އަދުރޭގެ ކެމްޕެއިން މެކުހަށް: ތަރުޖަމާނަކާއެކު ވައުދެއް!

27 Oct 2018 | 06:09

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަން އިއުލާން ކުރައްވާފައިވާ އަބްދުރަހީމް އަބްދުﷲ (އަދުރޭ) މަޖިލިސް ރައީސް ކަމުގެ ކެމްޕެއިންގެ ތަރުޖަމަނަކަށް ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލް ހަމަޖައްސައި ކެމްޕެއިން ފައްޓަވައިފިއެވެ.

އަދުރޭގެ އިތުރުން ގުޅިފައިވަ އިއްތިހާދުން ޤާސިމް އިބްރާހިމް މަޖިލިސް ރައީސް ކަމަށް ކުރިމަތި ލައްވާނެ ކަން މިހާރު ވަނީ އިއުލާން ކުރައްވާފައެވެ.

އަބްދުރަހީމް މަޖިލިސް ރައީސް ކަމަށް ކުރިމަތި ލައްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު ވަނީ މަޖިލިސް މެންބަރުނަށް ވައުދެއް ވެސް ވެވަޑައިގެންފައެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ލިބިއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ 150،000 ރުފިޔާއަށް ބޮޑު ކުރަން ހުށަހަޅާނެ ކަމަށް އަބްދުރަހީމް ވިދާޅުވިއެވެ.

ނަމަވެސް މަޖިލިސް މުސާރަ ކަނޑަ އެޅުމަކީ މަޖިލިސް ރައީސް އަށް ލިބިގެން ވާ ބާރެއްނޫންކަން ފާހަގަކޮށްލަން ޖެހެއެވެ. އެއީ މަޖިލިސް މެންބަރުން ގެ އިއްތިފާގުން ކަނޑައަޅާއެއްޗެކެވެ.

ރައްޔިތުން މަޖިލީހުގެ މުސާރައިގެ މައްސަލައަކީ މިހާތަނަށް ވެސް އާއްމުންގެ ގިނަ ބަޔަކު އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަންނަ މައްސަލައެކެވެ. އެގޮތުން އެ މުސާރައަކީ މަޖިލިސް ގައި ކުރާ މަސައްކަތާއި ނުބައްދަލު މުސާރައެއްކަން އާއްމުން ފާހަގަކުރެއެވެ.

މި ވައުދާއެކު ގިނަ ބައެއްގެ ފާޑުކިޔުން ވެސް ވަނީ އަބްދުރަހީމަށް އަމާޒުވެފައެވެ.

މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިހާރު ވަނީ އަންނަ މަހުގެ 8 ވަނަ ދުވަހަށް އެޖެންޑާކުރެވިފައެވެ. މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ 51 މެންބަރުންގެ ސޮޔާއެކުއެވެ.

Advertisement

ކޮމެންޓް