ނަޞްރުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

03 Nov 2019 | 12:34

މިއަދު ފާހަގަކުރަމުންދާ ނަޞްރުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ދުވަހުގެ ތަހުނިޔާ ފޮނުއްވީ ޓްވިޓަރ މެދުވެރިކޮށެވެ.

ރައީސް ޞާލިހު ވިދާޅުވީ ‏ނަޞްރުގެ ދުވަހުގެ ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮ އެދުންތައް ލޮބުވެތި ދިވެހި އެންމެހާ ރައްޔިތުންނަށް އަރިސްކުރައްވާކަމަށެވެ. އަދި މިޤައުމަށްޓަކައި ޝަހީދުވެދިޔަ ބަޠަލުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ފާހަގަކުރެވެމުން މިދަނީ ދިވެހިރާއްޖޭގެ 31 ނަޞްރުގެ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމްގެ ކުލީ ސިފައިންތަކަކާއި ދިވެހިންގެ ބަޔަކު ގުޅިގެން ދިވެހިރާއްޖޭގެ ވެރިކަން އަތުލައިގަތުމަށް ދިން ހަމަލާއިން ދިވެހި ގައުމަށް ނަޞްރު ލިބުމާއި ގުޅިގެންނެވެ.

މި ހަމަލާގެ މޭސްތިރިންގެ ތެރެއިން ހިމެނޭ ސ.ހިތަދޫ ޕެރިސްހޮލިޑޭ ސަގަރު އަހުމަދު ނާޞިރު މިވަގުތު ހުރީ ޖަލުހުކުމް ތަންފީޒުކުރުމަށްފަހު މިނިވަންވެފައެވެ. އަދި ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ވަނީ ގިނަ އަހަރުތަކެއް ވަންދެން ސްރީލަންކާގައި ފިލައިގެން ހުރުމަށްފަހު، މިއަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު ދިވެހި ސަރުކާރާއި އަމިއްލައަށް ހަވާލުވެފައެވެ.

Advertisement

ކޮމެންޓް