Advertisement

ދައުލަތުގެ ފައިސާގައި ޖެހޭކަށް ނުޖެހޭނެ، އޭރުވެސް ހުރި ފައިސާ އެއް މިލިއަން ޑޮލަރަށް ވުރެ ގިނަ ވާނެ: ޔާމީނު

14 Nov 2019 | 10:16

ދައުލަތުގެ ފައިސާގައި ޖެހެން ނުޖެހޭނެ ކަމަށާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ކުރިމަތިވި އިރުވެސް ރައީސް އަބްދުﷲ ޔާމީން އެކައުޓްގައި ހުރި ފައިސާ އެއް މިލިއަން ޑޮލަރަށްވުރެ ގިނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑާގެ ޝަރީއަތާއި ގުޅިގެން ރޭ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޔާމީނުގެ މައްޗަށް މަނީލޯންޑާގެ ދައުވާ އުފުލާފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން، އެއް މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކުރި ކަމުގެ ތުހުމަތުގައެވެ.

އިދިކޮޅު ފަރާތްތަކުން ''މަވެސް ޕީޕީއެމް'' ގެ ނަމުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޔާމީނު ވިދާޅުވީ ދައުލަތުގެ ފައިސާގެ ތެރެއިން އެންމެ ލާރިއެއްގައިވސް ޖެހިފައި ނުވާނެ ކަމަށާއި އެމަނިކުފާނުގެ ނަފްސުގެ މުއްސަނދިކަން އެއަށް ވުރެ މާ ތަނަވަސް ވާނެ ކަމަށެވެ.

"އަޅުގަނޑު ނުޖެހޭނެ ދައުލަތުގެ ފައިސާގައި ޖެހޭކަށް. އަޅުގަނޑު އަތުގައި އޭރު ވެސް ހުރި ފައިސާ އެއް މިލިއަން ޑޮލަރަށް ވުރެ ގިނަ ވާނެ. އެހެންވީމާ މިވަރުގެ ގިލަންވެރި ކަމެއްގެ ތެރޭގައި އަޅުގަނޑުގެ އާއިލާ ތަހައްމަލު ކުރުވަން އަޅުގަނޑު މި ދަންތުރަ ޖައްސާކަށް ބޭނުމެއް ނުވާނެ.'' ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަކަށް ރައްޔިތުން ގަބޫލެއް ނުކުރާނެ ކަމަށެވެ. އަދި އެވަރުގެ ކަމެއް ކުރަން އަމިއްލަ ނަފްސަށް ވެސް ލަދުވެތިވާ ކަމަށް ވިދާޅުވިއެވެ.

"އެއަށް ވުރެ އިރާދަކުރެއްވިއްޔާ އަޅުގަނޑު ތަނަވަސް. އެ އަށް ވުރެ އަޅުގަނޑުގެ ތަނަވަސްކަން އެބަހުރި. އަޅުގަނޑު ކަންބޮޑެއްނުވޭ އަޅުގަނޑު ބައިތުލްމާލުން އެންމެ ލޯ ލާރިއެއްގައިވެސް ޖެހިފައެއް ނުވާނެ." ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީނުގެ ވާހަކަފުޅުގައި ވަނީ ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތު ކުރައްވާފައެވެ. 

އެގޮތުން ޔާމީން ތުހުމަތު ކުރެއްވި ގޮތުގައި ޖޭއެސްސީން ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ކަމަށް ބުނެ، ބަލަމުން ދަނީ ކުރިން ފަނޑިޔާރުން ނެރުއްވި ހުކުމްތަކާއި އަމުރުތަކެވެ. 

އެމަނިކުފާނު ވިދާޅުވީ، އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ގަބޫލުފުޅު ކުރެއްވޭ ކަމެއް ނޫން ކަމަށެވެ. 

ރައީސް ޔާމީން ވިދާޅުވީ، ފަނޑިޔާރުންގެ މައްސަލަތައް ނިންމަން މިހާރު ޖޭއެސްސީގައި ތިބީ ކިހާ ތާހިރު ބައެއްތޯ ހިތަށް އަރާވަޑައިގަންނަވާ ކަމަށެވެ. 

''ފަނޑިޔާރުންގެ މައްސަލަ ބައްލަވަން އެންމެ އިސްކޮށް މި ހުންނަވަނީ ރައީސް ނަޝީދު. ރައީސް ނަޝީދުގެ އެފުށް މިފުށް އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ. އެތާނގައި ނުހުންނާނެ ސަހަލު އެއް ބޭފުޅެއްވެސް." ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު "ޝަރަފުވެރި ޚާއިނުންތަކެއް" ވެސް އުޅުއްވާ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ، އެކަން 1 ފެބްރުއަރީ 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ފެނިވަޑައިގެންނެވި ކަމަށެވެ. 

ރައީސް ޔާމީން ވިދާޅުވީ އުއްތަމަ ފަނޑިޔާރު މަގާމުން ދުރުކުރުމަކީ އެއީ އާދައިގެ ކަމެއް ނޫން ކަމަށާއި، އެބޭފުޅުން ވަކިކުރައްވަން އުޅުއްވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. 

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ މަގާމުން ދުރުކުރުމަށް ޖޭއެސްސީން މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. އެމައްސަލަ މިއަދުގެ މަޖިލީހުގެ ޖަލްސާއަށް މިހާރު ވަނީ އެޖެންޑާކޮށްފައެވެ.



Advertisement

ކޮމެންޓް

Advertisement