އިއްޔެ ރިޒްނާ ވަގުތު ހޭދަކުރީ އާންމުންނާއި އެކު ސައިހޮޓާތަކުގައި!

15 Jan 2020 | 23:21

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޕްރައިމެރީއަށް ވާދަކުރި ހަމައެކަނި އަންހެން ކެންޑިޑޭަޓު ރިޒްނާ ޒަރީރު ހުކުރު ދުވަހު ހަވީރު ވަގުުތު ހޭދަކުރީ އާއްމު ރައްޔިތުންނާއި ސައިހޮޓާތަކުގައެވެ.

ކައުންސިލް އިންތިޚާބަށް ހުޅުމާލެ އިން ފަސް ކެންޑިޑޭޓަކު ވާދަކޮށްފައިވާއިރު، ރިޒްނާ ފާހަގަކުރި ގޮތުގައި ސައި ހޮޓާތަކުގެ މޭޒުން ރައްޔިތުންނާއި ބައްދަލުކޮށްލާ ވާހަކަ ދެއްކުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެެވެ. އަދި އެރައްޔިތުންގެ ޝުއޫރާއި އިހްސާސްތަކަކަކީ އަޑު އަހާ ބަލައިގަންނަ ކަންތައްތައް ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން އޭނާ ވިދާޅުވީ ނޫސްވެރިއެއްގެ ހައްސިއްޔަތުން މީގެ ކުރިންވެސް ރައްޔިތުންނާއި އެކު މަސައްކަތްކޮށްފައިވާއިރު، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ހުޅުމާލެ ދާއިރާގެ ކައުންސިލް ގޮނޑިއަށްވާދަކުރަނީ ކުރިއަށް ވުރެ ބޮޑަށް ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމުގެ ބޭނުމުގައި ކަމަށެވެ.

ފާއިތުވި 13 އަހަރު ނޫސްވެރިކަމުގެ ދާއިރާގައި ބުރަ މަސައްކަތެއް ކޮށްފައިވާ ރިޒްނާއަކީ ސިޔާސީ، އިޖްތިމާއީ، އަދި ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާގެ ހަބަރުތައް ކަވަރު ކުރުމަށް އިސްދައުރެއް އަދާކޮށްފައިވާ ފަރާތެކެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ދެކޮޅަށް އެޅި ހުރިހާ ހުރަސްތަކަށް ގޮންޖަހާލާ ސާބިތުވެ ކެރިގެން ނިކުމެ ރައްޔިތުންގެ ހަބަރު ގެނެސްދިނުމުގައި ރިޒްނާ ވަނީ މަސައްކަތްކޮށްފަައެވެ.

އަދި އަލަށް ވިޔަފާރިއަށް ނިކުންނަ ފަރާތްތަކަށް އެވިޔަފާރިތައް ކުރިއެރުވުމަށް އެފަރާތްތަކުގެ ހަބަރު ގެނެސްދިނުމުގައި ހަރާކާތްތެރިވެފައިވާ ފަރާތެއްވެސްމެއެވެ.

ހަބަރު ކިޔުމުގައި ހުރި ހުނަރުވެރިކަމާއި އެކު އާންމުންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ރިޒްނާ "ވޮއިސް"އަށް މައުލޫމާތު ދެމުން ވިދާޅުވީ ހުުޅުމާލޭގައި ދިރިއުޅެމުންދާތާ ރައްޔިތެއްގެ ހައިސިއްޔަތުން މިވަގުތު ރައްޔިތުންނާއި ގުޅިގެން ހުޅުމާލޭގައި ރައްޔިތުންގެ ނިޒާމެއް ޤާއިމް ކުރެވިދާނެ ކަމަށް ފެންނާތީ އެދާއިރާއަށް ކުރިމަތިލާން ނިންމީ ކަމަށެވެ.

އެގޮތުން ރައްޔިތުންގެ ބަސް އަޑުއަހާ އެކަން އިއްވާނެ މީހެއްގެ ގޮތުގައި ކުރިއަށް އޮތް ފަސް އަހަރު މަސައްކަތްކޮށްދޭނެ ކަމަށާއި، ލާމަރުކަޒީ ޤާނޫން ކައުންސިލްތަކަށް ލިބިދޭ ބާރުގެ ދަށުން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ރައްޔިިތުންނާއި ކައިރިން ފޯރުކޮށްދެވޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމެރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގައެވެ.

Advertisement

ކޮމެންޓް