2020ގެ ބަޖެޓް: ތިރީސް ހަތް ބިލިޔަން ރުފިޔާއަށް އަރާ!

04 Nov 2019 | 12:38

އަންނަ އަހަރަށް ލަފާކުރެވޭ ދައުލަތުގެ ބަޖެޓްގެ ގޮތުގައި 37.5 ބިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

މި ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވަނީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ.

37.5ބިލިޔަން ރުފިޔާގެ މި ބަޖެޓަކީ ދިވެހި ރައްޔިތުންނަށް ބުރަނުވާނެފަދަ ގޮތަކަށް ޖަޒީރާ ދިރިއުޅުމަކަށް މަގު ކޮށައިދޭނެ ބަޖެޓެއްކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. އަދި މިއީ ލާމަރުކަޒީ ނިޒާމު ކުރިއަރުވައި، މިހާތަަނަށް ރެކޯޑްކުރެވުނު އެންމެ ބޮޑު ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް ހިމެނޭ ބަޖެޓުކަން އަމީރު ފާހަގަކުރެއްވިއެވެ.

އަންނަ އަަހަރުގެ ބަޖެޓްގެ ޖުމްލަ އަދަދަކީ 37.5ބިލިޔަން ރުފިޔާއެވެ. މި ބަޖެޓްގައި ލިބޭނެ އާމްދަނީގެ ގޮތުގައި އަންދާޒާކޮށްފައިވަނީ 29.9 ބިލިޔަން ރުފިޔާއެވެ. މި އަަދަދުގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ ޓެކްސްގެ ނިޒާމުންނެވެ. ބަޖެޓްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެއީ އާމްދަނީގެ 48 ޕަސެންޓް ނުވަތަ 17.8 ބިލިޔަން ރުފިޔާއެވެ.

އަންނަ އަހަރުގައި ޓެކްސްގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ވަނީ އަމާޒުކޮށްފައެވެ. އެގޮތުން އިންކަމް ޓެކްސް ނަގަންފެށުމަކީ އެންމެ މުހިންމު އެއް ބަދަލެވެ. މި ބަޖެޓްގައިވާ ގޮތުގައި އިންކަމް ޓެކްސްއާއި އެއާއި ގުޅޭ އެހެން ޓެކްސްތަކުން 706 މިލިޔަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވެއެވެ.

2020ގެ ބަޖެޓުގައި ދައުލަތުގެ ޖުމްލަ ޚަރަދުގެ ގޮތުގައި އަންދާޒާކޮށްފައިވަނީ 35.6 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މި ބަޖެޓަކީ 5.7ބިލިޔަން ރުފިޔާއިން ޑެފިސިޓްވެގެންދާނެ ބަޖެޓެއްކަން ފާހަގަކޮށްލެވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ތައްޔާރުކޮށްގެން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ފުރަތަަމަ ބަޖެޓެވެ.

Advertisement

ކޮމެންޓް