ޔޫތު މިނިސްޓްރީން ތިން އެވޯޑެއް ތައާރަފުކޮށްފި

09 Jan 2020 | 06:06

ޔޫތު މިނިސްޓްރީން ޒުވާނުންނާއި ގުޅޭ ތިން އެވޯޑެއް ތައާރަފުކޮށްފިއެވެ.

މިދިޔަ އަހަރުގެ ކާމިޔާބީ ފާހަގަ ކުރުމަށް ޔޫތު މިނިސްޓްރީން ރޭ ދަރުބާރުގޭގައި ބޭއްވި "ރަން އަހަރު 2019" ޖަލްސާގައި ތިން އެވޯޑުވެސް ތައާރަފުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ރޭ ތައާރަފުކުރި ތިން އެވޯޑަކީ ޒުވާނުންގެ އެވޯޑާއި ސްޕޯޓްސް އެވޯޑްގެ އިތުރުން ސިވިލް ސޮސައިޓީ އެވޯޑެވެ.

ޒުވާނުންގެ އެވޯޑަކީ ޒުވާނުންގެ އިލްމާއި ހުނަރުވެރިކަމާއި މަސައްކަތްތެރިކަމުގެ ތެރެއިން މުޖުތަމައަށާއި ޒުވާނުންނަށް ފަރުދީގޮތުންނާއި ޖަމާއީ ގޮތެއްގައި ކޮށްދޭ ހިދުމަތްތަކުގެ އަގު ގައުމީ ފެންވަރެއްގައި ބަލައިގަނެ އެކަމަށް ހިތްވަރުދިނުމަށް ދެވޭ އެވޯޑެކެވެ.

ކުޅިވަރާ ގުޅޭ އެވޯޑް ނުވަތަ ސްޕޯޓްސް އެވޯޑަކީ ކުޅިވަރު ކުރިއަރުވާ ފަރާތްތައް ފާހަގަކޮށް ކުޅިވަރުގެ ތަފާތު ދާއިރާތަކުން ކާމިޔާބީ ހޯދާ ފަރާތްތަކަށް ހިތްވަރުދީ، ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ އަގުވަޒަންކުރުމަށާއި ދުޅަހެޔޮ ސިއްހަތެއް ލިބިފައިވާ މުޖުތަމައުއެއް ބިނާކުރުމަށް ހިތްވަރުދިނުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.

މަދަނީ ޖަމިއްޔާތަކުގެ އެވޯޑް ނުވަތަ ސިވިލް ސޮސައިޓީ އެވޯޑަކީ، ރަޖިސްޓްރީ ކޮށްގެން ހިންގާ މަދަނީ ކުލަބު ޖަމުއިއްޔާ ޖަމާއަތަކުން ރާއްޖޭގެ މުޖުތަމައު ބާރުވެރިކުރުމުގެ ގޮތުން ހިލޭ ސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް ގައުމުގެ ތަރައްގީއަށް ކޮށްދޭ ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.

މި ތިން އެވޯޑަކީވެސް މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ޔޫތު މިނިސްޓްރީން ދިނުމަށް ހަމަޖެހިފައިވާ އެވޯޑުތަކެކެވެ.

Advertisement

ކޮމެންޓް