ރައީސް ޔާމީނާ މެދު ސަރުކާރުން އަމަލުކުރާ ގޮތް ބޭރުގެ ފަރާތްތަކުން ދަނީ ބަލަމުން: އިދިކޮޅު

06 Dec 2019 | 14:27

މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާމެދު ސަރުކާރުން އަމަލުކުރަމުންދާ ގޮތް، ބޭރުގެ ފަރާތްތަކުނން ވަރަށް ގާތުން ބަލަމުންދާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައިވަނީ، ރައީސް ޔާމީންގެ ޝަރީއަތް ކުރިޔަށް ދިޔަ ގޮތާއި އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމާއި ގުޅޭ މައުލޫމާތު ބޭރުގެ ފަރާތްތަކަށް ދިނުމަށް، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު، ސްރީލަންކާއަށް ކުރެއްވި ދަތުރު ނިންމަވައިލައްވައި މިރޭ މީޑިއާއަށް މައުލޫމާތު ދެއްވަމުންނެވެ.

ނޫސްވެރިންނަށް މައުލޫމަތު ދެއްވަމުން ސައީދު ވިދާޅުވީ، ޔާމީންގެ ހުކުމާއި މެދު ހިތްހަމަނުޖެހޭ ވަރަށް ގިނަ ބައިނަލްއަގުވާމީ ފަރާތްތައް އެބަތިބި ކަމަށެވެ.

އެ ބޭފުޅުންގެ ދަތުރަކީ ރައީސް ޔާމީނަށް ކުރި ހުކުމަކީ ސިޔާސީ ދައުވާއެއް ކަމަށާއި ރައީސް ޔާމީނަށް ހުކުމްކުރުމުގައި ކަން ހިނގާފައިވާގޮތް ބޭރުގެ ފަރާތްތަކަށް ކިޔައިދިނުން ކަމަށެވެ.

އެގޮތުން މި ދަތުރުގައި ކޮލަމްބޯގައި ހުންނަ ގިނަ މިޝަންތަކަށް ޒިޔާރަތްކޮށް ސަފީރުންނާ ބައްދަލުކުރެއްވި ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރައީސް ޔާމީނާމެދު އަމަލުކުރި ގޮތް ބޭރުގެ ފަރާތްތަކަށް ކިޔައި ދިނުމަށް ކުރާ މަސައްކަތް ސަރުކާރަށް ނުހުއްޓުވޭނެ ކަމަށެވެ.

ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމު ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީޢަތް ފެށުނު ހިސާބުން ވެސް ފަނޑިޔާރުގެ ނުފޫޒު އޮތްގޮތް ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށާއި ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދިޔައީ ރާއްޖޭގެ ގާނޫނުތަކުގެ އިތުރުން ރާއްޖެ އިން ސޮއި ކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި ވެސް ހިލާފަށް ކަމަށެވެ.

އެކަންކަން ބޭރުގެ މިޝަންތަކުން ވަރަށް ގާތުން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

''ވަރަށް ގިނަ މިޝަންތަކުގެ ކަންބޮޑުވުންތައް އެބަހުރި. އިންޓަނޭޝަނަލް ޖަމިއްޔާތަކުން ވެސް މިކަންކަން ވަރަށް ގާތުން އެބަ ބަލައި. ރައީސް ޔާމީނަށް ހުކުމްކުރުމަކީ ގޯސްކޮށް ހިނގައިދިޔަ ކަމެއް ކަމާއި، އެކަން ހިނގައިދިޔައީ ގޯސްކޮށް ކަމަށް ބޭރުގެ ފަރާތްތަކުންވެސް ގަބޫލު ކުރޭ.'' ޝިޔާމު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރި ދުވަހުން ފެށިގެން އިދިކޮޅު ކޯލިޝަނުން ގެންދަނީ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވައިލައި އިހުތިޖާޖު ކުރަމުންނެވެ. ކޯލިޝަނުން ބުނި ގޮތުގައި އެމަނިކުފާނު މިނިވަން ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެއެވެ. އަދި ދާން ޖެހުނު ކޮންމެ ތަނަކަށްވެސް ދާނެ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް