ދީނީ ހަރުކަށި ފިކުރުތައް ނުހުއްޓުވޭނަމަ ރާއްޖެ ޚަރާބުވާނެ: ރައީސް ނަޝީދު

17 Nov 2019 | 21:13

ދީނީ ހަރުކަށި ޚިޔާލުތަކާއި ފިކުރުތައް ނުހުއްޓުވޭނަމަ ދިވެހިރާއްޖެ ޚަރާބުވެގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖޭގައި ހިނގާ ދީނީ ހަރުކަށި ފިކުރުގެ ހަރަކާތްތައް އަވަހަށް ތަހުގީގު ކުރެވި ހުއްޓުމަކަށް ނުގެނެވިއްޖެ ނަމަ ދިވެހިރާއްޖެ ހަރާބުގެ މަގަށް ދާނެކަމާއި މެދު ޝައްކެއް ނެތްކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ ކަމާއިބެހޭ ހުރިހާ ފަރާތްތަކުން މަރު ކޮމިޝަނުން އެކުލަވާލާފައިވާ އެ ރިޕޯޓުގެ މައްޗަށް އަވަހަށް އަމަލުކުރުމަށް ގޮވާލައްވާފައެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަރުތަކާއި ބެހޭ ކޮމިޝަންގެ ތަހުގީގީ ރިޕޯޓްގެ ޚުލާސާ ވަނީ އިއްވާފައެވެ.

އެގޮތުން އެ ޚުލާސާގައިވާ ގޮތުގައި ޑރ.އަފްރާޝީމް އަވަހާރަކޮށްލި ޖިހާދީ ޖަމާއަތް ހިންގުމުގެ ފަހަތުގައިވަނީ މާލެ ދަފްތަރު ނަމްބަރު 471 މުހައްމަދު މަޒީދު އަދި ތ. އޮމަދޫ އަތިރީގޭ ސާމިތު މުހައްމަދެވެ. އަދި މި އަނިޔާވެރި ގަތުލު ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވީ ހ.ހިލްޓަން އަޒްލީފް ރައޫފްކަމަށްވެސް ވަނީ ބުނެފައެވެ.

އަދި ޑރ.އަފްރާޝީމަށް ހަމަލާދީ މަރާލާފައިވަނީ ހ.ލޮބީ ހުސައިން ހުމާމް، ހ.ހިކޯސްޓް އަލީ ޝާންގެ އިތުރުން ކުޑަކުއްޖެއްކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ. މި ފަރާތްތަކަށް ޑރ.އަފްރާޝީމް އަވަހާރަކޮށްލުމަށް ހަތަރު މިލިޔަނާއި ހަ މިލިޔަނާއި ދެމެދުގެ ފައިސާގެ އަދަދެއް ހުށައަޅާފައިވާކަމަށް ރިޕޯޓުގައިވެއެވެ.

Advertisement

ކޮމެންޓް