ޑރ.އަފްރާޝީމްގެ މަރުގެ މައްސަލައިގައި ސަލަފްއާއި ޑރ.ޝަހީމްގެ މައްޗަށް ތުހުމަތުތަކެއް!

17 Nov 2019 | 12:49

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ.އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ސަލަފް ޖަމާއަތާއި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށް ތުހުމަތުތަކެއް ކޮށްފިއެވެ.

މި ތުހުމަތުތައް ކޮށްފައިވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއްވި މަރުތަކާއި ބެހޭ ކޮމިޝަންގެ ތަހުގީގީ ރިޕޯޓްގެ ޚުލާސާގައެވެ.

އެގޮތުން އެ ޚުލާސާގައި ބުނެފައިވާ ގޮތުގައި ޑރ.އަފްރާޝީމް އަވަހާރަވި ދުވަހުގެ ރޭ ޓީވީއެމްގެ ޕްެރޮގްރާމަކަށް އަރާވަޑައިގެންފައިވަނީ އޭރުގެ އިސްލާމިކް މިނިސްޓަރ ޑރ.ޝަހީމްގެ އެދިލެއްވުމުގެ މަތިންނެވެ. އަދި ޑރ.ޝަހީމްގެ އެދިލެއްވުމަކަށް އެބޭފުޅާއާއި ޑރ.އަފްރާޝީމް ބައްދަލުކުރެއްވިކަމަށްވެސް ވަނީ ބުނެފައެވެ. 

މީގެ އިތުރުން ޑރ.އަފްރާޝީމް ތައުބާ ވެއްޖެނަމަ އޭނާގެ މައްޗަށް ހިތްހެޔޮ ވާނެ ކަމަށް ބުނެ މީހަކު ޝަހީމަށް ފޮނުވި މެސެޖެއް އެބޭފުޅާގެ ފަރާތުން އަފްރާޝީމަށް ފޯވާޑް ކުރިކަމަށް ޝަހީމް ވަނީ އެއްބަސްވެވަޑައިގަންނަވާފައެވެ. ނަމަވެސް މި މެސެޖް ފޮނުވީ ކޮން ފަރާތަކުންކަމެއް މިހާރު ހަނދާނެއް ނެތްކަމަށް އެބޭފުޅާ ވަނީ ތަހުގީގުގައި ވިދާޅުވެފައެވެ.

ޑރ.އަފްރާޝީމް އަލީ އާއި މެދު ދެކޮޅުވެރިކަން އުފައްދަން ސަލަފު ޖަމާޢަތުން މަސައްކަތް ކުރިކަމަށްވެސް އެ ރިޕޯޓްގައި ބުނެފައިވެއެވެ.

އޭގެ އިތުރުން "ހަބޭސް ޓީވީ" ގެ ނަމުގައި 2011 ވަނަ އަހަރު ހިންގި ޔޫޓިއުބް ޗެނަލް އިން ވެސް އަފްރާޝީމަކީ ވަރަށް ނުރައްކާތެރި މީހެއްގެ ގޮތުގައި ސިފަކޮށްފައިވާ ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ.

Advertisement

ކޮމެންޓް