އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

14 Oct 2019 | 22:58

އެމްޑީޕީގެ ރައީސްއާއި ނައިބު ރައީސްކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޑީޕީން ބުނީ އެޕާޓީގެ ރައީސް އަދި ނައިބްރައީސް ކަމުގެ މަޤާމް ހުސްވެފައިވާތީ މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންތިޚާބް 22 ނޮވެންބަރު 2019 ވާ (ހުކުރު) ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

އެހެންކަމުން އެމްޑީޕީގެ ރައީސް އަދި ނައިބްރައީސް ކަމުގެ މަޤާމަށް ވާދަކުރައްވަން ބޭނުންވާ ޕާޓީގެ މެންބަރުން ޕާޓީގެ އިންތިޚާބުތަކުގައި ކުރިމަތިލުމަށްއެދޭފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކު އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމިޓީގެ އީމެއިލް [email protected] އަށް ނުވަތަ ޕާޓީގެ މައި އޮފީހުގެ ދެވަނަ ފުލޯއަށް 19 އޮކްޓޫބަރ 2019 ވާ (ހޮނިހިރު) ދުވަހުގެ 12:00ގެ ކުރިން ފޯމު ހުށައެޅުމަށް ވަނީ އެދިފައެވެ.

މި އިންތިޚާބަށް ކުރިމަތިލުމަށް އެދޭފޯމް ޕާޓީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް http://www.mdp.org.mv އިން ލިބެން ހުންނާނެއެވެ.

މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބޭނީ (19 އޮކްޓޫބަރ 2019) ގެ ނިޔަލަށް  ޕާޓީގެ މެމްބަރޝިޕް ކޮމިޓީން މެމްބަރެއްގެ ގޮތުގައި ބަލައިގެންފައިވާ ފަރާތްތަކުން ކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ.

އެމްޑީޕީގެ ރައީސެއްގެ ގޮތުގައި މިވަގުތު ހުންނެވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ނައިބު ރައީސެއްގެ ގޮތުގައި ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒެވެ.

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް