އަނިޔާ ލިބުނު ރައްޔިތުންނަށް ބަދަލު ދޭންޖެ، ޙާއްސަކޮށް އެމްޑީޕީ މެމްބަރުންނަށް: އަސްލަމް

06 Nov 2019 | 17:27

 އަނިޔާ ލިބުނު ރައްޔިތުންނާއި ޙާއްސަކޮށް އެމްޑީޕީ މެމްބަރުންނަށް ބަދަލު ދޭންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެޖެންޑާ 19ގެ އެއް ބިލް ކަމަށްވާ އިންތިގާލީ އިންސާފް ޤާއިމް ކުުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހަަށް ހުށަހެޅި ކުރިއަށްދިޔަ ބަހުސްކުރުމުގެ މަރުހަލާގެ ތެރެއިން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ސިޔާސީ ބޭނުމަށްޓަކައި ވަކިން ހާއްސަކޮށް މީހުންގެ ހައްގުތަކަށް އަރައިގަނެ، ސީދާ މީސްމީހުންނަށް އަނިޔާދެވި، އަދަބުދެވި ހައްޔަރު ކުރެވުނީ މިދިޔަ 2012 ވަނަ އަހަރުން ފެށިގެން އެކަނި ނޫން ކަމަށާއި، ރާއްޖޭގެ ތާރީހުގައި އެކި ދުވަސްވަރު އެކި މިންވަރަށް ސިޔާސީ ސަބަބުތަކަށްޓަކައި އެކިވަރުގެ ދުއްތުރާލާއި އަނިޔާއާއި ގޯނާ، ރައްޔިތުނަށް ކުރެވިދިޔަކަމަށެވެ.

އެގޮތުން އެތައް ރައްޔިތުންގެ ހަލާލު މުދާ ސަރުކާރަށް ނަގާ އެކި ގޮތްތަކަށް ބަހާ،ވިއްކާ ހަދާފައިވާކަމަށާއި ރަނގަޅު އިންތިގާލީ އިންސާފެއް ޤައިމްކުރަން ބޭނުންވާ ނަމަ ފައްޓަންވީ 2012 ވަނަ އަހަރުން ފެށިގެން ނޫން ކަމަށާއި އެކަން ބަލާ ތަޙްޤީޤް ކުރަންވީ ދެވަނަ ޖުމްހޫރިއްޔާއާއި ހިސާބުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަދި މިފަދަ ކަންކަން ބެލުމަށް ޤާނޫނީ ހުރަހެއް އޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ޕާޓީތައް އުފެދިގެން އައިސް އެމްޑީޕީގެ ވެރިކަން ބަޣާވާތަކުން ފުރޮޅާލި ހިސާބުން އެތައް ބަޔަކަށް އެތައް ދުއްތުރާތަކެއް ވެގެންދިޔައިރު އޭގެ ތެރޭގައި ވަކިން ހާއްސަކޮށް އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ގިނަ ބަޔަކަށް އަނިޔާ ކުރެވި، ޖަލަށްލައި، ޖަލުގައި މަރުވެދިޔަ މީހުންގެ އިތުރުން އެތައް ބައެއްގެ މުދާ ފޭރިގެންފައިވާާކަމަށެވެ.

މިކަންކަން ބަލާއި ބަދަލުދޭން ޖެހޭކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މީގެ އިތުރުން އިންސާނީ ހައްގަށް އަރައިގެންފައިވާ ކަންކަން ނުބަލާއި ލޯ މަރާލައިގެން ނިންމާލެވެން ނެތް ކަމަށް އަސްލަމް ވިދާޅުވިއެވެ. އިންސާފް ޤާއިމް ކުރެވެން އޮތް ވަރަކަށް އިންސާފް ޤާއިމްކޮށްދޭންޖެހޭ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އިންތިގާލީ އިންސާފް ޤާއިމް ކުުރުމުގެ ބިލް މަޖިލީހަށް ހުށައަޅުއްވާފައިވަނީ އަސްލަމެވެ.

Advertisement

ކޮމެންޓް