ކޯޓްތަކުގެ ފަނޑިޔާރުން ވަކިކޮށް އެމްޑީޕީގެ އެޖެންޑާ 19 ގެތެރެއަށް ގެނައުން

29 Oct 2019 | 11:43

ފެށުނީއްސުރެވެސް އެމްޑީޕީގެ ސިޔާސަތުގެ ވަރަށް އިސް އެއް އަމާޒަކީ ރާއްޖޭގެ ފަނޑިޔާރުގެ ކޮށައިކުދިކޮށްލުމެވެ. ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި މުހައްމަދު ނަޝީދުގެ މައްޗަށް ވައްކަމުގެ މައްސަލައެއް ސާބިތުވެ ހުކުމްކުރި ދުވަހުންފެށިގެންނެވެ. ރައީސް މައުމޫންގެ ސަރުކާރު މަގުމަތިން ވަށްޓާލުމަށްޓަކައި މަގުތަކަށް މީހުން ނެރެ ހިންގި ހަރަކާތްތައް ރާވައި ހެދުމުގައި އުޅެފައިވާތީ ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި ކޯޓްތަކުގައި ވަރުގަދަ ޝަރީއަތްތަކެއް ހިންގި ދުވަހުން ފެށިގެންނެވެ.

ފަނޑިޔާރުގެއަށް ތުހުމަތު ކުރެވެނީ ސަރުކާރުން އަތްބާނާތަނަކަށް ނުވަތަ އޭރަކު އޮންނަ ސަރުކާރަކުން ބުނާގޮތަށް ޝަރީއަތްތައް ހިންގާ ކަމަށެވެ. ދިވެހި ރާއްޖޭގެ ދިގު ތާރީޚްގައި އެކަން އެގޮތަށް ހިގިއެވެ. ވެރިޔެއްގެ އަމުރާ ތަބާނުވި ފަނޑިޔާރެއްނަމަ ނައްތައިލެވެއެވެ. ތާރީޚްގެ ކުރީކޮޅު ހަދި ހަސަން ރަސްގެފާނު، އެރަސްގެފާނު ބޭނުންފުޅު ނުވިގޮތަށް އޭރުގެ ފަނޑިޔާރު މަނިކުފާނު ހަސަން ޝިރާޒީ ފައިސަލާއެއް ކުރައްވަން އުޅުއްވުމުން ފަޑިޔާރު މަނިކުފާނުގެ ގައިކޮޅުގައި ކަފަބަދެ ތެޔޮއަޅައި އަންދައިލިއެވެ. ޝަމްސުއްދީން ރަދުންވެސް ފަނޑިޔާރު ފަޟީހަތް ކޮށްލުމަށްޓަކައި މާލޭގެ ނުލަފާފަޑުގެ މީހަކު ލައްވައި ފަނޑިޔާރުގެ ގޮނޑިކޮޅު ކުނިގޮޑަށް އެއްލުވައިލިއެވެ. އިބްރާހިމް ނާސިރުގެ ވެރިކަމުގައި އުއްތަމަ ފަނޑިޔާރު މުހައްމަދު ޖަމީލުދީދީވެސް ޔަހޫދީންގެ ނުބައިވާހަކަ ޚުތުބާއެއްގައި ގެންނަވައިގެން އިސްތިއުފާ ދެއްވަން މަޖްބޫރުކުރެވުނެވެ.

މުހައްމަދު ނަޝީދުގެ މައްޗަށް މައުމޫންގެ ވެރިކަމުގައި ހިންގުނު ޝަރީއަތްތަކުގެ ނަތީޖާއަކަށްވީ މައުމޫންގެ ވެރިކަން ނިމި އާ ގާނޫން އަސާސީގެ ދަށުން ސުޕްރީމް ކޯޓް އެކުލަވައިލަން ޖެހުނު ހިނދު ރައީސްކަމަށް ވަޑައިގެންނެވި މުހައްމަދު ނަޝީދު ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ބަދަލުކުރައްވަން އުޅުއްވުމެވެ. އެމަނިކުފާނުގެ ސަރުކާރަށް ޖުޑިޝަރީ އަބުރުވައިލުމަށެވެ. އޭރު އޮތް ޖޭއެސްސީގައި ހިމެނިވަޑއިގެންނެވި ބޭފުޅަކު ވިދާޅުވިގޮތުގައި ޖޭއެސްސީން ވަރަށް ބޮޑަށް ދިރާސާކޮށް، ތަޖުރިބާއާއި އިލްމީ ގާބިލްކަމާއި، އިންޓެގްރިޓީއާއި މިހުރިހައިކަމަކަށް ބަލައި ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ މަގާމަށް އައްޔަންކުރަން ފެންނަ މީހުންގެ ލިސްޓެއް ރައީސަށް އެރުވުމުން އެލިސްޓް ވަށިގަނޑަށް އަޅުއްވާފައި ކަނޑައެޅުއްވީ އޭރު އޮތް ޑީއާރްޕީއާއެކު ސިޔާސީގޮތުންއެއްބަސްވެވޭ ނަންތަކެއް އަމިއްލަފުޅަށް ހޮއްވެވުމަށެވެ. މައުލޫމާތު ދެއްވި ޖޭއެސްސީގެ މެމްބަރ އެންމެ ހައިރާންވީ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ގެނައި ނަންތަކުގެތެރޭގައި ފަނޑިޔާރު އަލީހަމީދުގެ ނަން ހިމެނުމުންނެވެ. ޖޭއެސްސީން ތައްޔާރުކުރި ލިސްޓުގައި އަލީ ހަމީދުގެ ނަމެއް ނެތެވެ.

ދެން ދުވަސްކޮޅަކުން ކޯޓްގެ ފަނޑިޔާރަކު ގާނޫން އަސާސީއާއި ޚިލާފަށް ހައްޔަރުކުރި މައްސަލައެއްގައި ނަޝީދުގެ މައްޗަށް ހުކުމް ޖެހި ފަނޑިޔާރުންގެތެރޭގައި ހަލީ ހަމީދު ހިމެނުމުން އެމްޑީޕީގެ އަންހެން މެމްބަރުންނާ ފިރިހެން މެމްބަރުން އަލީ ހަމީދު ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ ހުދު ޖަގިޔާއެއް މޭމަތީގައި ކުރަހައި، ތާކިހަލެއްގެ ގޮތަށް ހުދު ޖަނގިޔާ ބޮލުގައި އަޅައި، އެއްބަޔަކު ހުދުޖަގިޔާއަކުން ދިދަ ޖަހައިގެން މާލެތެރޭގައި ހިގާއުޅުނެވެ. ފަޑިޔާރުގެ އިސްލާހްކުރުމުގެ ނަމުގައެވެ. އެކަމަކު އެ އަލީ ހަމީދު ސުޕުރީމް ކޯޓަށް ވެއްދީ މުހައްމަދު ނަޝީދުގެ ޕާފެކްޓް ހޮވުމަކުންނެވެ.

އެމްޑީޕީއަށް އުދަގޫ ދުވަސްތަކަކަށްފަހު އަނެއްކާވެސް އެޕާޓީ މިއަދު އޮތީ ވެރިކަމުގައެވެ. ބަދަލުވީ މޫނެކެވެ. ކުރަނީ އެއްކަމެކެވެ. ކުރިންވެސް އިސްލާމްދީނަށް ކުޑައިމީސްވާގޮތަށާއި ދީނަށް ފުރައްސާރަކުރަންފެށުމުން ކަންކަންބޮޑުވެ ދިވެހިން ރުޅިއައިސްގެން މަގުމައްޗަށް ނުކުތީއެވެ. މުހައްމަދު ނަޝީދުގެ ގޮތްދޫނުކުރާ ލާދީނީކަމަށް މީހުން ތުހުމަތުކުރި ހަރުކަށި ސިޔާސަތުތައް ދޫނުކޮށް ތަންފީޒުކުރަން ގަދަފައި ވިއްދަމުންދިޔައީއެވެ. މައްސަލަތައް ވަންނަނީ ސުޕްރީމް ކޯޓަށެވެ.

ދީނަށް ފުރައްސާރަކުރުން ނޫންކަމެއް ނެތްތޯއެވެ

މިއަދުވެސް ހަމަ އެކަމެވެ. އިސްލާމްދީނަށް ފުރައްސާރަކުރި މައްސަލަ މިފަހަރު އެތައް ގުނައެއް މައްޗަށް ޖެހި، ( ކީރިތި ގުރުއާންއާއި ނަބިއްޔާ ދޮގުކޮށް) އެކަންކުރި މީހުންނާމެދު އަޅަން އޮންނަ ގާނޫނީ ފިޔަވަޅު އަޅަން އެތައްބަޔަކު ގޮވާލަންފެށުމުން އެގޮތަށް ގޮވާ ކޮންމެ މީހަކީ ހައްދުފަހަނައަޅާފައިވާ ހަރުކަށި ދީނީމީހެއްގެ ގޮތުގައި ތައްގަނޑުޖަހައި އަދި ނުވިތާކަށް މީހުންގެ ބޮލުގައި ސީރިޔާއަށް ވަގަން ހަގުރާމަވެރިން ފޮނުވާ ކަމުގެ ދޮގުއިލްޒާމް އަޅުވައި އާއްމު ރައްޔިތުންގެ ތެރޭގައި ސަރުކާރާމެދު ނަފްރަތު އުފެއްދުމުގެ ވާހަކަތައް ދެއްކުން އިތުރުކުރަނީއެވެ. މިމައްސަލަ ބޮޑުވާންފެށުމުން ސުޕްރީމްކޯޓާމެދު ބިރުގަންނަންފެށީއެވެ. އެއީ ﷲ ގަންދީ ހުވާކުރައްވާފައިވަނީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށްކަމަށްވެފައި، ދީނަށް ފުރައްސާރަކުރި މީހުންގެ ދިފާއުގައި ހުރިކަން ދޭހަވާ ދަރަޖައަކަށް ތިމާގެ ބަސްމަގާއި އަމަލުބަހައްޓާގޮތުން ތުހުމަތުކުރެވެންފެށުމުން މީހަކު އެމައްސަލަ ސުޕްރީމް ކޯޓަށް ވައްދައިފިނަމަ ކޯޓުން ބަލާފާނެކަމަށް ހީވެ، ބަލައިފިއްޔާ ސާބިތުވާނެކަން ޔަގީންވެ، ސާބިތުވެއްޖިއްޔާ މަގާމް ގެއްލިދާނެކަމާމެދު ޝައްކެއްނެތް މިންވަރަށް ވަސްވާސްތައް އުފެދުމުން ދެން އޮތް އެތިފަހަރު އަޅަނީއެވެ. ރާއްޖޭގެ އެންމެބޮޑު ނޫހުން ސިފަކުރަނީ ޖޭއެސްސީން ވަރުގަދަ ހިފުމަކަށް ދަނީކަމަށެވެ. ނޫނެކެވެ. ރައްޔިތުންނަށް އޮޅުއްވައި ނުލައްވާށެވެ. ފަރުދާގެ ފަހަތުގައި ހިގަނީ އެހެންކަމެކެވެ. މީގެކުރިން ފަނޑިޔާރުންގެ ކުރިމައްޗަށް ނަޝީދު ނެރުނީ މަޝްހޫރު ވެލިޒިނީއެވެ. އެންމެފަހުން އިސްލާމްދީނަށް ފުރައްސާރަކުރުމުގައި އަރައިގެންދިޔަދިޔައިނުން މިހާރު ވީތަނެއްވެސް ނޭގެއެވެ. ބޭނުމަކީ ސުޕްރީމް ކޯޓުގައި އިސްލާމީ ޝަރީއާ ދަންނަ އެކަކުވެސް ނުބޭންދުމެވެ. ދިވެހި ރާއްޖޭގެ ނިޒާމު ރޫޅައިލުމެވެ. ސުޕްރީމް ކޯޓުގެ ކޮންޓްރޯލް ނެގުމަށްފަހު ބޭނުންވާ ގޮތަކަށް ކަންކަން ގެންދިއުމަށް ތައްގަނޑު ޖަހައިދީގެންނެވެ. އެމަގަށް އެންމެ ކޮލިފައިޑްވާ އެއް ނަމަކީ މިހާރު އޮތް ޖޭއެސްސީން ބެކިން ދީގެން މަޖިލީޖަށް ފޮނުވާފައިވާ ދިޔާނާ ސައީދެވެ. ޖޭއެސްސީން ދިޔާނާގެ ނަން ފޮނުވުމުން އެކަން އެވީގޮތް އެންމެންނަށް އެގެއެވެ. އެއީ އެއް އިހަށްދުވަހު އިސްލާމީ ޝަރީއާގެ ހުކުމަކާމެދު ސުވާލުއުފައްދައި ބަހުސެއް ހިންގާފައި އޮތަތީއެވެ.

ކޮންމެއަކަސް ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ވަކިކުރުމުގެ ކަންކަން މެކުހަށް ޖަހައިގެން އެމްޑީޕީގެ މަޖިލިސް މެމްބަރުން އަޑުއުފުލަމުންދާއިރު ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަދި ހުންނެވީ ހިމޭނުންނެވެ. ދައުލަތް ހިންގުމުގެ އެންމެ އިސްވެރިޔާއަކަށް ރައްޔިތުން ހޮވާފައިވަނީ އެމަނިކުފާނެވެ. އެކަމަކު ފެންނަނީ އެހެންމީހަކު ރައީސަށް ހެދިގެން މުޅިގައުމު ފިތުނައިގެ ކޯރަކަށް ވައްޓަމުންދާތަނެވެ. އަސްލު ރައީސަށް ހަމަޖެހިވަޑައިގެން އަވަހާރަފުޅު ލެއްޕެވޭނެކަމެއްވެސް ނޭގެއެވެ. އެކަމަކު އެކަން އެކަން ދައްކަވާކަށް ބޭނުންފުޅެއް ނުވެއެވެ. މިގޮތަށް ދައުލަތް ހިގަމުންދަނީ ދުނިޔޭގެ ކޮންގައުމެއްގައިތޯއެވެ.

Advertisement

ކޮމެންޓް