ސަރުކާރުން ދެބޯގެރި ދުއްވުން

25 Oct 2019 | 13:43

މިއަދު ހެނދުނު ޚަބަރުތައް ކިޔައިލަން އެކިއެކި ނޫސްތައް ހާވަމުންގޮސް ރާއްޖޭގެ އެންމެ ބޮޑު އެއް ނޫސްކަމުގައިވާ މިހާރު ނޫހުގެ އޮންލައިނަށް ވަދެލިއިރު އެންމެފުރަތަމަވެސް މޫނުގައި އައިސް ޖެހުނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފަތުރަމުންދާކަމުގެ ތުހުމަތުގައި އަދި އެމެރިކާއިން ޓެރަރިސްޓަކަށް ހަދާފައިވާ މުހައްމަދު އަމީނު ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ހިންގައިގެން ހައްޔަރުކޮށްފިކަމަށް ލިޔެފައިވާ ޚަބަރަކަށެވެ. އަޅުގަނޑު ހިތަށް އެރިއެވެ. ހަމަ ރަނގަޅެވެ. 

ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ސުންނަތްކަމަށް އަދި އިލާހީ ކަލާންފުޅުން، ޚަވާރިޖުންފަދައިން ނުބައިމާނަތައް ނަގައި މީހުން މަރަން އެކިތަންތަނަށް ފޮނުވާނަމަ މިފަދައިން ފިޔަވަޅު އަޅަންޖެހެއެވެ. އެކަމަކު އެއާއި ވިއްދައިގެން ހިތަށް އެރީ އެންމެ ނުބައިމަގުން ހައްދުފަހަނައަޅައިދިޔަ މީހާއަށް ފުލުހުން ހެދީ ކިހިނެތް ހެއްޔެވެ. އެހިސާބުން ސިޔާސީ ޕާޓީއަކުން މީގެކުރިން އިންތިޒާމުކޮށްގެން ހިންގި ވަރުގަދަ ސުވާލުމާޗްގެ ކެމްޕެއިން ކުރިމައްޗަށް އައިސް ސުވާލުމާކުތަކުން ހިތްފުރިއްޖެއެވެ.

ހައްދުފަހަނައަޅައިދިޔަ ކަމަށް ބުނާ އެކަކު މިކުރާކަމަކީ ނަބިއްޔާ އުޅުއްވިގޮތްކޮޅުކަމަށް އޭނާއަށް އެކަމުގެ ފުރިހަމަ އިލްމު ލިބިގެންނުވާ ހިސާބަކަށް ގޮސް މީހުން ވާވައްދައިލަނީއެވެ. އަނެކަކު މިކުރާކަމަކީ ﷲ ގެ ކަލާމްފުޅު ދޮގުކޮށް މާތްނަބިއްޔާއަކީވެސް ދޮގުވެރިއެއްކަމަށް ސާބިތުކޮށްދޭން ބޮޑެތި ރިޕޯޓްތައް ލިޔެ މުޅި ގައުމަށް އާއްމުކޮށް، ދިވެހިން ﷲއާއި އެކަލާގެ ނަބިއްޔާގެ މަގުން އެއްކިބާކުރުމަށް މަސައްކަތްކުރަނީއެވެ. 

އެކަންކުރުމުގެ އަޑީގައި ހުރި އެކަކު ކަމުގައިވާ ބޯގަންވިލާ ޝަހިންދާ އިސްމާއީލް އެނުބައި ޖަރީމާ ހިންގާފައި ފުލުހުންގެ ކުރިމަތިންލާފައި ސަރުކާރަށް އެއްޗެހި ގޮވާފައި ފުރައިގެން ޖަރުމަނަށް ދިޔައީއެވެ. މިހާރު ޓްވީޓެއްކޮށްފައި އެބުނަނީ ތިމަންނަ ފުރީ ތަންކޮޅެއް ކުރިންކަމަށެވެ. މިއަންހެން މީހާ ﷲއާއި އެކަލާގެ ކަލާމްފުޅާ އަދި އެކަލާގެ ނަބިއްޔާއަށް ފުރައްސާރަކުރުމަކުން ޓެރަރިސްޓަކަށް ނުވެއެވެ. އެހެނީ އެމެރިކާގެ ލިސްޓަކަށް ނާރައެވެ. އަދި އޭނާ އެކުރީ އިލްމީ ކަމެއްކަމަށް ދޭހަކޮށްދޭން ފުލުހުން ލައްވައި ސަރުކާރުން ކުރަންފެށި ކަމަކީ މި ނުބައި ޖަރީމާ ރިޕޯޓުގައި އިލްމުހުރިވަރު ބަލަން ދިރާސާއެއް ކުރަންފެށީއެވެ. ދައުލަތުގެ އަނެއްބާރުގެ ވެރިޔާ އެރިޕޯޓް ދިފާއުކުރައްވައި އެކިދުވަހު އެކި ވާހަކަފުޅު ދައްކަވައި މީހުން އެހެންކަމަކަށް މަޝްޣޫލުކުރެވޭތޯ ބަލަނީއެވެ.

ދިވެހި ރައްޔިތުންގެ ކުރިމަތީގައި އިސްލާމްދީނުގެ ނަމުގައި މީހުން މަރައި، ތިމާނޫން އެހެން މީހުންކާފަރުކޮށް، ހައްދުފަހަނައަޅައިދާ މަގަށް ގޮވާމީހުންނަކީ ޓެރިސްޓުންނާ އެއްވަރުގެ ބަޔެކެވެ. ސަބަބަކީ އެބައިމީހުންގެ މަންޒިލް މަގްސޫދަކީ ޓެރަރިސްޓް ޖަމާއަތްތަކާއެކު ހަގުރާމަކުރަން މީހުން ފޮނުވުންކަމަށްވާތީއެވެ. ހަމަ އެހެން ޝަހިންދާއާއި އޭނާއަށް ރިޕޯޓް ލިޔެދިން މީހުންނާއި ބައިވެރިވި މީހުންނަކީވެސް ޓެރަރިސްޓުންނެވެ. ދެބައި މީހުންނަކީވެސް ފިތުނަވެރިންނެވެ. މިއަދު ދިވެހި ދައުލަތް ހިންގަން ތިބި ވެރިންގެ ނަޒަރުގޮސް ހުއްޓެނީ މިތަނުން އެއްބަޔަކަށެވެ. އަނެއްބަޔަކު ފިތުނަ އުފައްދާނެވަރަކަށް އުފައްދަންވީއެވެ. އެއީ އިލްމީ ކަމެކޯލައެވެ. ކީރިތި ގުރުއާން ދޮގުކުރުމާއި ރަސޫލާއަށް ދޮގު އިލްޒާމް އަޅުވައި ދިވެހި އިސްލާމީ އިލްމުވެރިންނަށް މަލާތްމާތްކުރުމުން ސަރުކާރުގެ ވެރިންގެ ނަޒަރުގައި އެއިން ބަލަންޖެހެނީ އިލްމީ އޮއްޓަރު ހުރީ ކިހާވަރަކަށްތޯއެވެ. 

ޝަހިންދާގެ ރިޕޯޓުން ދިވެހި ރާއްޖޭގައި އިސްލާމްދީން ހިމާޔަތްކުރަން ތިބި ފުލުހުން ލައްވައި ކުރަންފެށި ނުވަތަ ސަރުކާރުން ހަވާލުކުރި ބަޔަކު ލައްވައިވެސް ކުރަނީ އިލްމީ ދިރާސާއެކެވެ. ދިރާސާ ނިމޭއިރު އޮންނާނީ ހިއުމަންރައިޓްސްއާއި ފްރީޑަމް އޮފް އެކްސްޕްރެޝަންގެ ތެރެއަށް ވަދެފައެވެ.

ދިވެހި ރާއްޖޭގައި ގާނޫންތަކުގެ ދަށުން ރަޖިސްޓްރީކޮށް ދިވެހި ރާއްޖޭގައި ހިންގާ ދިވެހި ދައުލަތަށް ޒިންމާދާރުވާންޖެހޭ ޖަމާއަތަކުން ދިވެހި ރާއްޖޭގެ އިސްލާމްދީނާއި ގާނޫން އަސާސީއާއި ގާނޫންތަކާއި ދިމާ އިދިކޮޅަށް ގަސްދުގައި ރާވައިގެން ދިވެހި ރައްޔިތުންގެ މޫނުމަތީގައި ވަރުގަދަ އެތިފަހަރަކުން ޖެހީމާ ދިވެހި ސަރުކާރަށް އެކަން ބޮޑެއް ނުވިއެވެ. އެއީ އަދަބު ދެވެންޖެހޭ ކަމަކަށް ގަބޫލެއް ނުކުރެވުނެވެ. ހަރުކަށި އަމީން ހައްޔަރުކުރި ގޮތަށް ލާދީނީ ޝަހިންދާ ހައްޔަރުކުރަން އުޅުމުގެ ހިއްވަރެއް ނެތެވެ. ޚާއްސަ އޮޕަރޭޝަނެއް ނުހިންގުނެވެ. ރާއްޖޭގައި ދިރިނޫޅޭ މީހަކު ހޯދަން ނޫހުގައި އިއުލާން ޖަހައި ފޮޓޯ އާއްމު ކުރުމުން ސަރުކާރުން މިކަމުގައި ފުރިހަމަކުރަންޖެހޭ އިޖުރާތު ފުރިހަމަކުރަމުންދާކަމަށް ދައްކައިދޭން މަސައްކަތްކުރިޔަސް އެއީ ދިވެހިން ބަލައިގަންނާނެކަމެއް ނޫނެވެ. 

ތިއަމަލުކުރިގޮތަށް ދިވެހިންގެ މުސްކުޅި ހަރުބަހެއްގައި ނިސްބަތްކުރަނީ ދެބޯގެރި ދުއްވުމެވެ. ސަރުކާރުން ނުވަތަ ސަރުކާރަށް ނުފޫޒުފޯރުވާ މީހަކު އަޑީގައި ހުރެގެން ދެބޯގެރި ދުއްވުމޭ ނުބުނެވޭނެތޯއެވެ. އެހެންނޫނީ ތިޔަ އަމީނެއް ހައްޔަރުކުރުމުގެ ކުރިން އޭނާގެ ފިކުރާމެދު އިލްމީ ދިރާސާއެއް ކުރަން އުޅުނީހެވެ.

ވަގުތީގޮތުން ސަސްޕެންޑްކުރީ އެއީ ކީރިތި ގުރުއާން ދޮގުކުރުމާއި ނަބިއްޔާ ދޮގުވެރިޔަކަށް ހެދުމަށް ދައްކާފައިވާ ވާހަކައަކީ އިލްމީގޮތުން ދެއްކިދާނެ ވާހަކައެއްކަމަށް ސަރުކާރުން ދެކޭކަމުގެ ނިޝާނެކެވެ. އެހެންނޫންނަމަ ހުރިހައި ހައްދެއް ފަހަނައަޅައިދިޔަ ލާދީނީ ރިޕޯޓްނެރުނު ޖަމާއަތް އުވާލަން ސަރުކާރުން ފަސްޖެހެމުންދިޔުމުގެ މާނައެއް ނެތެވެ. މިއީ ސަރުކާރަށް ބަލަދު އަރާފައިވާ ޖަމާއަތެއްތޯއެވެ. 

Advertisement

ކޮމެންޓް