އެމެރިކާ ސިފައިންނަށް އަމާޒުކޮށް އިރާނުން މިސައިލް ހަމަލާތަކެއްދީފި

08 Jan 2020 | 12:31

އިރާގުގައި ގާއިމްވެތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް އިރާނުން ބެލިސްޓިކް މިސައިލްގެ ހަމަލާތަކެއް ދީފިއެވެ.

މި ހަމަލާތައް ދިންކަން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ވަނީ ކަށަވަރުކޮށްދީފައެވެ.

ގަތަރުގެ މީޑިޔާއެއްކަމުގައިވާ އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި އިރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފައިވަނީ އަންބާރު ޕްރޮވިންސްގައި ހުރި އައިން-އަލް-އަސަދު  މިިލިޓަރީ ބޭސްއަށާއި އާބިލްގައި ހުރި ބޭސްއަކަށެވެ. މި ހަމަލާތަކުން ލިބުނު ގެއްލުންތައް އަދި ކަށަަވަރުވެފައެއް ނުވެއެވެ.

ނަމަވެސް އިރާނުގެ ގައުމީ ޓީވީން ވަނީ މި ހަމަލާގައި 80 އެމެރިކާގެ ސިފައިން މަރާލާފައިވާކަމަށް ބުނެފައެވެ. އަދި އެމެރިކާގެ ހެލިކޮޕްޓަރތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ވަނީ ބުނެފައެވެ.

އެ ޓީވީން ވަނީ އެމެރިކާއިން މި ހަމަލާގެ ބަދަލު ހިފައިފިނަމަ މެދުއިރުމަތީގައި ހުރި އެމެރިކާގެ 100އަމާޒަކަށް ހަމަލާދެވޭނެފަދަ ގާބިލްކަން އެބަހުރިކަމަށް ބުނެފައެވެ.

މި ހަމަލާއާއި ގުޅިގެން އިރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒާރިފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އދ.ގެ ޗާޓަރގެ 51ވަނަ މާއްދާގެ ދަށުން އަމިއްލަ ސަލާމަަތަށްޓަކައި އިރާންގެ ރައްޔިތުންނާާއި އިސް ފަރާތްތަކަށް އަމާޒުކޮށް ހަމަލާދިން ބޭސްތަކަށް ހަމަލާދީފައިވާ ކަމަށެވެ. 

އެބޭފުޅާ ވަނީ އިރާނުން ހަނގުރާމައެއް ނުވަތަ މަޝްރަހު ހޫނުވުމަށް ނޭދޭކަމަށާއި، ނަމަވެސް އަމިއްލަ ދިފާއުގައި މަސައްކަތް ކުރާނެކަމަށް ބުނެފައެވެ.

Advertisement

ކޮމެންޓް