ފީފާގެ ސިސްޓަމްތައް ހެކް ކޮށްފައިވާކަން ހާމަކޮށްފި

31 Oct 2018 | 10:29

މިއަހަރު ފެށުނު ކޮޅު ދުނިޔޭގެ ފުޓްބޯޅައާއިބެހޭ މައި އިދާރާ، ފީފާގެ ސިސްޓަމްތަކެއް ހެކްކޮށް މައުލޫމާތުތަކެއް ނަގައިފައިވާކަމަށް ފީފާއިން ހާމަކޮށްފިއެވެ.

ފީފާގެ ނަޒާހާތްތެރިކަމާއި، ސިއްރުތައް އަދި މައުލޫމާތު ނަހަމަގޮތުގައި ބޭނުން ކުރުމަށް ކޮށްފައިވާ މިއަމަލު ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށް ފީފާއިން މިކަމާއި ބެހޭ ގޮތުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

މިއީ ފީފާގެ ސިސްޓަމްތައް ހެކްކޮށްލި ދެވަނަ ފަހަރެވެ. މާނާ ބޭސް ބޭނުންކޮށްގެން ކޮށްފައިވާ ތަހުގީގުތަކާއި ލެބް ރިޕޯޓުތައް 2016 ވަނަ ފީފާގެ ސިސްޓަމްތައް ހެކްކޮށް ލީކު ކޮށްލާފައިވަނީ ރަޝިއާގެ އަސްކަރީ އިންޓެލިގެންސްއިން ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓް އަދި އެފްބީއައިއިން ވަނީ މިމަހުގެ ކުރީކޮޅު ހާމަކޮށްފައެވެ.

އިންޓަނެޓްގެ ޒަރިއްޔާއިން ކޮމްޕިޔުޓަރު މެދުވެރިކޮށް ދެވޭ މިފަދަ ހަމަލާތަކާހުރެ ފީފާއިން ދަނީ ތަނުގެ ސިސްޓަމްތަކާއި ގެންގުޅޭ އުސޫލުތައް މުރާޖާކޮށް ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް ކުރަންޖެހޭ ހުރިހާ ހަރަދެއްވެސް ކުރަމުން ކަމަށް ފީފާއިންއިން މައުލޫމާތު ދެއެވެ.

މިއަހަރުގެ މާރިޗު މަހު ސިސްޓަމްތައް ހެކްކޮށްލުމާއި ގުޅިގެން މުވައްޒަފުން ރައްކާތެރިކުރުމަށްވެސް އިތުރު ފިޔަވަޅުތަކެއް އަޅައިފައިވާނެ ކަމަށާއި މި ކަންތައްތަކަކީ ފީފާއެކޭ އެއްފަދައިން ދުނިޔޭގެ އެތައް ކުންފުނިތަކަށާއި ޖަމިއްޔާތަކަކަށް ދިމާވެފައިވާ މައްސަލައެއްކަމުގައި ފީފާއިން ބުންޏެވެ.

Advertisement

ކޮމެންޓް