މާލެއަކީ މާލޭ މީހުންގެ ތަނެއް، ފުރަތަމަ ފުލެޓް ދޭންޖެހޭނީ މާލޭ މީހުންނަށް: ސަރަނގު

13 Jan 2020 | 12:34

މާލެއަކީ، މާލޭގެ މީހުންގެ ތަނެއް ކަމަށާއި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭއިރު އެންމެ ފުރަތަމަ ފުލެޓް ދޭންޖެހޭނީ މާލޭގެ މީހުންނަށް ކަމަށް މާލޭގެ މޭޔަރު ކަމަށް ވާދަކުރަން ނިންމަވައިފައިވާ އާދަމް މަނިކު (ސަރަނގު އާދަމް) ވިދާޅުވެއްޖެއެވެ.

ސީއެންއެމް އިން ރޭ ގެނެސްދިން ''އިތުރު ކާފު'' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާދަމް މަނިކު ވިދާޅުވީ ހަގީގީ މާލޭގެ ރައްވެހިންވެސް ދިރިއުޅެނީ ވަރަށް ދަތި ހާލުގައި ކަމަށެވެ. އެގޮތުން މައިންބަފައިންނާއި ދަރިންނާއި ދަރިންގެ އަނބިން ނުވަތަ ފިރިންވެސް ދިރިއުޅެނީ އެއް ކޮޓަރީގެ ތެރޭގައި ކަމަށް ވިދާޅުވިއެވެ.

އޭގެ ސަބަބުން އިޖުތިމާއީ މައްސަލަތައް އިތުރުވެ، ގިނަ މީހުން އަބަދު ބޭރުގައި އުޅެން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

''މާލެއަކީ މާލޭ މީހުންގެ ތަނެއް. މާލޭ މީހުންނަށް ފުރަތަމަ ފުލެޓް ދޭންޖެހޭނީ. ރަގަޅު މާލެއަކީ މުޅި ރާއްޖޭގައި ވެރިކަން ކުރާތަން. އެކަމަކު މާލޭ މީހުންނަށްވެސް ނިދާލައިގެން ކާލައިގެން ބޯލައިގެން އުޅެވިގެން ނޫންތޯ ރާއްޖެތެރެއިން މާލެއަށް އަންނަ މީހުންނަށް ވެސް މިތާނގަ އުޅެވޭނީ. މާލޭގެ ހަގީގީ މީހުން އެންމެ ކޮޓަރިއެއްގެ ތެރޭގައި މުޅި އާއިލާ އެބަ ދިރިއުޅޭ. މާލެ ސިޓީން ވަކިތަނެއްގައި ވަޒީފާ އަދާކުރާތީއޭ ކިޔާފައި ފުލެޓް އަޅާފައި މާލޭ ނޫން މީހަކަށް ފުލެޓް ދިނުމުގައި އިސްކަމެއް ނުދެވޭނެ. އެކަމެއް ނުކުރެވޭނެ.'' އާދަމް މަނިކު ވިދާޅުވިއެވެ.

މާލެ ސީޓިން ބޯހިޔާވަހިކަން ދޭ ފަރާތްތަކުގެ ތެރޭގައި އެމީހަކު ވަޒީފާ އަދާކުރާ ކުންފުނިން ނުވަތަ އެމީހަކު ވަޒީފާ އަދާކުރާ އޮފީހުގެ ފަރާތުން ދިރިއުޅޭނެ ފުލެޓް ދޭން ނުޖެހޭނެ ކަމަށް އާދަމް މަނިކު ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަން ކަން ފާހަގަކުރައްވައި އާދަމް މަނިކު ވިދާޅުވީ ވަކި ތަނެއްގައި ވަޒީފާގައި އުޅޭތީ ކަމަށް ބުނެ، މާލޭ ސިޓީއިން ބޭރުން، އެހެން ރަށެއްގެ މީހަކަށް މާލެ ސިޓީން ބިމެއް ނުވަތަ ފުލެޓެއް ނުދެވޭނެ ކަމަށެވެ.

އާދަމް މަނިކު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ވަކި ދާއިރާތަކަކަށް ހާއްސަކޮށްގެން ފުލެޓް އިމާރާތްކޮށްފައިވާކަމަށެވެ.

އެގޮތުން ސިފައިންނާއި ފުލުހުންގެ އިތުރުން ބައެއް ކުންފުނިތަކާއި ޓީޗަރުންނަށް ހާއްސަކޮށްގެން ފުލެޓް ދީފައިވާކަން ފާހަގަކުރެއްވިއެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެކަން އޮންނަނީ އެގޮތަށް ނޫން ކަމަށް ވިދާޅުވިއެވެ.

''ރިއަލިޓީއަކީ ސިފައިންނަށް ފުލުހުންނަށް ހާއްސަކޮށްގެން ފުލެޓްއެޅޭ، ޓީޗަރުންނަށް ހާއްސަކޮށްގެން ފުލެޓް އެޅޭ، ދެން އަނެއް ބަޔަކަށް ހާއްސަކޮށްގެން ފުލެޓް އެޅޭ. މިތަންތަނުގައި މިއުޅެނީ ސީދާ 100 ޕަސެންޓް މާލޭ މީހުންނެއް ނޫން. އެމީހުންނަށްވެސް ފުލެޓް ދޭންވާނެ، ލިބެންވެސް ވާނެ. އެކަމަކު އެމީހަކު ވަޒީފާ އަދާކުރާ ތަނަކުން އެމީހަކަށް ބޯހިޔާވަހިކަން ދޭކަށް ނުޖެހޭނެ.'' އާދަމް މަނިކު ވިދާޅުވިއެވެ.

އާދަމް މަނިކުވިދާޅުވީ މާލޭގައި 175000 މީހުން ދިރިއުޅޭ ކަމަށާއި އޭގެ ތެރޭގައި އަތޮޅުތަކުން އަންނަ މީހުންނާއި ބިދޭސީންނާއެކު ޖުމްލަ ތިން ހަތަރު ލައްކަ މީހުން ދިރިއުޅޭ ކަމަށެވެ.

Advertisement

ކޮމެންޓް