ޑރ.ޖަމީލަށް ރައީސް ޔާމީން ކުއްލިއަކަށް ސާފު ހުދު ފޮތިކޮޅަށްވީތޯ؟

03 Dec 2019 | 11:08

ދިވެހިރާއްޖޭގެ ސިޔާސީ މައިދާނަކީ ހަަމަ ސީދާ ބައިނަލްއަގްވާމީ ފުޓްބޯޅައިގެ ޓްރާންސްފަރ މާކެޓާއި އެއްފަދަ ތަނެކެވެ. ކުޅުންތެރިއަކު ދުވަހަކުވެސް ކްލަބަކަށް ދުވަހަކު ނުދާނަމޭ ބުނެފައި އޮއްވާ އެ ކްލަބަކަށް ދާފަދައިން، ދިވެހިރާއްޖޭގައިވެސް ދުވަހަކު ސިޔާސީ ވަކި ފިކުރަކާާއި އެއްބައި ނުވާނަމޭ ބުނެފައި ވާހިނދު، އެ ފިކުރުގެ ފަޅިއަށް އަރައެވެ. އެކި ފަހަރު އެކި ސަބަބުތަކަށްޓަކައިއެވެ. އެކަމަކު އަަބަދުވެސް މައިގަނޑު ސަބަބަކަށް ވެފައިވަނީ ރައްޔިތުންނާއި، ގައުމާާއި ދީނެވެ.

ނިމިދިޔަ ސަރުކާރަކީ މިކަން އެންމެ ބޮޑަށް އާންމުވެގެންދިޔަ ދުވަސްވަރެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން އިިިދިކޮޅުގައި ތިއްބެވި ފަރާތްތަކަށް ބޮޑެތި ދުއްތުރާތަކެއް ކުރިމަތިވަމުންދިޔަކަމަށް އެފަރާތްތަކުން ދިޔައީ ބުނަމުންނެވެ. ސިޔާސީ ފަރާތްތައް ނުހައްގުން ޖަލަށްލައި، ދައުވާތައް އުފުލި އެތަކެއް ހައްގުތަަކަކަށް އަރައިގަތް ކަމުގެ ތުހުމަތުކުރިއެވެ. މި ތުހުމަތުތަކުގެ އިތުރުން ދިވެހިރާއްޖޭގެ ރަށްތަކާއި ފަޅުތައް ބޮޑެތި އަގުގައި ނަހަމަ އުސޫލުން ވިއްކައި، ދައުލަތުގެ ޚަޒާނާއިން ވައްކަން ކުރިކަމުގެ ތުހުމަތަކީ އެމަނިކުފާނުގެ މައްޗަށް ކުރެވުނު އެންމެ ބޮޑު ތުހުމަތުކަމަށް ގިނަބަޔަކު އެއްބަސްވާނެއެވެ.

މި ތުހުމަތުތަކާއި ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ރިޔާސީ އިންތިޚާބާއި ހަމައަށް އިދިކޮޅު ހަރަކާތްތަކުގެ ލީޑަރަަކަށް ހުންނެވީ ރައީސް ޔާމީންގެ ފުރަތަަމަ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދެވެ. ނުހައްގުން މަގާމުން ބޭރުކުރެވުނު ކަމަށް އެ ދުވަސްވަރު ވިދާޅުވި ޑރ.ޖަމީލް 2016ވަނަ އަހަރުގެ މެއި މަހުގެ އެއްވަަނަ ދުވަހު ފެނިގެން ދިޔައީ އިދިކޮޅު ފަރާތްތަކުން އުފެއްދި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން ނުވަތަ އެމްޔޫއެންގެ އިންތިޤާލީ ރައީސްގެ ގޮތުގައެވެ.

އެ ދުވަސްވަރު އެމަނިކުފާނު ދިޔައީ މީސް މީޑިޔާގެ ވަސީލަތްތަކުގައި ރައީސް ޔާމީންގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުންނެވެ. އެމްޔޫއެންގެ ޖަލްސާތަކުގައި ފާޅުގައި ރައީސް ޔާމީނަށް ވައްކަމުގެ ތުހުމަތު ކުރައްވަމުންނެވެ. މީގެ އިތުރުން ޑރ.ޖަމީލް ވަނީ އަލްޖަޒީރާާގެ ޑޮކިއުމެންޓްރީއެއްގައި ވާހަކަފުޅު ދައްކަވާ 300މިލިޔަނަށްވުރެ ގިނަ ޑޮލަރު ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ވިދާޅުވެފައެވެ.

މި ހުރިހާކަމެއްވެސް ގުޅިގެންދަނީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާާނާތާއެވެ. އެ މައްސަލައިގެ ބައެއް ފައިސާތައް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާކަމަށް ބުނެ، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. ސަހަރޯއެވެ! މި މަނިކުފާނުގެ ދިފާއުގައި މިހާރު ހުންނެވި އިސް ގާނޫނީ ވަކީލަކީ އެއްކަލަ ކުރިން އެމަނިކުފާނުގެ ބޮލުގައި ވައްކަމުގެ ތުހުމަތު އެޅުއްވި ޑރ.ޖަމީލެވެ.

2017ވަނަ އަަހަރުގެ ޖުލައިމަހުގެ 28ވަނަ ދުވަހު ޑރ.ޖަމީލް ކުރެއްވި ޓްވީޓެއްގައިވެއެވެ." ޕާކިސްތާން ފަދަ މިނިވަން ޝަރުއީ ނިޒާމެއް ރާއްޖޭގައި އޮތްނަމަ އެމްއެމްޕީއާރްސީ މައްސަލަައިގައި އެކަނިވެސް ރައީސް ޔާމީން ޑިސްކޮލިފައިވާނެއެވެ". 

ޑރ.ޖަމީލެވެ. މަނިކުފާނަށް ކުއްލިއަކަށް ރައީސް ޔާމީން "ކޮލިފައިވެ" ވަޑައިގެންނެވީ ކިިހިނެއްތޯ ރައްޔިތުންނަށްވެސް އޮޅުން ފިލުއްވައިދެއްވާށެވެ.

މީގެ ކުރިން އެމަނިކުފާނު އިނގިރޭސި ވިލާތުގައި ހުންނަވައިގެން ޓެލެކޮންފަރެންސް މެދުވެރިކޮށް ވާހަކަފުޅު ދެއްެކެވި ޖަލްސާއެއްގައި ވިދާޅުވަނީ ވެރިއެއްގެ އެންމެ އިސް މަސްއޫލިއްޔަަތަކީ ދިވެހި ރައްޔިތުންގެ ތިޖޫރީއަށް ރައްކާތެރިވުން ކަމަށް ވާއިރު، އެކަމަށް ރައީސް ޔާމީން ވަނީ ޚިޔާނާތްތެރިވެފައި ކަމަށެވެ. ޑރ.ޖަމީލެވެ. އެންމެފަހުން ރައީސް ޔާމީން ރައްޔިތުންގެ ތިޖޫރީއަށް އަމާނާތްތެރިވީތޯއެވެ.

ސިޔާސީ އުސޫލަކީ އަަބަދުވެސް އިހުގެ ހަތުރުން ފަހުގެ މިތުރުންނަށް ބަދަލުވެގެން ދިޔުމެވެ. ޑރ.ޖަމީލަށްެވެސް މިހެން ވީ ކަމަށް ވެދާނެއެވެ. 

ރައީސް ޔާމީންގެ ފަރާތުން ލިބިވަޑައިގަތްކަމަށް ވިދާޅުވި އަނިޔާއާއި ކުރެއްވިކަމަށް ބުނާ ވައްކަންތަކަށް މަޢާފްކުރެއްވީކަމަށްވެސް ވެދާނެއެވެ. ނަމަވެސް މިފަދަ ހައްސާސީ މައްސަލައެއްގައި ގާނޫނީ ވަކީލުކަން ކުރައްވާ ހިނދު، ކުރިން ވިދާޅުވި ވާހަކަތަކާއި މެދު ވިސްނާލެއްވުންވެސް މުހިންމެވެ. އޭރު ހެއްދެވީ އިތުރުފުޅެއްތޯ ނުވަތަ ތެދުފުޅެއްތޯ ރައްޔިތުންނަށް އަންގަވައި ދެއްވުން މުހިންމެވެ.

Advertisement

ކޮމެންޓް