Advertisement

އެމްޑީޕީގެ އެކްޓިވިސްޓަަކަށް މަރުގެ އިންޒާރުދީފި

11 Dec 2019 | 17:51

އެމްޑީޕީގެ ސޯޝަލް މީޑިޔާ އެކްޓިވިސްޓެއްކަމުގައިވާ "ނައުޓީ މެޓޮކްސް"އަށް ބަޔަކު ބިރުދައްކައި، މަރުގެ އިންޒާރުދީފިއެވެ.

މިކަން ހިނގައިފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އެގޮތުން މަޖީދީމަގު އިރުމަތީ ފަރާތުން، ބޮޑުތަކުރުފާނު މަގާއި ބައްދަލުވާ ހިސާބުން ސައިކަލެއްގައި އައި ދެމީހަކު މަރާލާނެކަމަށް ބުނެ، އޭނާއަށް އިންޒާރުދީފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އެޕާޓީން ދެކޭގޮތުގައި މި އިންޒާރު އޭނާއަށް ދީފައިވަނީ ޓްވިޓަރގައި ދެއްކި ވާހަކަތަކަކާއި ގުޅިގެންނެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ޚިޔާލު ތަފާތުވާ ކޮންމެ ހިނދެއްގައި، ޖިސްމާނީ އަނިޔާގެ އިންޒާރު ދިނުމާއި، އަނިޔާވެރިކަން އިސްކުރުމީ 21 ވަނަ ޤަރުނުގެ ތަޙްޛީބު މުޖުތަމަޢެއްގައި ބަލައިގަނެވޭނެފަދަ ކަމެއް ނޫންކަމަށާއި އަދި އެއީ އިންސާނުންގެ މެދުގައިވާ ދެބަސްވުމާއި، ހުންނަ ޚިޔާލު ތަފާތުވުން ނައްތާލުމަށް ޖާހިލިއްޔަ ޒަމާނުގައި ޢަމަލުކޮށް އުޅުނު ގޮތްކަމަށެވެ.

އަދި މިބާވަތުގެ ހަރުކަށި ޢަމަލުތަކުން ކުރިފަޅާ ހެދި، އުފެދޭ ރުޅިވެރިކަމާއި، ފިތުނައިގައި ކިތަންމެ ބައެއްގެ ފުރާނައަށް ގެއްލުންވާ ހިސާބަށް މި ފަހުން ކަންގޮސްފައި ހުރިކަން އެޕާޓީން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން މި ޢަމަލު ހިންގި ފަރާތް ހޯދާ، އެކަށީގެންވާ ޤާނޫނީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސަރވިސާއި، ކަމާބެހޭ ފަރާތްތަކުގެ މައްޗަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

Advertisement

ކޮމެންޓް