ސަރުކާރު ބަދަލުވެއްޖެ، އަދިވެސް މަގުމަތީ ބަކަތަޅަންވީތަ!

12 Dec 2019 | 12:28

މީގެ އަހަރެއްހާ ދުވަސްކުރިއެވެ. ވިއްސާރަ މޫސުމުގައި ވާރޭ ވެހި މަގުތަކުގައި ފެން ހެދިލާއިރަށް ކޮންމެ ރައްޔިތަކަށްވެސް އެކަން ވަރަށް ބޮޑު ކަމަކަށްވެއެވެ. ދެތިން ގަޑިއިރު ބޯކޮށް ވާރޭ ވެހިއްޖެނަމަ، މަގުމަތީ ހިނގާ ބިނގާވެ އުޅެން ދަތިވުމުން ކޮންމެ މީހަކުވެސް ކުށްވެރިކުރަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ނާގާބިލު ކަމުން މަގުތަކުގައި ފެން ބޮޑުވާ ވާހަކައެވެ. އެންމެ ގަދައަށް އެވާހަކަ ދެއްކީ މާލޭ ސިޓީ ކައުންސިލުންނެވެ. މިއަދު ސިޓީ ކައުންސިލުންވެސް އެވާހަކައެއް ނުދައްކައެވެ.

އެކަމަކު މިހާރު މިއީ އެދުވަހެއް ނޫނެވެ. ސަރުކާރު ބަދަލުވެ، ރައީސް ޔާމީނާއި މުއިއްޒުގެ ބާރުތައްވެސް ނެތި ހިނގައްޖެއެވެ.

ރައީސް ޔާމީން ހުރަގޭގައި އޮންނެވި އިރު، މުއިއްޒުގެ މައްޗަށް ޖިނާއީ ތަހުގީގެއް ފެށި، މުއިއްޒުވެސް ވަނީ ހުރަގެއާއި ދިމާލަށް މިސްރާބު ޖަހައިފައެވެ. އާރާ ބާރު ނެތިފައެވެ.

ނަމަވެސް މާލޭގައި އަދިވެސް މަގުތަކުގައި ފެންބޮޑުވެއެވެ. މީހުންނަށް ހިނގާބިނގާވެ ނޫޅެވޭ ވަރަށް ފެންބޮޑުވެއެވެ. އެކަމަކު އެވާހަކަ ދައްކާނެ މީހަކު މިއަދަކު ނެތެވެ. ވާރޭ ވެހިލާއިރަށް ރައްޔިތުން ކަކޫތާ ފެނުގައި ބަކަތަޅަނީއެވެ.

އޭރު މަގުތައް ހަދާފައިވާ ގޮތުން ފެންބޮޑުވާ ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔައި އުޅުނު މީހުންނަށް ވެރިކަން ވެސް ލިބިއްޖެއެވެ. ނަމަވެސް އެކަމަށް އެއްވެސް ހައްލެއް ނާދެއެވެ.

މާލެ ސިޓީ މޭޔަރ ޝިފާ

މަގުތަކުން ފެން ހިންދަން އަދިވެސް ބޭނުންކުރަނީ ނާގާބިލު ކަމަށް ބުނާ ސަރުކާރުގައި ހޯދި ޕަންޕް ތަކެވެ. ރައީސް ޔާމީންގެ ވެރިކަމުގައި މާލޭގައި ފެން ހިންދުމަށް ''ސްޓޯމް ވޯޓާ ޑްރެއިނޭޖު ސިސްޓަމް'' ތަކެއް ގާއިމު ކުރި އެވެ. އެ ސިސްޓަމު ފަރުމާ ކޮށްފައި ވަނީ ވާރޭ ހުއްޓައިލާތާ ގިނަވެގެން ތިން ގަޑިއިރުގެ ތެރޭގައި ފެންގަނޑު އެއްކޮށް ހިންދޭނެ ގޮތަށެވެ. މިހާރު ވެސް މާލޭގައި ފެންބޮޑުވެއްޖެ ނަމަ ފެން ހިންދަނީ ހަމަ އެ ސިސްޓަމްތަކުންނެވެ.

ސަރުކާރުވެސް ބަދަލުވެއްޖެއެވެ. އެއްކަލަ މުއިއްޒުއެއްވެސް ނެތެވެ. ބާރުތައް ނަގާފައިވާކަމަށް ބުނާ ސިޓީ ކައުންސިލަށް ބާރުތައް ދޫކުރިތާ އަހަރެއްވެސް ވެއްޖެއެވެ. އެކަމަކު ސިސްޓަމްތަކެއް އަލެއް ނުވިއެވެ. ދެން ޒިންމާ ނަގާނީ ކޮން ފަރާތަކުން ހެއްޔެވެ.

ކަންކަން ކުރިމަތިވުމުން ވަކި ބަޔަކަށް ތުހުމަތުގެ އިނގިލި ދިއްކޮށް، އަނެކާ ކުށްވެރި ކުރުމުގެ ބަދަލުގައި، އެއަށްވުރެ ރަގަޅަށް ކަންކަން ކުރެވޭތޯ ބެލުމުގެ ވިސްނުން ގެންގުޅެނީ ކިތައް މީހުންހެއްޔެވެ.

މާލެއަށް ކުރަމުން އަންނަ ވިއްސާރާގައި މާލެގެ މަގުމަތި. ޕޮޓޯ: ވަން

މާލޭގެ މަގުތަކުގެ މަސައްކަތް އެންމެ ފުރަތަމަ ކުރި އިރު ފެން ހިންދުމާ ގުޅޭ ގޮތުން ވިސްނާފައި ނުވާކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމު ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި ވިދާޅުވިއެވެ.

އެއީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

އަސްލަމު ވިދާޅުވި ގޮތުގައި ހުރިހާ ވެސް މައްސަލައަކީ މާލޭގެ މަގުތައް ހަދާފައިވާ ގޮތް ކަމު ނުދިއުމެވެ. އެހެންކަމަށް ވާނަމަ އާރާއި ބާރުތައް ލިބި، އެއް އަހަރުވީއިރު އެކަމަށް ހައްލެއް ނުހޯދުނީ ކީއްވެހެއްޔެވެ.

މާލޭގައި ފެން ހިންދަން، ހުސް ޖާގަނެތް ކަމަށް ވިދާޅުވެ، ވެހޭ ފެން ބޭރުކުރަން ޖެހޭ ނަމަ އެކަން އަދިވެސް ނުކުރެވެންވީ ކީއްވެހެއްޔެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު، މާލޭގެ ރިންގް ރޯޑު ހަދާފައިވާ ގޮތުން މަގުތަކުގައި ފެންބޮޑުވާ ވާހަކަ ދެއްކި އަޑުވެސް އިވުނެވެ. އެހެންކަމަށް ވާނަމަ ރިންގް ރޯޑަށް ވެހޭ ފެން، މާލެއިން ބޭރުކުރެވޭނެ ގޮތެއްވެސް އޮންނަންވާނެއެވެ.

މިއީ މިއަދު ރައްޔިތުން ކުރާ ސުވާލުތަކެވެ. ފެންބޮޑުވުމުން ދަރިން އުކުޅަށް ޖަހައިގެން ހުސްފަޔާއި އަންހެންވެރިން ފެންގަނޑުގައި ބަކަތަޅަމުންދާއިރު އިއްޒަތްތެރިން އުޅުއްވަނީ ރައްޔިތުންގެ ފައިސާއިން ގަނެފައިވާ ކާރުކޮޅުގައެވެ.

މިއީ އިންސާފުކަމަށް ގަބޫލުކުރާނެ ރައްޔިތަކު ނޫޅޭނެއެެވެ. ވިއްސާރަވެ މަގުތަކުގައި ފެންބޮޑުވެ، ގޭގެއަށާއި ހިފާ ގެންގުޅޭ މުދަލަށް ގެއްލުންވާއިރު، ގަނޑުވަރުތަކުަގައި ދިރިއުޅުއްވާ ވެރިންނަށް އެކަމުގެ އިހުސާސް އެންމެ ފުރިހަމައަކަށް ނުކުރެވޭނެއެވެ.

އެހެންކަމުން މާލޭގައި ފެންބޮޑުވާ މައްސަލައަށް މިހާރުން މިހާރަށްވެސް ހައްލު ހޯދަން ޖެހެއެވެ.

ކުރީގެ ސަރުކާރުގައި މުއިއްޒު ހަޑިއެއް ހާވާފައި ހުރި ނަމަ، ސަރުކާރުން އެ ހަޑިތައް ފިލުވައިގެން ވިޔަސް ފެންބޮޑުވާ މައްސަލަ ހައްލުކުރަން މާބޮޑަށް ވެސް ލަސްވެއްޖެއެވެ.

Advertisement

ކޮމެންޓް