ދިރާގުން "ޕޭ ޕާރ ވިއު" ކޮންޓެންޓު ރާއްޖެއަށް ތައާރަފުކޮށްފި!

25 Dec 2019 | 18:35

ދިރާގު ޓީވީއިން "އައި ފިލްމްސް" ގެ ފުރަތަމަ ފީޗާ ފިލްމު "ބަވަތި "ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމް އަށް ފުރަމަ "ޕޭ ޕާރ ވިއު" ފިލުމެއްގެ ގޮތުގައި ތައާރަފު ކޮށްފިއެވެ.

މި ފިލްމަކީ ބިރުވެރި، ރޮމޭންސް އަދި ކޮމެޑީގެ ބައިތަކެއް އެކުލެވިގެންވާ ޒުވާން ދެމަފިރިއަކަށް ދިމާވާ އާދަޔާހިލާފު ކަންތައްތަކެއްގެ މައްޗަށް އެކުލެވިގެންވާ ފިލްމެކެވެ. މި އަހަރު ސެޕްޓެމްބަރ މަހުގެ ތެރޭގައި މި ފިލްމު ވަނީ ސިނެމާތަކުގައި އަޅުވައި އާނމުންގެ މަގުބޫލުކަން ހޯދާފައެވެ.

މި ފިލްމު ދިރާގު ޓީވީއިން ފެނިގެންދާނީ އިނގިރޭސި ސަބްޓައިޓަލް ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތްވެސް ލިބޭނެ ގޮތަށެވެ.

"އައި ފިލްމްސް" އަކީ 2018 ވަނަ އަހަރު އިލްޔާސް ވަހީދު އުފެއްދި ފިލްމު ކުންފުންޔެކެވެ. "ބަވަތި" އަކީ މި ކުންފުނީގެ ފުރަތަމަ ފިލްމަށްވާ އިރު މި ފިލްމުގައި މުޅިން އާ މޫނުތަކެއް ފެނިގެން ގޮސްފައިވެއެވެ. ދިރާގުން މަސައްކަތްކުރަމުން ދަނީ ވީއޯޑީ އޮން ޑިމާންޑް ލައިބްރަރީ އިތުރަށް ފުޅާކޮށް، މުއްސަނދިކުރުމަށް ވީހާވެސް ގިނަ ދިވެހި ކޮންޓެންޓްތައް ފަސޭހަ ކަމާއެކު ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށެވެ.

ވީއޯޑީ އޮން ޑިމާންޑް އަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލާލެވުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ. ދިރާގު ޓީވީގެ ވީއޯޑީ އޮން ޑިމާންޑް ޕްލެޓްފޯމް ފަރުމާކުރެވިފައިވަނީ ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެ ފަދަ ގޮތަކަށެވެ. އެގޮތުން ދިރާގު ޓީވީގެ "ހޯމް ސްކްރީން" ގައި ވާ " އޮން ޑިމާންޑް" ޖަހާފައިވާ ފިތުން އޮން ޑިމާންޑް ކޮންޓެންޓްތައް ބަލައިލެވޭނެއެވެ. ދިރާގު ޓީވީގެ ވީއޯޑީ އޮން ޑިމާންޑް ލައިބްރަރީ އަށް މި ތައާރަފު ކުރެވިގެން ދިޔަ އެންމެ ފުރަތަމަ ދިވެހި ފީޗާ ފިލްމް "ބަވަތި" ބަލާލަން ބޭނުން ވާ ފަރާތްތަކަށް ކޮންމެ 24 ގަޑިއިރަކަށް 35ރފ. ގެރޭޓުން ރެންޓު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ދިރާގު ޓީވީން ކުރިއަށް އޮތް ތާނގައިވެސް ދިވެހި ފިލްމީ އުފެއްދުންތަށް ކުރިއެރުވުމަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް ވީއޯޑީ އޮންޑިމާންޑް ޕްލެޓްފޯމުގައި ޚާއްސަ ފުރުސަތުތަށް މަގު ފަހިކޮށްދެމުންދާނެއެވެ. އެގޮތުން ދިރާގުގެ އަމާޒަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތަކުގެ ޒަރިއްޔާއިން ދިވެހި ފިލްމީ ދާއިރާ ކުރިއެރުވުމަށް މަގުފަހިކޮށް، އިތުރު ހަރުފަތަކަށް އެ ދާއިރާ ގެންގޮސްދިނުމެވެ.

Advertisement

ކޮމެންޓް