ރާއްޖޭގެ އިގްތިސާދު ކުރިއަރާ މިންވަރު ދަށްވަނީ: ވޯލްޑް ބޭންކް

14 Oct 2019 | 15:36

މިއަހަރަށް އަންދާޒާކުރެވުނު މިންވަރަށްވުރެ ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއަރާ މިންވަރުދަށްވާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

އެފަރާތުން މިހެން ބުނެފައިވަނީ "މޭކިންގ ޑީސެންޓްރަލައިޒޭޝަން ވާކް" ގެ ނަމުގައި ދެކުނު އޭޝިޔާގެ ގައުމުތަކަށް އަމާޒުކޮށް ނެރުނު ރިޕޯޓެއްގައެވެ.

ވޯލްޑް ބޭންކުން ކުރިން އަންދާޒާކުރި ގޮތުގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުންނާނީ ގާތްގަނޑަކަށް 6-7ޕަސެންޓާއި ދެމެދުގައެވެ. ނަމަވެސް އެ ބޭންކުން އާންމުކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ އިގްތިޞާދު ކުރިއަރާ މިންވަރު ހުންނާާނީ 5.2 އިންސައްތައިގައެވެ. މިއީ މިދިޔަ އަހަރުގެ އަދަދުކަމުގައިވާ 6.7 އިންސައްތައާއި އަޅާބަލާއިރު 1.5 އިންސައްތައިގެ ވެއްޓުމެކެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ އިގްތިސާދު ކުރިއަރާ މިންވަރު ދަށްވެފައިވަނީ އިމާރާތްކުރުމުގެ ދާއިރާ ކުރިއެރުމުގެ ދުވެލި ލަސްވުމުގެ ސަބަބުންނެވެ. މިކަމުގެ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ސިނަމާލެ ބްެރިޖާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ބޮޑުކުރުމުގެ މަސައްކަތް ނިމުމެވެ.

ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމާއި އުމްރާނީ ވަސީލަތްތަކަށް ކުރެވޭ އިންވެސްޓްމެންޓްތަކުގެ ސަބަބުން 2020 ވަނަ އަހަރުގައި ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއަރާ މިންވަރު 5.5 އިންސައްތައަށް އަރާނެކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާާކޮށްފައެވެ.

މި ރިޕޯޓުގައިވަނީ ލާމަރުކަޒީ އުސޫލުން ވެރިކަން ކުރުމުގެ ނިޒާމެއް ދެކުނު އޭޝިޔާގައި ގެންގުޅުމަށް ބާރުއަޅައި، މިހާރު އޮތް ނިޒާމު އިތުރަށް ހަރުދަނާކޮށް ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރުމަށް ގޮވާލާފައެވެ. އަދި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އިންވެސްޓްމަންޓްތައް އިތުރުކޮށް، އަމިއްލަ ފަރުދުންެގެ އަތުން ހޭދަކުރާ މިންވަރު އިތުރުކުރުމަށް ވަނީ ގޮވާލާފައެވެ.

Advertisement

ކޮމެންޓް