ރައީސް ޔާމީން ވެރިކަމަށް ގެންނަން މަސައްކަތްކުރި މީހުން ބާ ޓަޔަރަށް ހަދައިފި: ގާސިމް

27 Nov 2019 | 10:31

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވެރިކަން ހޯދައިދިނުމަށް ރެޔާއި ދުވާލު މަސައްކަތްކުރި މީހުން މިއަދު ބާ ޓަޔަރަށް ހަދާފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން މިރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމު ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ގެންނަން، މަސައްކަތްކުރި ބޭފުޅުން އޭރު ރަނަށް ވެފައިވާ ކަމަށެވެ. ނަމަވެސް މިއަދު އެބޭފުޅުން އެހެން ޕާޓީއެއްގައި ތިއްބެވުމުން ފާޑުވިދާޅުވެ ބާ ޓަޔަރަށް ހަދައިފި ކަމަށް ގާސިމް ވިދާޅުވިއެވެ.

"އިހަށްދުވަހު ރަން، މިއަދު ބާ ޓަޔަރު. ބަލަ ކިހިނެއްތޯ މިވަނީ. އަޅުގަނޑު ދަންނަވާނީ އަމިއްލަ އަށް ހަޑި ނަހާވާށޭ. މޮޔަ ނުގޮވާށޭ، ކޮސް ނުގޮވާށޭ. މިހާރު ތިގޮވަނީ ކޮހޭ އިނގޭތޯ" ގާސިމް ވިދާޅުވިއެވެ.

ގާސިމު މިހެން ވިދާޅުވިއިރު، ޕީޕީއެމްގެ ކުރީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން މިހާރު ތިއްބެވީ ޖުމްހޫރީ ޕާޓީގެ ކުރީ ސަފުގައެވެ. ޕީޕީއެމްގެ ލީޑާޝިޕުގެ ބައެއް ބޭފުޅުން ޖޭޕީއަށް ސޮއިކުރެއްވުމުން ރައީސް ޔާމީން ވަނީ އެބޭފުޅުންނަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން މިއަދު ކުރާ މަސައްކަތުގައި ބައިވެރި ނުވެ، ފޮނިކޮޅު ބޯލަން އަޔަސް ދެން ގަބޫލު ނުކުރައްވާނެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ގާސިމު ވިދާޅުވީ ރައީސް ޔާމީނަކީ އަމިއްލަ އެދުން ބޮޑު ބޭފުޅެއް ކަމަށާއި އެފަދަ މަސައްކަތެއްކޮށްދެއްވި ބޭފުޅުންނަށް ނިސްބަތްކޮށް އެއްޗެހި ގޮވުމަކީ، ކޮސް ގޮވުން ކަމަށެވެ.

''ތިހެން ވީމާ ދެން ކާކުތޯ ވިސްނުންތެރި ބުއްދިވެރި އެއްވެސް މީހަކު އެނގޭނެދޯ މީހާގެ ހުރި ކޮލިޓީ. ނެތްކަން އެކައްޗެއް ވެސް އެތެރޭގައި. އަމިއްލަ އެދުން ފިޔަވައި އެހެން އެއްވެސް އެއްޗެއް ނެތްކަން އެތެރޭގައި.'' ރައީސް ޔާމީނަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން ގާސިމު ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ 2023 ގައި އޭނާ ވެރިކަމަށް ކުރިމަތިލައްވާނެ ކަމަށާއި އޭނާ އަކީ ކޮންމެ ފަހަރަކުވެސް ވެރިކަމަށް ކުރިމަތިލައްވާ މީޙެއް ކަމަށެވެ.

ނަމަވެސް 2018 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭގޮތަށް ހެދީ ރައީސް ޔާމީނު ކަމަށް ގާސިމް ވިދާޅުވިއެވެ. އެގޮތުން އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތި ނުލެވޭގޮތަށް ގާނޫނު ފާސްކޮށް، ގާނޫނު ބަދަލުކޮށްފާނެތީ އޭނާ ޖަލަށްލީ ކަމަށް ގާސިމް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް