ލަންކާގެ ޕެޓްރޯލް މުވައްޒަފުން ހަޅުތާލަށް ނިކުންނަނީ

29 Oct 2018 | 15:43

 ކޮޅުބުން މުހައްމަދު މުއައްލިމް އިބްރާހީމް

އިއްޔެގެ ވަގުތެއްގައި ލަންކާގެ މިނިސްޓަރެއް ކަމުގައިވާ އަރްޖުން ރަނަތުންގަގެ ސެކިއުރިޓީގެ އަތުން މީހެއްގެ ގަޔަށް ވަޒަންއަރައި މަރުވި ހާދިސާއާއި ގުޅިގެން ލަންކާގެ ޕެޓްރޯލް މުވައްޒަފުން ހަޅުތާލަށް ދިއުމަށް ނިންމައިފިއެވެ.

މިގޮތަށް ހަޅުތާލަށް ދިއުމަށް ނިންމާފައިވަނީ ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ އެސްއެލްއެފްޕީގެ ޕެޓްރޯލިއަމް ޔޫނިއަންގެ ފަރާތްތަކުންނެވެ. ސްރީލަންކާާގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި އެފަރާތްތަކުން މައިގަނޑު ގޮތެއްގައި އެދެމުންދަނީ އިއްޔެގެ ވަގުތެއްގައި އަރްޖުން ރަނަތުންގަގެ ސެކިއުރިޓީން ޖެހި ބަޑިން، މީހަކު މަރުވި މައްސަލައިގައި އަރްޖުން ރަނަތުންގަ ހައްޔަރުކުރުމަށެވެ. އަދި އަރްޖުން ރަނަތުންގަ ހައްޔަރު ނުކުރަނީސް އެ ހަޅުތާލު ކުރިއަށްދާނެ ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މި ހަޅުތާލު ރަސްމީ ސިފައެއްގައި އަދި ފަށާފައި ނުވާއިރު، ސްރީލަންކާގެ ވެރިރަށް ކޮޅުނބުގެ ގިނަ ޕެޓްރޯލް ޝެޑްތައް ކައިރީވަނީ ގިނަ ފަރާތްތަކުން ކިއު ހަދާފައެވެ.

އިއްޔެގެ ހަމަނުޖެހުން ހިނގާފައިވަނީ މިނިސްޓަރ އަރްޖުން ރަނަތުންގަ އޭނާ މަސައްކަތްކުރާ ސިލޯނު ޕެޓްރޯލިއަމް ކޯޕަރޭޝަންގެ އޮފީހަށް ވަންނަން ދިމާކުރުމުންނެވެ. މީޑިޔާތަކަށް މައުލޫމާތު ދެމުން އަރްޖުން ބުނީ އޭނާ އެ އޮފީހަށް ވަނީ އޭނާގެ އަމިއްލަ ބައެއް ތަކެތި އެ އޮފީހުން ނެރުމަަށް ކަމަށެވެ.

އަރްޖުން، އެ އޮފީހަށް ވަންނަން އުޅުމުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި އޭނާގެ ބޮޑީގާޑުން އަރްޖުންގެ ހަށިރައްކަލަށްޓަކައި އިންޒާރު ދިނުމުގެ ގޮތުން އެތަނަށް އެއްވެ ތިބި މީހުންގެ ގަޔަށް ބަޑި ޖެހިކަމަށް މީޑިޔާތަކުން ބުނެއެވެ. މި ހާދިސާގައި މަރުވި ފަރާތް، މަރުވީ އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެވެމުންދަނިކޮށެވެ. މި ހާދިސާގައި އިތުރު ދެމީހަކު ޒަޚަމްވިއެވެ. ރަނަތުންގަ އަކީ ސްރީލަންކާގެ ކުރީގެ ކްރިކެޓް ކެޕްޓަނެވެ. މި ހަމަލާއާއި ގުޅިގެން ރަނަތުންގަގެ ބޮޑީގާޑުވަނީ ހައްޔަރުކޮށްފައެވެ.

Advertisement

ކޮމެންޓް