ލަންކާގެ ސިޔާސީ ހަމަނުޖެހުމުގައި ބަޑިޖަހައި އެކަކު މަރާލައިފި

29 Oct 2018 | 08:01

ސްރީލަންކާގެ މަޖިލިސް މެމްބަރެއްގެ ބޮޑީ ގާޑަކު، ދެކޮޅު ހަދަމުންދިޔަ ބައެއްގެތެރެއަށް ބަޑިޖެހުމުން އިއްޔެ އެކަކު މަރުވެއްޖެއެވެ. މިކަން ހިގީ ރައީސް މައިތިރިޕާލާ ސިރިސޭނާ އުވާލި ކެބިނެޓްގެ ތެލާއިބެހޭ ވަޒީރުގެ ގޮތުގައި ހުންނެވި އަރުޖުނާ ރަނަތުންގަ އޭނާ މަސައްކަތްކުރި އޮފީސްތެރެއަށް ވަންނަ އުޅުމުން އޭނާއާ ދެކޮޅަށް ބަޔަކު ހަރަކާތްތެރިވި ބަޔަކު ހުއްޓުވަންވެގެން ބޮޑީގާޑު ބަޑިޖެހުމުންނެވެ.

ރައީސް މައިތިރިޕާލާ ސިރިސޭނާވަނީ ބޮޑުވަޒީރުކަމުން ރަނިލް ވިކްރަމަ ސިންގް ވަކިކޮށް ކުރީގެ ބާރުގަދަ ރައީސް ރާޖަޕަކްސޭ ބޮޑުވަޒީރަކަށް ހަމަޖައްސައި ޕާލަމެންޓް ސަސްޕެންޑްކޮށްފައެވެ. 

ވިކްރަމަ ސިންގް ބުނަމުންދަނީ އޭނާ ވަކިކުރުން ގާނޫން އަސާސީއާއި ޚިލާފްކަމަށެވެ. ސިރިސޭނާ ދެއްވި ސްޕީޗެއްގައި ރަނިލްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ފަސާދައާއި އޭނާއާއި ގުޅުވާފައިވެއެވެ.

އިއްޔެގެ ހަމަނުޖެހުން ހިގާފައިވަނީ ރަނަތުންގަ އޭނާ މަސައްކަތްކުރާ ސިލޯނު ޕެޓްރޯލިއަމް ކޯޕަރޭޝަންގެ އޮފީހަށް ވަންނަން ދިމާކުރުމުންނެވެ. 

ބަޑިޖެހުމުން ޒަޚަމްވިމީހާ މަރުވީ އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެވެމުންދަނިކޮށެވެ. އިތުރު ދެމީހަކު ޒަޚަމްވިއެވެ. ރަނަތުންގަ އަކީ ސްރީލަންކާގެ ކުރީގެ ކްރިކެޓް ކެޕްޓަނެވެ. ހަމަލާއާއި ގުޅިގެން ރަނަތުންގަގެ ބޮޑީގާޑުވަނީ ހައްޔަރުކޮށްފައެވެ.

ޚަބަރުތައް ބުނާގޮތުގައި ސްރީލަންކާގައި މިހާރުއޮތް ސިޔާސީ ދެކޮޅުވެރިކަން ކުޑަނުކުރެވިއްޖެނަމަ އިތުރު ހަމަނުޖެހުންތައް ހިގުމުގެ ފުރުސަތު ބަރަށް ބޮޑެވެ. 

ސްރީލަންކާގެ ރައީސް، ބޮޑުވަޒީރު ރަނިލް މަގާމުން ވަކިކުރީ ސަރުކާރުން ވޭތުވެދިޔަ ތިން އަހަރުތެރޭގައި ގެންގުޅުނު ސިޔާސަތު ތަކުން ގައުމުގެ އިގްތިސާދު ވަރަށް ބޮޑަށް ނިކަމެތިވެގެންހިގައްޖެކަމަށް ބުނަމުންނެވެ. 

އެގައުމުގެ ފައިސާގެ އަގު ވެށްޓިގެންދިޔައީ ސަރުކާރުން ސެންޓްރަލް ބޭންކު މެދުވެރިކޮށް ވިއްކި 65 މިލިޔަން ޑޮލަރުގެ ބޮންޑުގެ ސަބަބުންކަމަށް ސިރިސޭނާ ތުހުމަތުކުރައްވައެވެ.

ބޮޑުވަޒީރުކަމުން ވަކިކުރިޔަސް ރަނިލް ގެންދަވަނީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުން ނުކުންނަވަން އިންކާރު ކުރައްވަމުންނެވެ. ބޮޑުވަޒީރަކީ އަދިވެސް އޭނާކަމަށް ވިދާޅުވެއެވެ. 

Advertisement

ކޮމެންޓް