ރަސޫލާގެ އަބުރުފުޅާ ބެހުމަކީ ފްރީޑަމް އޮފް އެކްސްޕްރެޝަންްއެއް ނޫން - ޔޫރަޕްގެ އެޗްއާރް ކޯޓް

04 Nov 2018 | 08:07

ނިމިގެންދިޔަ އޮކްޓޫބަރމަހުގެ 25 ވަނަ ދުވަހަކީ ޔޫރަޕްގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއިގުޅޭ ވަރަށް މުހިއްމު ނިންމުމެއް ނިމިގެންދިޔަ ދުވަހެކެވެ. 

ޔޫރަޕްގެ ނޫސްތަކުގައި މުސްލިމުންގެ ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމްއަށް ފުރައްސާކޮށް ކާޓޫންތައް ކުރަހައި ލިޔުންތައް ލިޔެ ހެދުމަކީ ޔޫރަޕްގެ ވެލިޔުސްތަކުން ބަލާކަމަށްވާނަމަ އެމީހުންނަށް މައްސަލައެއް ނޫނެވެ.  

ފާއިތުވިތާގައި މިބާވަތުގެ މައްސަލަތަކުގައި ވަރަށް ބޮޑެތި ހަމަނުޖެހުންތައް ހިނގާފައި އެބަހުއްޓެވެ. މިސާލަކަށް ފަރަންސޭސި ނޫހެއްކަމަށްވާ ޗާލީ ހެބްދޫގައި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫންތައް ކުރަހައިގެން އެތަނަށް ހަރުކަށި މުސްލިމް ބަޔަކު ބަޑިހިފައިގެންވަދެ ދިން ހަމަލާތަކުގައި ބަޔަކު މަރުވެ މުޅި ފަރަންސޭސިވިލާތަށް ބޮޑު ބިންހެލުމެއް އައިފަދައެވެ. 

ޔޫރަޕްގެ ގައުމުތަކުގެ ލީޑަރުން ޕެރިހަށް ވަޑައިގެން ހިތާމަފާޅުކޮށްހަދާފައިވެއެވެ. ޔޫރަޕްގައި ޔަހޫދީންނަށް ނޫނީ ފާޑުނުކިޔޭ ބަޔަކު ނުތިބެއެވެ. އީސާއަލައިހިއްސަލާމަށް ނިސްބަތްކޮށްވެސް އެކިގޮތްގޮތަށް ފޮޓޯ ކުރަހައި ދޮގުތިހުމަތުތައް އަޅުވައި ނޫސްތަކުގައި ލިޔެއެވެ. 

އެހެންވީމާ އިސްލާމުންގެ ނަބިއްޔާއާމެދުވެސް އެމީހެއްގެ ބުއްދިއަށް ފެންނަ ވާހަކައެއް ދެއްކުމުގެ މިނިވަންކަން އޮންނަންޖެހޭކަމަށް ވަކާލާތުކުރާ މީހުންނަކީ ގިނަބައެކެވެ. ޚާއްސަކޮށް ސެކިއުލަރިސްޓު ވިސްނުމުގެ މީހުންގެ ނަޒަރުގައެވެ. 

މިބަހުސް ޔޫރަޕްގެ މަޝްހޫރު އެކިއެކި ޔުނިވަރސިޓީތަކަށްދާންދެން ކުރެވެމުންދަނިކޮށް އޮކްޓޫބަރ 25 ވަނަ ދުވަހު ޔޫރަޕްގެ، ޔޫރަޕިން ކޯޓް އޮފް ހިއުމަންރައިޓްސް ( އީސީއެޗްއާރް) އިން ނިންމީ މުސްލިމުންގެ ނަބިއްޔާއަށް ފުރައްސާރަކޮށް ނުވަތަ އިންސަލްޓްކުރުމަކީ ފްރީޑަމް އޮފް އެކްސްޕްރެޝަންގެ ތެރޭގައި ހިމެނޭނެކަމެއް ނޫންކަމަށެވެ. ރަސޫލާގެ އަބުރުފުޅާ ބެހުމަކީ މާނަވީ ބަހުސްގެތެރޭގައި ހުއްދަކުރެވިފައި އޮތުމުގެ ލިމިޓުން ބޭރުވެގެން ދިއުންކަމަށެވެ. އޭގެސަބަބުން އެއްބަޔަކު އަނެއްބަޔަކާދެމެދު ނަފްރަތާއި ރުޅިވެރިކަން އިތުރުވެ ދީންތަކުގެ މެދުގައި އޮންނަ ހަމަޖެހުން ގެއްލުމުގެ ރިސްކު އޮތްކަމެއްކަމުގައިވެސް ޔޫރަޕްގެ މިކޯޓުން ނިންމާފައިވެއެވެ.

ޔޫރަޕްގެ ކޯޓްގެ މިނިންމުން އައިސްފައިމިވަނީ އޮސްޓްރިއާގެ އަންހެނަކު އިސްނަގައިގެން 2009 ވަނަ އަހަރު ބޭއްވި ސެމިނަރތަކެއްގައި ރަސޫލާގެ އަބުރުފުޅާބެހި ހިންގާފައިވާ ކަންތައްތަކަކަށްފަހުގައެވެ. 

ނޫސްތަކުން މިއަންހެންމީހާގެ ނަން ލިޔަމުން އަންނަނީ މިސިޒް އެސްގެ ގޮތުގައެވެ. ޔޫރަޕްގެ ކޯޓުގެ ނިންމުމުގައިވަނީ މިއަންހެންމީހާގެ ވާހަކަތަކަކީ ފްރީޑަމް އޮފް އެކްސްޕްރެޝަންގެ ގޮތުގައި ބަލައިނުގަނެވޭނެކަމަށެވެ. މިމައްސަލާގައި އޮސްޓްރިއާގެ ކޯޓަކުން މިއަންހެން މީހާ 548 ޑޮލަރުން ޖުރުމަނާކުރިއެވެ.

Advertisement

ކޮމެންޓް