ޓޮޓެންހަމް ބަލިކޮށް ސިޓީ ތާވަލުގެ އެއްވަނައަށް

30 Oct 2018 | 06:50

އިނގިރޭސި ޕްރިމިއަރ ލީގުގައި ޓޮޓެންހަމް ބަލިކޮށް މެންޗެސްޓަރ ސިޓީއިން ތާވަލުގެ އެއްވަނައަށް އަރައިފިއެވެ.

މިދިޔަ އާދައްތަ ދުވަހު ކުޅެވުނު އެންއެފްއެލް މެޗަށް ފަހު ދަނޑުގެ ވިނަގަނޑު ވަރަށް ބޮޑަށް ހަލާކުވެފައިވާ ވެމްބްލީގައި ކުޅެވުނު މި މެޗުން ސިޓީ ކުރި ހޯދީ 1-0 ކުންނެވެ.

ސިޓީގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޓާލިންގް ނަގައިދިން ހުރަހަކުން ރިޔާދް މަހްރޭޒްއެވެ.

މި މެޗުގައި ސިޓީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެއް ލަނޑަށްވުރެ ގިނަ ލަނޑު ޖަހާނެ ފުރުސަތުތައްވެސް ސިޓީއަށްވަނީ ލިބިފައެވެ. ނަމަވެސް ޑަވިޑް ސިލްވާ، ސްޓާލިންގް އަދި އަގުއޭރޯ ފޮނުވާލި ނުރައްކާތެރި ހަމަލާތަކުގެ ހުރަހަކަށްވީ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރޭސްއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ މި މޮޅަކީ ދަނޑު އޮތް ހާލަތަށް ބަލާއިރު ވަރަށް މުހިންމު މޮޅެއް ކަމަށާއި ޓޮޓެންހަމްއަކީ މުޅި ޔޫރަޕުގަވެސް އޮތް އެންމެ ފިޒިކަލް ޓީމުކަމަށެވެ. ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއްގެ ބޭނުން ނުކުރެވި ދިޔަކަން ފާހަގަކުރަމުން ގާޑިއޯލާ ބުނީ ކުރިއަށް އޮތް ތާނގަ އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ޓޮޓެންހަމެގެ ކޯޗުވެސްވަނީ ދަނޑުގެ ވިނަގަނޑު އޮތް ހާލާތު ވަރަށް ދަށްކަމަށް ފާހަގަކޮށްފައެވެ. ޓޮޓެންހަމްއަށް މެޗު އެއްވަރު ކުރުމަށް ލިބުނު ރަނުގެ ފުރުސަތުވެސް ގެއްލުނީ ވިނަގަނޑު އޮތް ގޮތުން ކަމަށް އެ ޓީމުގެ ކޯޗު ޕޮޗެޓީނޯ ބުންޏެވެ.

މި މޮޅާއެކު ޖުމްލަ 26 ޕޮއިންޓްއާއެކު ތާވަލުގެ އެއްވަނަ ސިޓީއަށް ލިބެނީ ލަނޑުގެ ތަފާތުންނެވެ. 26 ޕޮއިންޓާއެކު ދެވަނައިގަ ލިވަޕޫލް އޮތްއިރު 24 ޕޮއިންޓާއެކު ތިންވަނައިގަ އޮތީ ޗެލްސީއެވެ. އާސެނަލްއަށްވުރެ އެއް ޕޮއިންޓް މަދުން ލިބިގެން 21 ޕޮއިންޓާއެކު ޓޮޓެންހަމްއޮތީ ތާވަލުގެ ފަސްވަނައިގައެވެ.

Advertisement

ކޮމެންޓް