އަމާޒަކީ އަންނަ އަހަރު ދެ މިލިއަން ފަތުރުވެރިން ގެނައުން: އަލީ ވަހީދު

24 Nov 2019 | 14:48

ސަރުކާރުގެ އަމާޒަކީ 2020 ގައި ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 1.5 މިލިއަން ފަތުރުވެރިޔާއަށް މަރުހަބާ ދެންނެވުމަށް ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި އަންނަ އަހަރު ދެމިލިއަން ފަތުރުވެރިން ހަމަކުރުމަށް ކުރާ މަސައްކަތަކީ ބޮޑު މަސައްކަތެއް ކަމަށާއި ނަމަވެސް ކެރިގެން މަސައްކަތްކޮށްފިނަމަ ކާމިޔާބު ވާނެ ކަމަށެވެ. ދެމިލިއަން ފަތުރުވެރިން ހަމަވާ ރަސްމިއްޔާތުގައި ރައީސް ސޯލިހުވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މިއަހަރު ނިމުމުގެ ކުރިން 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުން އަމާޒު ހިފިއިރު އަހަރު ނިމުމުގެ ކުރިން އެ އަދަދު ވަނީ މިއަދު ހަމަކޮށްފައެވެ.

އެކަން ފާހަގަކުރައްވައި އަލީ ވަހީދުވަނީ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ އެމްއެމްޕީއާރުސީ އާއި ޕްރައިވެޓް ސެކްޓާ ކުންފުނިތައް އަދި ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތް ފާހަގަކުރައްވާ އެފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މިއަހަރު ރާއްޖެ ޒިޔާރަތްކުރި 1.5 ވަނަ ފަތުރުވެރިޔަކީ ރަޝިއާގެ މަރީނާ ކަސައޯވާ އެވެ. މިއީ މަރީނާ ރާއްޖެ ޒިޔާރަތްކުރި ހަތް ވަނަ ފަހަރެވެ. މިނިސްޓަރު އަލީ ވަހީދު ވަނީ އަންނަ އަހަރުގެ ވޯލްޑު ޓޫރިޒަމް ޑޭ ފާހަގަ ކުރުމަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމަށް މަރީނާ އަށް ދައުވަތު ދެއްވައިފަ އެވެ.

Advertisement

ކޮމެންޓް