ކުޑަކުދިންނާއި ބެހުމުގެ ރެކޯޑް އޮންނަ މީހަކު ކުޑަ ކުއްޖަކާއި "ކައިވެނިކޮށްގެން" އުޅޭތާ 5އަހަރު!
ކުޑަކުދިންނާއި މެދު ބަދުއަޚުލާގީ އަަމަލު ހިންގުމުގެ ރެކޯޑް އޮންނަ ފަރާތެއް، ކައިވެނީގެ ނަމުގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރަމުންދިޔަ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިކަން ވަނީ ފުލުހުންވެސް ކަށަވަރުކޮށްދީފައެވެ.
ފުލުހުން ބުނީ ހަރުކަށި ފިކުރު ގެންގުޅެ، ގާނޫނާއި ޚިލާފަށް ކޯޓުން ބޭރުގައި 15އަހަރުގެ ކުއްޖަކާއި ކައިވެނިކޮށްގެން ކަމަށް ބުނެ ޖިންސީ ގޯނާކުރި މައްސަލައެއްގައި 19 ޖެނުއަރީގެ މެންދުރުފަހު 14:50ހާއިރު، ޏ.ފުވައްމުލަކުން 39އަހަރުގެ ފިރިހެނަކު ހައްޔަރުކުރެވުނު ކަމަށެވެ.
ފުލުހުން ބުނީ މި މީހާއަކީ މީގެ ކުރިންވެސް 18އަހަރުން ދަށުގެ ކުދިންނާއި އެކު ބަދުއަޚުލާގީ އަމަލު ހިންގިކަމުގެ ރެކޯޑް އޮތްފަރާތެއް ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ކޯޓުއަމުރެއްގެ ދަށުން އެ ކުއްޖާގެ މަންމަވެސް ވަނީ ހައްޔަރުކުރެވިފައެވެ. މަންމަ ހައްޔަރުކޮށްފައިވަނީ ކުއްޖާއާއި މެދު އިހުމާލުވިކަމުގެ ތުހުމަތުގައެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކައިވެނީގެ ނަމުގައި ކަމަށްބުނެ ކޯޓުން ބޭރުގައި މި ފިރިހެންމީހާ އެ އަންހެން ކުއްޖާއަކި "އަނބިކަމަށް" ހެދިތާ މިހާރު ފަސް ވަރަކަށް އަހަރު ވެދާނެއެވެ. އެހެންކަމުން ބެލެވޭ ގޮތުގައި މި ފިރިހެންމީހާ އެ އަންހެންކުއްޖާއާއި "ކައިވެނިކޮށްފައިވަނީ" ކުއްޖާގެ އުމުރުން އެންމެ 9ނޫނީ 10އަހަރުގައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists