ސަރުކާރުގެ ފަރާތުން މާލޭގައި ޑޭކެއާ ސެންޓަރެއް ގާއިމްކުރަނީ

05 Nov 2019 | 15:24

ސަރުކާރުގެ ފަރާތުން މާލޭ ސަަރަހައްދުގައި ކުޑަކުދިން ބަލަހައްޓާ ޑޭ ކެއާ ސެންޓަރެއް ގާއިމްކުރުމަށް ނިންމައިފިއެވެ.

މި ސެންޓަރ ގާއިމްކުރުމަށް ބޭނުންވާ ފައިސާ ވަނީ ރައްޔިތުންގެ މަޖިލީހަށް މިހާރު ފޮނުވާފައިވާ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައެވެ.

2020ގެ ބަޖެޓްގައި މާާލޭ ސަރަހައްދުގައި ޑޭކެއާ ސެންޓަރެއް ގާއިމްކުރުމަށް ހިމަނާފައިވަނީ 4.63މިލިޔަން ރުފިޔާއެވެ. މާލޭގައި މިހާރުވެސް ގިނަ އަދަދެއްގެ ޑޭކެއާ ސެންޓަރުތައް ހުންނައިރު، މިއީ ސަރުކާރުގެ ފަރާތުން ގާއިމްކުރާ ފުރަތަމަ ޑޭ ކެއާ ސެންޓަރކަން ފާހަގަކޮށްލެވެއެވެ.

ޑޭ ކެއާ ސެންޓަރތަކަކީ މައިންބަަފައިން ވަޒީފާގައި ތިބޭ ވަގުތުތަކުގައި ކުދިން ބެލެހެއްޓުމުގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަނެވެ. ބޭރު ގައުމުތަކުގައި ގާއިމްކޮށްފައިވާ މިފަދަ ޑޭ ކެއާ ސެންޓަރުތަކުން ކުދިންނަށް ކެއިން ބުއިމާއި، ކިޔެވުމާއި ކުޅުމާާއި އަދި އަރާމުކުރުން ފަދަ ވަސީލަތްތައް ފޯރުކޮށްދެއެވެ.

އަންނަ އަަހަރުގެ ބަޖެޓްގެ ޖުމްލަ އަދަދަކީ 37.5ބިލިޔަން ރުފިޔާއެވެ. މި ބަޖެޓްގައި ލިބޭނެ އާމްދަނީގެ ގޮތުގައި އަންދާޒާކޮށްފައިވަނީ 29.9 ބިލިޔަން ރުފިޔާއެވެ. މި އަަދަދުގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ ޓެކްސްގެ ނިޒާމުންނެވެ. ބަޖެޓްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެއީ އާމްދަނީގެ 48 ޕަސެންޓް ނުވަތަ 17.8 ބިލިޔަން ރުފިޔާއެވެ.

އަންނަ އަހަރުގައި ޓެކްސްގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ވަނީ އަމާޒުކޮށްފައެވެ. އެގޮތުން އިންކަމް ޓެކްސް ނަގަންފެށުމަކީ އެންމެ މުހިންމު އެއް ބަދަލެވެ. މި ބަޖެޓްގައިވާ ގޮތުގައި އިންކަމް ޓެކްސްއާއި އެއާއި ގުޅޭ އެހެން ޓެކްސްތަކުން 706 މިލިޔަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވެއެވެ.

2020ގެ ބަޖެޓުގައި ދައުލަތުގެ ޖުމްލަ ޚަރަދުގެ ގޮތުގައި އަންދާޒާކޮށްފައިވަނީ 35.6 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މި ބަޖެޓަކީ 5.7ބިލިޔަން ރުފިޔާއިން ޑެފިސިޓްވެގެންދާނެ ބަޖެޓެއްކަން ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް