޮށްލެވެއެވެ.

ސިވިލް ސާރވިސް މުވައްޒަފުންގެ ވާހަކަތައް މޫނުމަތީގައިވާ ރިސެޕްޝަން ނުވަތަ ކައުންޓަރުތަކުން ނިންމާލެވޭކަށް ނެތެވެ. މުޅި ރާއްޖޭގައި އަށަގެންފައިވާ ކޮރަޕްޝަންގެ ވަބާގެ މޫތައް އެކި ގޮތްގޮތުން ސިވިލް ސާރވިސް ތެރޭގައިވެސް ވަނީ އަށަގެންފައެވެ. ވެރިންނާއި ގާތްގުޅުންތައް ބާއްވާ މުވައްޒަފުންތައް ވަޒީފާގެ ރަސްމީ ގަޑީގައި ކޮފީތަކަށް އެރިޔަސް، އެފަރާތްތަކަށް އެއްވެސް މިންވަރެއްގެ އަދަބެއް ނުލިބެއެވެ. އެފަަދަ ފަރާތްތަކުން ގިނަ ފަހަރަށް މުސާރައިގެ އިތުރުން އިތުުރު ހަދިޔާތައްވެސް ގެޔަށް ގެންދާ ވާހަކައަކީ މުޖުތަމައުގެ ތެރޭގައި އަބަދުމެ ދެކެވޭ ވާހަކައެވެ.

އެފަދަ ސީނިއަރ އަދި އާދައިގެ މުވައްޒަފުން ވަގުތަށާއި ވަޒީފާއަށް ކަމޭނުހިތުމުގެ ނަތީޖާއެއްގެ ގޮތުން ހުރިހާ ތަކުލީފަކާއި ބުރައެއް އުފުލަންޖެހެނީ ގަދަހިތްވަރާއި އެކު ހުރިހާ މަސައްކަތެއް ކުރަންޖެހޭ މުވައްޒަފާއި އާންމު ފަރުދުންނެވެ.

މިފަދަ މުވައްޒަފުން ސިވިލް ސާރވިސްގައި ތިބި ކަމުގައިވިޔަސް، ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ފަސް ނުޖެހި މަސައްކަތްކުރާ ފަރާތްތައް ތިބޭކަމީ އެއްބަސްވާން ޖެހޭނެކަމެކެވެ. ވާވެފައި އޮތް އޮފީހެއްގެ ތެރޭގައި އެފަދަ ފަރާތްތަކުން ވީ މިންވަރަކަށް މަސައްކަތްކުރަނީ ގައުމީ ޚިދުމަތެއްކަމުގައި ދެކިގެން އުފަލުންނެވެ. އެހެންކަމުން ހާލަތު ރަނގަޅުކުރުމަށް ސިވިލް ސާވިސް އައިސީޔޫއަށް ލާނީތޯއެވެ؟ ނޫނީ ރަނގަޅު މުވައްޒަފުންގެ ބާރު އިތުރުކުރުމަށް އޮނިގަނޑަށް އެކަށޭނަ ބަދަލުތަކެއް ގެންނާނީތޯއެވެ؟

Advertisement

ކޮމެންޓް