ސެލީނާ ގޯމޭޒް ވައްޓާލުމަށްފަހު އިންސްޓާގްރާމްގެ އެންމެ ފޮލޮވާސް ގިނަ ތަރިއަކަށް ރޮނާލްޑޯ

01 Nov 2018 | 06:49

މަޝްހޫރު ޕޮޕް ލަވަކިޔުން ތެރިޔާ ސެލީނާ ގޯމޭޒް ވައްޓާލުމަށްފަހު ބެލޮންޑިއޯ ފަސް ފަހަރު ހޯދާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ އިންސްޓާގްރާމްގެ އެންމެ ފޮލޮވަރުން ގިނަ ތަރީގެ މަގާމް ހޯދައިފިއެވެ.

ދަރިން، އާއިލާ، އަދި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ގޯޖީނިއާ ރޮޑްރިގޭޒްގެ ފޮޓޯތައް އާންމުންނައި ގިނަ އަދަދަކަށް ހިއްސާކުރާ ރޮނާލްޑޯގެ 144.4 މިލިއަން ފަލޮވަރުން ހަމަވެފައިވާއިރު ސެލީނާ ގޯމޭޒްގެ ތިބީ 144.3 މިލިއަން ފޮލޮވާސްއެވެ.

މިހާރު އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުންދާ ރޮނާލްޑޯއާއިމެދު ކުރެވިފައިވާ ރޭޕްގެ ތުހުމަތުތަކައިއެކުވެސް މި ރެކޯޑް އޭނާއަށް ލިބުމަކީ އޭނާގެ މަޝްހޫރުކަން ފަނޑުނުވާ ކަމުގެ ހެއްކެއްކަމުގައި ގިނަ ފަރާތްތަކަކުން އަންނަނީ ބުނަމުންނެވެ.

މީހުން އެންމް ގިނައިން ފޮޓޯ ހިއްސާ ކުރާ ޕްލެޓްފޯމް ކަމަށްވާ އިންސްޓާގްރާމްގެ އެންމެ ގިނަ ފޮލޮވާސް ތިބި ތަރީގެ މަގާމް ސެލީނާ ގޯމޭޒްއަށް ލިބިފައިވަނީ 2016 ވަނަ އަހަރުއެވެ. މިއީ އޭގެ ފަހުން މި މަގާމް އެހެން ތަރިއަކު ހޯދި ފުރަތަމަ ފަހަރެވެ.

ރޮނާލްޑޯ އަދި ސެލީނާ ގޯމޭޒްއަށްފަހު އިންސްޓާގްރާމްގެ އެންމެ ފޮލޮވާސް ގިނަ ތަރިއަކީ މަޝްހޫރު ލަވަ ކިޔުންތެރިޔާ އާރިއާނާ ގްރާންޑެއެވެ. އެއީ 123 މިލިއަން ފޮލޮވާސްއާއެކުއެވެ.

104 މިލިއަން ފޮލޮވާސްއާއެކު ފުޓްބޯޅަ ތަރިންގެ ތެރެއިން އިންސްޓާގްރާމްގެ ދެވަނައިގަ އޮތީ ޕީއެސްޖީގެ ނޭމާއެވެ. ތިންވަނައިގަ މެސީ އޮތީ 100 މިލިއަން ފޮލޮވާސްއާއެކުއެވެ.  

Advertisement

ކޮމެންޓް