މިއީ ވާދަވެރިން އުޑުން ތަރިބާލައި ދުވަސްވަރު: އާދަމް ޝަރީފު

16 Dec 2019 | 10:10

ލޯކަލް ކައުންސިލު އިންތިހާބުގެ ދުވަސްވަރަކީ ސިޔާސީ ވާދަވެރިން ރައްޔިތުންނަށް އުޑުން ތަރި ބާލައިދޭ ދުވަސްވަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

ރައިސް ޔާމީން މިނިވަން ކުރުމަށް ގޮވައިލައި މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި، ކައުންސިލު އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ސަރުކާރުން ރައްޔިތުންނަށްވަމުންދާނެ ވައުދުތަކާ ގުޅޭ ގޮތުން ދެއްކެވި ވާހަކައިގައި އާދަމް ޝަރީފު ވިދާޅުވީ، މިއީ ސިޔާސީ ވާދަވެރިން އުޑުން ތަރިތައް ބާލައިދޭ ދުވަސްވަރު ކަމަށެވެ. އެކަން ރައްޔިތުން ހަނދާނުގައި ބަހައްޓަންޖެހޭނެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އިންތިހާބުތައް ކައިރިވުމުން އެމްޑީޕީން އަބަދުވެސް އެކަހަލަ ދޮގުތައް ހަދާނެ ކަމަށެވެ.

އެކި ނަންނަމުގައި އެކި ކަންކަން ކުރާނެ ކަމަށްބުނެ ރައްޔިތުންނަށް ދަޅަތައް ދައްކާނެ ކަމަށާއި އެކަމަށްޓަކައި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން އެކަމަށް ވަރަށްބޮޑަށް ހުޝިޔާރުވާން ޖެހޭ ކަމަށް އާދަމް ޗަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީން ގައުމަށް ގެނެސްދެއްވި ވަރުގެ ތަރައްގީއެއް ގެނެސްދެވޭނެ ވެރިޔަކު މިސަރުކާރުގައި ނެތްކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ.

'' ރަށްރަށުން މައުލޫމާތު ލިބޭ ގޮތުގައި އެރަށްރަށުގައި މަޑުމަޑުން ތަރައްގީގެ މަސައްކަތްތައް ކުރުމަށް މަސައްކަތް އެބަކުރޭ، އެންމެ ފަހުން އަޅުގަނޑަށް ފެނުނު ފޮޓޯއެއްގައި މިފެންނަނީ މަގުހެދުމުގެ މަޝްރޫއުއެއްގައި ބަރޯ އަކަށް ވެލި އަޅައިގެން ގެންދާތަން. އެރަށުގައި އުތުރުން ދެކުނަށް ވަރަށް ދިގު މަގެއް ހަދަންޖެހެނީ. އެކަމަކު ވެލި ގެންދަން ޖެހެނީ ބަރޯއެއްގައި. މިއީ ސަރުކާރުގެ ދުވެލި ހުރިވަރު.'' ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން އާދަމް ޝަރީފު ވިދާޅުވިއެވެ.

އާދަމް ޝަރީފު ވިދާޅުވީ، ކައުންސިލު އިންތިހާބާ ދިމާކޮށް ބައެއް ރަށްރަށަށް ހަލާކުވެފައިވާ އެކްސްކަވޭޓަރުތައް އަރުވަން ފަށައިފި ކަމަށެވެ. އެގޮތަށް އެކްސްކަވޭޓަރުތައް ވެސް އަރުވަނީ ބިދޭސީންނާ އެކުގައި ކަމަށް ވިދާޅުވިއެވެ.

''ހައެއްކަ ބިދޭސީންނާ އެކުގައި މިއަދުވެސް ހަލާކުވެފައިވާ އެކްސްކަވޭޓަރެއް ރ. އަތޮޅުގެ ރަށަކަށް އަރުވައިފި. އެކަމަކު ރައްޔިތުން މިއަދު އެބަބުނޭ އަހަރެމެންނަށް މިއަދު ތިޔަގޮތަކަށް ދޯކާއެއް ނުދެވޭނެއޭ. މިހާރުވެސް ރައީސް ޔާމީންގެ ސަރުކާރުގައި އަހަރެމެންނަށް ދީފައިހުރި ހިދުމަތްތައް މާބޮޑޭ އެބަބުނޭ.'' އާދަމް ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިސަރުކާރުން ރައްޔިތުންނަށް ހިދުމަތް ދިނުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ.

Advertisement

ކޮމެންޓް