އީސީން އިންޑިއާ އާ އާއެކު ހެދި އެބަސްވުމުގެ ހަގީގަތް ހާމަކޮށްދެންޖެހޭ: ޝުޖާއު

16 Dec 2019 | 12:09

ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން (އީސީ) އިން، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނާއެކު ހެދި އެއްބަސްވުމުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު އީސީއަށް ގޮވައިލައްވައިފިއެވެ.

ރައިސް ޔާމީން މިނިވަން ކުރުމަށް ގޮވައިލައި މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، ލޯކަލް ކައުންސިލު އިންތިހާބު ކުރިމަތިވެފައި ވަނިކޮށް، އީސީން އިންޑިއާ އާއެކު އެއްބަސްވުންތައް ހަދައި، ބޭރުގެ ގައުމުތަކުގެ އެހީ ހޯދަން ނުޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ދިވެހި ދައުލަތް އުފެދުނީއްސުރެ އެތެރޭގައި އިންތިހާބު ބާއްވަމުން ދިޔައީ މިނިވަން ކަމާއެކުގައި ކަމަށެވެ. އެހެންކަމުން އަވައްޓެރި ގައުމެއްގެ ލަފާ ހޯދައިގެން އިލެކްޝަން ބޭއްވުމަކީ އިދިކޮޅު ކޯލިޝަނުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

''އަޅުގަނޑު މިހާރުން މިހާރަށް އެބަ ގޮވާލާން. ދިވެހި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނާއި އިންޑިއާގެ އިލެކްޝަންސް ކޮމިޝަނާ ދެމެދު ހެދި އެމްއޯޔޫގައި ހުރި ވާހަކަތަކާއި ލިޔެވިފައި ހުރި ހުރިހާ ކަންތައްތަކެއް ދިވެހި ރާއްޖޭގައި ހުރި ހުރިހާ ސިޔާސީ ޕާޓީތަކަށް އެނގި ހާމަވާން އެބަޖެހޭ. އީސީގެ ރައީސަށް އެބަގޮވައިލަން، އީސީގެ އަކުރަމަށް އެބަ ގޮވައިލަން، އަކުރަމު މާ މޮޅު ވާހަކަދައްކަން ހަދާނެ ކަމެއްނެތް، ސުވާލުކުރީމަ ޖަވާބުދިނީމަ ހުންނާނީ ރަގަޅަށް.''ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، އީސީން އިންޑިއާ އާއެކު ހެދި އެއްބަސްވުމުގައި ހުރި ކަންތައްތައް ހާމަކުރަންދެން އީސީގެ ކޮންމެ ބައްދަލުވުމެއްގައި އިހުތިޖާޖު ކުރާނެ ކަމަށެވެ.

މީގެއިތުރުން މިސަރުކާރުން ވިލިމާލެއާއި ގުޅީފަޅާއި ތިލަފުށި ގުޅުވާލަދޭ ބުރިޖު އެޅުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެކަން ހާމަކުރުމާއި ގުޅިގެން އެކަމަށްވެސް ރައްދު ދެއްވައިފައެވެ.

ޝުޖާއު ވިދާޅުވީ ވިލިމާލެ ގުޅުވައިލަދޭ ބުރިޖުގެ ހުރިހާ މަސައްކަތެއް ރައީސް ޔާމީންގެ ސަރުކާރުގައި ނިންމާފައިވާކަމަށެވެ.

އެގޮތުން ބުރިޖުގެ ކުރެހުން ނިންމައި ބަޖެޓް ކަނޑައަޅައި، އީއައިއޭވެސް ހަދާ ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

''ރައީސް ސޯލިހު ޖުލައި މަހުގެ ހަތަރެއްގައި ވިދާޅުވީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެބުރިޖުގެ އަމަލީ މަސައްކަތް ފަށާނަމޭ. މިއަދު އަޅުގަނޑުމެންނަށް މިއެނގެނީ މިފެށޭ އަހަރު އަމަލީ މަސައްކަތް ފެށޭނެކަން. އިންތިހާބަށްޓަކައި ހުރިހާ ވައުދެއްވެސް ވާނެ. އެއްވެސް ވައުދެއްގައި އޮއްޓަރެއް ނޯންނާނެ.'' ޝުޖާއު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޗައިނާއާއި ރާއްޖޭގެ ގުޅުމަށް ފާޑުވިދާޅުވެ ދައްކަވާ ވާހަކަފުޅުތަކަށް އިޝާރާތްކުރައްވައި ޝުޖާއު ވިދާޅުވީ ޗައިނާގެ އެހީއާއި ނުލައި ބުރިޖު ނޭޅޭނެ ކަމަށެވެ. އެގޮތުން ޗައިނާގެ މަދަދެއް ނެތި ވިލިމާލޭ ގުޅުވައިލަދޭ ބުރިޖުވެސް ނޭޅޭނެ ކަމަަށް ވިދާޅުވިއެވެ.

މިސަރުކާރުގެ ދުވެލި މަޑުކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ، މިސަރުކާރަށް އެއްވެސް ކަމެއް ނުކުރެވޭތީ ސަރުކާރުގެ އިދާރާތަކަށް ރައީސް ސޯލިހު ވަޑައިގެން އިދާރާތަކުގެ މަސައްކަތުގެ ދުވެލި ބަލަން ޖެހިފައިވާކަމަށެވެ.

Advertisement

ކޮމެންޓް