ދުވަހަކުވެސް ހަނދާނުން ނުފޮހެވޭނެ ދުވަހެއް!

03 Nov 2018 | 18:11

‎ހިންދު މާ ކަނޑުގެ ތެރޭގައި އަތުރާލެވިފަައިވާ ރަން މުތްތަކެއްހެންވާ މި ދިވެހިރާއްޖޭގެ ރަށްތަކަކީވެސް ޒަމާންވީ ތާރީހެއް އޮތް ގައުމެކެވެ. މީގެ އެތައް ހާސް އަހަރެއްގެ ކުރިން ދިވެހިން އިސްލާމްދީނުގެ ހިދާޔަތުގައި ފައިތިލަ ސާބިތު ކުރި ހިނދު، އެ ދީން ވެގެން ދިޔައީ ދިވެހިން އެއްބައިވަންތަ ކުރުވި އެންމެ މަތިވެރި ނިއުމަތަށެވެ.

‎ފިތުރަތުގެ އުސޫލަކީ އެކަކު އުފަލާއި އަރާމުގައި އުޅޭތަން ދުށުމަށް، އަނެކާގެ ހިތް ނުރުހޭނެކަމެވެ. ދިވެހި ގައުމުވެސް އުފާވެެރިކަމާއި އަމާންކަންމަތީ އިސްލާމްދީނުގެ މަތީގައި ސާބިތުވެ، ވެރިންނަށް ކިޔަމަންގަތް މުޖުތަމައުއެއްގައި ދިރިއުޅުނު ތަން ދެކުމުން ހަސަދަވެރިވީ މީހުން ވަކި މަދެއް ނޫނެވެ. މީގެން ކޮންމެ ފަހަރަކުވެސް ބޭރުގެ ފަރާތްތަކާއި ގުޅިގެން ދިވެހިންގެ މިނިވަންކަމާއި އަމާންކަން ނިގުޅައިގަތުމަށް މަސައްކަތް ކޮށްފައިވަނީ ހަމަ ޚުދު ދިވެހިންކަމީ ހިތާމައާއި އެކު ފާހަގަކޮށްލެވޭ ކަމެކެވެ.

‎މި ގޮތުން ފަހުގެ ތާރީހަށް ބަލާލާއިރު، ދިވެހި ގައުމަށް އައި އެންމެ ނުރައްކާތެރި އަދި ބިރުވެރި އުދުވާނީ ހަމަލާއަކަށް ވާނީ 1988ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3ވަނަ ދުވަހު، ދިވެހިންގެ މަދު ބަޔަކާއި ސްރީލަންކާގެ ތަމަޅައިންގެ ޕްލޯޓް ޖަމާއަތުގެ ފަރާތްތަކާއި ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާއެވެ. ދިވެހިރާއްޖޭގައި އޭރު އޮތް ގާނޫނީ ސަރުކާރު ވައްޓާލުމަށް އޭރު އައި ފަރާތްތަކަށްވެސް ހަމަ ކުރިމަތިވީ ނާާކާމިޔާބެވެ. ދިވެހިންނަކީ އެންމެ ފަހު ވިންދާއި ޖެހެންދެންވެސް ވެލިފުކެއްގެ މިންވަރު ނަމަވެސް ދިވެހި ދީބުން އެހެން ބަޔަކަށް ނުދޭނެ ބައެއްކަން ދިވެހިން އެދުވަހު ދައްކައިދިނެވެ.

‎އެ ހަމަލާގައި 19 ދިވެހިން ޝަހީދުވެގެން ދިޔައިރު، އެ މީހުންގެ ޒިކުރާާ ތާ އަބަދަށް މި ބިމުގައި ދެމިހުންނާނެއެވެ. އެ ދުވަހު ދިވެހި ސިފައިން އެ ވީ ގުރުބާނީ އާއި ދެއްކި ކަށީގެ ހިތްވަރަކީ ތާރީހުގައި އަބަދުމެ ރަން އަކުރުން ފެވިފެވި ހުންނާނެ ފަދަ ހިތްވަރާއި ގުރުބާނީއެކެވެ. އެދުވަހުގެ ބަތަލް ޝަހީދު ކޯޕްރަލް ހުސައިން އާދަމް ވެދެއްވި އަގުހުރި ގުރުބާނީ އަކީ ދިވެހި ގައުމު، އެ ޝަހީދަށް އަބަދުމެ ޝުކުރުވެރި ވާންޖެހޭނޭ ފަދަ ކަމެކެވެ.

‎އެ ހާދިސާއަށް މިއަދު 30 އަހަރު ފުރިގެން ގޮސްފިއެވެ. އެ ހާދިސާގައި ބަޔަކު ހައްޔަރުކޮށް، ޝަރީއަތްކޮށް، ޖަލަށްވެސް ހުކުމްކޮށްފިއެވެ. އެ ދުވަހުގެ ހާދިސާތަކަކީ ގައުމީ ހާދިސާއެއް ކަމީ ދެބަސް ވެވެން ނެތް ހަގީގަތެކެވެ. ނަމަވެސް ހިތާމައަކީ އެ ހާދިސާވެސް ސިޔާސީކޮށްލުމަށް ބަޔަކު މަސައްކަތް ކުރާތީއެވެ. އެއް ބަޔަކު ކުރި ކުށަކީ ހުރިހާ އެންމެންގެ ކުށަކަށް ހަދާތީއެވެ. އެ ދުވަހަކީ ފާޅުކުރެވޭނެ ދުވަހެއްތޯ، ނޫންތޯ ސުވާލު ކުރާތީއެވެ.

‎ހަގީގަތުގައި މިއީ ހިތުގައި އުފެދިގެންވާނެ ވަހުމެއްވެސް ނޫނެވެ. އެ ދުވަހަކީ އަބަދުމެ ފާހަގަކުރެވެން ވާނެ ދުވަހެކެވެ. ވީހާވެސް ކުލަގަދަކޮށެވެ. ސަރުކާރުގެ އިތުރުން، އަމިއްލަ ފަރުދުންގެވެސް އިސްނެގުމާއި އެއްކޮށެވެ. އެ ދުވަހަކީ ދުވަހަކުވެސް ހަނދާނުން ނުފޮހެވޭނެ ދުވަހަކަށް ވާތީއެވެ.

މާތްﷲ އެ ދުވަހު ޝަހީދުވި ހުރިހާ ފަރާތްތަކުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި. އާމީން!

Advertisement

ކޮމެންޓް