ޒަޚަމްތަަކަކާއި އެކު ނިޔާވެފައި އޮތް ޒުވާނަކު ފެނިއްޖެ

11 Oct 2019 | 16:56

މާލޭގެ ގެއަކުން ޒަހަމްތަކަކާއި އެކު މަރުވެފައި އޮތް ޒުވާނަކު ފެނިއްޖެއެވެ.

ވޮއިސްއަށް އެނގިފައިވާ ގޮތުގައި މި ޒުވާނާ ފެނިފައިވަނީ ހ.އަންނާރުމާގެއިންނެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ހެންވޭރުގައި ހުންނަ ގެއެއްގައި ރޭ ނިދި ގޮތަށް ހަބަރެއް ނުވެގެން އާއިލާ އިން ބެލި އިރު މީހަކު ނިޔާވެފައި އޮތް މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 10:24ހާއިރުގައެވެ.

ހ. އަންނާރުމާގެއިން މަރުވެފައި އޮއްވާ ފެނުނީ އުމުރުން 28އަހަރުގެ ހުސައިން ހިޝާމް ރަޝީދެވެ.

އެގެއިން ވާހަކަދެއްކި މީހަކާއި ހަވާލާދީ ރާއްޖޭގެ މީޑިޔާއެއްކަމުގައިވާ "ސަން" އިން ރިޕޯޓްކުރި ގޮތުގައި ހިޝާމް ފެނުނުއިރު، ބޮލާއި ލޯ ކައިިރިން ހުރީ ތަންތަން ފަޅައިގެން ގޮސްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހިޝާމްއަކީ މަޝްހޫރު ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަަލައިގައި ދައުވާ އުފުލިފައިވާ ހ.އަންނާރުމާގޭ ހައިޝަމް ރަޝީދުގެ ކޮއްކޮއެވެ.

އެ މައްސަލައިގައި އިއްޔެ އޮތް ޝަރީއަތުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ދައުލަތުގެ ވަކީލާ ވަނީ މި މައްސަލައިގައި ދައުލަތުގެ ހެކިވެރިންނަށް ބިރުދައްކައި، ޖިސްމާނީ އަނިޔާކޮށްފައިވާކަމަށް ހާމަކުރައްވާފައެވެ. ނަމަވެސް ހިޝާމްއަކީ އެ މައްސަލައިގައި ހިމެނޭ ސިއްރު ހެއްކެއްކަމަށް އެނގިފައެއް ނުވެއެވެ.

ފުލުހުން މިހާރު ދަނީ އެގޭގައި ހަރަކާތްތެރިވަމުންނެވެ.

ފޮޓޯ: ސަން

Advertisement

ކޮމެންޓް