2017ވަނަ އަހަރުން ފެށިގެން ޒަރީރު ކްލާސްތަކަށް ނުފޮނުވަން: ސީއެޗްއެސްސީ

28 Nov 2019 | 08:34

ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަކޮށް ނުރަނގަޅު އަޚުލާގު ބެހެއްޓުމުގެ ގިނަ ތުހުމަތުތަކެއް ކުރެވިފައިވާ ސީއެޗްއެސްސީގެ އިސްލާމް ޓީޗަރު ހަސަން ޒަރީރު 2017 ވަނަ އަހަރުން ފެށިގެން ކްލާސްތަކަށް ނުފޮނުވާކަމަށް އެ ސްކޫލުން ބުނެފިއެވެ.

ސީއެޗްއެސްސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ދަރިވަރުންގެ ފަރާތުން ޒަރީރުގެ މައްސަލަ 2017ވަނަ އަހަރުގައި ގެނެވުނު ވަގުތުން ފެށިގެން އޭނާ ކްލާސްތަކަށް ނުފޮނުވާ އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާފައިވާނެކަމަށެވެ.

އަދި މިނިސްޓްރީގެ ލަފާގެ މަތިން މި މައްސަލަ ބަލައި، ހުރިހާ ދަރިވަރުންގެ ބަޔާންތައް އެޑިއުކޭޝަނާއި ހިއްސާކުރެވި، މި މައްސަލައިގައި މިނިސްޓްރީން ގޮތެއް ނިންމާފައިވާކަމަށްވެސް ވަނީ ބުނެފައެވެ. މި މައްސަލައިގައި މިނިސްޓްރީން ނިންމި ގޮތެއް އެނގިފައެއް ނުވެއެވެ.

ނަމަވެސް އިތުބާރުހުރި މަސްދަރުތަކުން ވޮއިސްއަށް ކަށަވަރުވެފައިވާ ގޮތުގައި 2018ވަނަ އަހަރުގެ ތައުލީމީ އަހަރުގައިވެސް ޒަރީރު ވަނީ ކްލާސްތަކަށް ކިޔަވައިދޭން ގޮސްފައެވެ.

ރޭ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޒަރީރާއި ގުޅޭގޮތުން ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވާހަކަތަކާއި ގުޅިގެން އެ މައްސަލަ މިނިސްޓްރީން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން އޭގައި ދަރިވަރުން ފާހަގަކޮށްފައިވާ ކަންކަމަކީ އޭނާގެ ފަރާތުން ހިނގާފައިވާ ކަންތައްތަކެއް ކަމުގައި ބެލެވޭ ކަމަށް ވަނީ ބުނެފައެވެ. މިފަދަ ކަންކަަމަކީ އިތުބާރުހިފޭ މަގާމެއްގައި ހުރި މީހަކު އޭނާގެ ބެލެހެއްޓުމުގައިވާ ފަރާތްތަކާއި މެދު ހިންގައިގެންވާނެ އަމަލުތަކެއް ކަމުގައި ނުދެކޭކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

ޒަރީރުގެ މައްސަލަތަކެއް ބަަލަންފެށީ އޭނާގެ މައްޗަށް ނުރަނގަޅު އަޚުލާގާއި ޖިންސީ ފުރައްސާރައިގެ ގިނަ ތުހުމަތުތަކެއް، އޭނާގެ ކުރީގެ ގިނަ ދަރިވަރުންތަކެއް ސޯޝަލް މީޑިޔާގައި ކުރަމުންދަނިކޮށެވެ. އެގޮތުން މީގެ ދިހަ އަހަރު ކުރިންވެސް އޭނާ ކިޔަވައިދިން ދަރިވަރުން ވަނީ މިފަދަ ތުހުމަތުތަކެއް ކޮށްފައެވެ.

ފޮޓޯ: ސަން

Advertisement

ކޮމެންޓް