ފުވައްމުލަކުގައި 500 ކޮޓަރި ހިމެނޭ ސިޓީ ހޮޓަލެއް އަޅަން ހަމަޖައްސައި

19 Sep 2018 | 21:06

ފުވައްމުލަކުގައި، 500 ކޮޓަރި ހިމެނޭ ސިޓީ ހޮޓަލެއް އަޅަން ހަމަޖައްސައި އެކަމުގެ ތައްޔާރީތައް ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ، ފުވައްމުލަކުގައި ސިޓީ ހޮޓާ އެޅުމަށް އެންމެ އެކަށީގެންވާ ސަރަހައްދެއް ރައީސް އަބްދުﷲ ޔާމީން ބައްލަވައި، އެތަން ތަރައްގީ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން އެމްއެމްޕީއާރުސީއާ މިހާރު ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ. އަދި ކ. ކާށިދޫގައި ތަރައްގީ ކުރާ 60 ގެސްޓް ހައުސްގެ މަޝްރޫއު ނިމުމާ އެކު ފުވައްމުލަކުގެ މަސައްކަތް ފައްޓަވާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ، ރައީސް ޔާމީން އަށް އަދި އިތުރު ދައުރެއް ލިބިވަޑައިގަނެފިނަމަ، ވަރަށް ފުރިހަމަ ސިޓީއެއްގެ ގޮތުގައި ފުވައްމުލަކު ތަރައްގީ ކުރައްވާނެ އެވެ. އަދި 20 ބްލޮކް ހިމެނޭ ގޮތަށް ހަދާ 500 ކޮޓަރީގެ ގެސްޓް ހައުސް އަކީ އޭގެ ތެރެއިން ބައެއް ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރ ޒަމީރު ވިދާޅުވީ، ފުވައްމުލަކަކީ ރީތިކަން ލިބިގެންވާ ރަށެއްކަމުން ވަރަށް ތަފާތު ގޮތަކަށް މި މަޝްރޫއު ކުރިއަށް ގެންދެވިދާނެ ކަމަށާއި، އެގޮތުން، ވަކި ވައްތަރެއްގެ މިޔަރަކާ އެކު ފީނަން ހާއްސަ ސްޕޮޓެއް އެ ސަރަހައްދުގައި އޮންނައިރު، ފުވައްމުލަކުގެ ކުޅިތަކުގެ ގުދުރަތީ ރީތިކަމާއި "ވިލެޖް ލައިފް" ދެއްކޭނެ ފަދަ ގޮތަކަށް އެ ސިޓީގައި ޓޫރިޒަމް ތަރައްގީ ކުރެވޭނެ ކަމަށެވެ.

Advertisement

ކޮމެންޓް