ކޮލަމްބޯގައި މާދަމާ މުޒާހަރާ ބޭއްވުމަށް ތައްޔާރުވަނީ!

29 Oct 2018 | 20:04

 ކޮޅުބުން މުހައްމަދު މުއައްލިމް އިބްރާހީމް

މަގާމުން ދުރުކުރެވިފައިވާ ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު އަދި ޔޫއެންޕީގެ ލީޑަރ ރަނިލް ވިކްރަމަސިންހަގެ ފަރާތުން މާދަމާ މެންދުރުގެ ވަގުތެއްގައި ކޮލަމްބޯގައި މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވާން ފަށައިފިއެވެ.

ސްރީލަންކާގެ އުވާލިވެފައިވާ ކެބިނެޓްގެ ތައުލީމާއި ބެހޭ މިނިސްޓަރ އަކިލަ ވިރާޖްއާއި ހަވާލާދީ އެގައުމުގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި މާދަމާ މެންދުރުފަހު އެކަކުން ފެށިގެން ޔޫއެންޕީ އަދި ރަނިލް ވިކްރަމަސިންހައަށް ތާއިދުކުރާ ފަރާތްތަކުން ގުޅިގެން ވަނީ ކޮޅުނބުގައި މުޒާހަރާއެއް ބޭއްވުމަށް ނިންމާފައެވެ.

މި މުޒާހަރާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބޮޑުވަޒީރުގެ ގެކޮޅު ކަމަށްވާ ޓެމްޕަލް ޓްރީސް ހުންނަ ސަރަހައްދު (ލިބަރޓީ ރައުންޑްއެބައުޓް) ގައެވެ.

މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި މި މުޒާހަރާގެ މައިގަނޑު އަމާޒަކީ މަޖިލީހުގެ މަސައްކަތްތައް އަލުން ފެއްޓުމަށް ރައީސް ސިރިސޭނާގެ އަރިހުން އެދުމާއި، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އެގައުމުގެ ބޮޑުވަޒީރުކަމަށް އައްޔަންކުރުމާއި ދެކޮޅަށް އަޑުއުފުލުމެވެ. އަދި އެހެންމެ މި މުޒާހަރާގައި ޑިމޮކްރަސީގެ އުސޫލުތަކާއި ސްރީލަންކާގެ ގާާނޫނުތައް ނެގެހެއްޓުމަށް ގޮވާާލުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ގާާނޫނީ ސުވާލުތަކެއްގެ ތެރެއަށް ލަންކާގެ ބޮޑުވަޒީރުކަމުގެ މަގާމު ވެއްޓުނީ މިދިޔަ ހަފްތާގެ ހުކުރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމުން ރަނިލް ވިކްރަމަސިންހަ ވަކިކޮށް، އެމަގާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އައްޔަން ކުރި ހިސާބުން ފެށިގެންނެވެ. މި ދަނޑިވަޅުގައި ދެފަރާތުންވެސް ދަނީ ގާނޫނީ ބޮޑުވަޒީރުކަމަށް ދައުވާކުރަމުންނެވެ.

Advertisement

ކޮމެންޓް