ސްރީލަންކާގެ ހަތްވަނަ ރައީސްކަމުގެ ހުވާ ގޯޓާބަޔަ ރާޖަޕަކްސަ ކުރައްވައިފި

18 Nov 2019 | 13:12

އަވަށްޓެރި ސްރީލަންކާގެ ހަތްވަނަ ރައީސްކަމުގެ ހުވާ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނާ ޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަކުރެއްވި ގޯޓާބަޔަ ރާޖަޕަކްސަ ކުރައްވައިފިއެވެ.

ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު އަދި އެބޭފުޅާގެ ސަރުކާރުގައި ޑިފެންސް ސެކްރެޓަރީގެ މަގާމު އަދާކުރައްވާފައިވާ ގޯޓާބަޔަ މަގާމުގެ ހުވާކުރެއްވީ، ސްރީލަންކާގެ އަނޫރާދަޕޫރާ އަވަށުގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގޯޓާބަަޔަ ވިދާޅުވީ އެބޭފުޅާގެ ރިޔާސީ ކެމްޕެއިން ކާމިޔާބުކަމާއި އެކު ކުރިއަށް ގެންދިއުމަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަަމަށާއި އެގޮތުން ބޭބޭފުޅު މަހިންދަ އަދި ބަސިލް ރާޖަޕަކްސައަށާއި، އެބޭފުޅާއަށް ތާއިދުކުރެއްވި ސިޔާސީ ޕާޓީތަކަށްވެސް ޝުކުރު ދަންނަވާކަމަށެވެ.

ރައީސް ގޯޓާބަޔަ ވިދާޅުވީ ވެރިކަމުގެ މުއްދަތުގެ ތެރޭގައި އިންތިޚާބީ ވައުދުތައް ފުއްދަވާނެކަމަށާއި، ގައުމު އަލުން ބިނާކުރުމުގައި ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުން ދިނުމަށް އެދޭކަމަށެވެ. އަދި ގައުމީ ސަލާމަަތަކީ އާ ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދޭނެކަމެއްކަމަށް ގޯޓާބަޔަ ވިދާޅުވިއެވެ.

ގޯޓާބަޔަ ވިދާޅުވީ ހުރިހާ ރައްޔިތުންނަށް ޚިދުމަތްކުރުމަކީ އެބޭފުޅާގެ ޒިންމާއެއްކަމަށާއި، ހުރިހާ ފަރާތްތަކެއްގެ ހައްގުތައްވެސް ހިމާޔަތްކުރައްވާނެކަމަށެވެ.

މި ވާހަކަފުޅުގެ ތެރެއިން ރައީސް ގޯޓާބަޔަ ވަނީ އިނގިރޭސި ބަހުން އެގައުމުގެ ޚާރިޖީ ސިޔާސަތަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެބޭފުޅާ ވިދާޅުވީ ސްރީލަންކާއިން ހުރިހާ ގައުމަކާއި އެކުވެސް ގާތްގުޅުންތައް ބާއްވާނެކަމަށާއި ނަމަވެސް މިކަމުގެ ތެރެއިން ބައިނަލްއަގްވާމީ ހަމަނުޖެހުންތަކަށް ނުވަދެ އޮންނާނެކަމަށެވެ.

Advertisement

ކޮމެންޓް