މަރާލިޔަސް ހައްގު ބަސް ބުނުންމަތީ ދެމިހުންނާނަން: އިލްޔާސް

21 Sep 2018 | 15:42

މާތްވެގެންވާ އިސްލާމް ދީނުގައި އަންގަވާފައިވާ ކަންކަމުގެ ތަފްސީލުތައް ކިޔައިދެއްވާތީ އޭނާއާ ދޭތެރޭގައި ހިތްހަމަނުޖެހިގެން މަރާލިކަމުގައި ވީނަމަވެސް ހައްގު ބަސް ބުނުން ހުއްޓާނުލާނެކަމަށް ދީނީ އިލްމުވެރިޔާ އިލްޔާސް ހުސެއިން ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ފައިސަލް ނަސީމްގެ ކެމްޕޭން ނިންމަން އައްޑު އަތޮޅު ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ، އޭނާއާ މެދު ބައެއް ބޭފުޅުން ހިތްހަމަނުޖެހެނީ އިސްލާމް ދީނުގައި އޮންނަ ގޮތަށް އަމަލުކުރަން އިރުޝާދު ދެއްވާތީ ކަމަށެވެ.

އިލްޔާސް ވިދާޅުވީ، ދީނުގައި އޮންނަނީ އަނިޔާވެރިކަމަށް ބޯނުލެބުމަށާއި ކޮރަޕްޝަނާއި ފަސާދަ އަށް ޖާގަ ނުދިނުމަށް ކަމަށެވެ.

ޕީޕީއެމްގެ ރަނިން މޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް އިޝާރާތްކުރައްވާ ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ، އޭނާ ދައްކަވާ ބައެއް ވާހަކަތަކުން ޝަހީމް ހިތްހަމަނުޖެހުން ފާޅުކުރައްވަމުން ގެންދަވާ ކަމަށާއި، ނަމަވެސްރައްޔިތުންނަށް ވިދާޅުވާ ވާހަކަތަކަކީ ގުރުއާނާއި ކީރިތި ރަސޫލާގެ ހަދީސްތަކުގައި ހިމެނޭ ވާހަކަތަކެއް ކަމަށެވެ. ނަމަވެސް ދައްކަވާ ވާހަކަ ތަކަކީ ގުރުއާނުގެ އާޔަތްތަކުގެ ވާހަކަ ކަމަށްވާއިރު އެ އާޔަތްތައް ފޮހެވޭނީ ކިހިނެއްކަމާއިމެދުވެސް އިލްޔާސް ވަނީ ސުވާލު އުފައްދަވާފަ އެވެ.

Advertisement

ކޮމެންޓް