ފެބްރުއަރީ އިން ފެށިގެން ކުރިން ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް މޮރޮކޯއަށް ދެވޭނެ!

15 Nov 2019 | 22:48

އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކުރިން ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް މޮރޮކޯއަށް ދަތުރުކުރެވޭނެ ގޮތް ހަމަޖައްސައިފިއެވެ.

މިކަމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މޮރޮކޯއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވާ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރ ޝާހިދު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން 31ޖެނުއަރީ އިން ފެށިގެން ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް މޮރޮކޯއަށް ދަތުރުކުރެވޭނެކަމަށާއި މިއީ ދިވެހިރާއްޖެއާއި މޮރޮކޯގެ ޚާރިޖީ ގުޅުމުގެ މުހިންމު ދުވަހެއް ކަމަށެވެ.

މިނިސްޓަރ ޝާހިދު މޮރޮކޯއަށް މިކުރައްވާ ރަސްމީ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ސްޓޭޓް މިނިސްޓަރ އަހްމަދު ޚަލީލް، ދިވެހިރާއްޖެއިން ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ހުސެއިން ނިޔާޒް އާއި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އެޑިޝަނަލް ސެކްރެޓަރީ އަހްމަދު ޝިއާންގެ އިތުރުން އެސިސްޓަންޓް ޑިރެކްޓަރ މުއުމިނާ އިބްރާހިމް ބައިވެރިވެ ވަޑައިގަންނަވައެވެ.

ދިވެހިރާއްޖެއާއި މޮރޮކޯއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރީ 4 ފެބްރުއަރީ 1988 ގައެވެ.

Advertisement

ކޮމެންޓް