ހިމަބިއްސަށް ޕޮޒިޓިވް ވީ ޣާޒީ ސުކޫލުގެ ދަރިވަރެއް، 33 ކުދިން ތިބީ ވެކްސިން ފުރިހަމަ ނުކޮށް: އެޗްޕީއޭ

24 Jan 2020 | 13:35

ހިމަބިއްސަށް އިއްޔެ ޓެސްޓުކުރި މީހުންގެ ތެރެއިން ޕޮޒިޓިވް ވި ދެ މީހުންގެ ތެރެއިން އެކަކީ ޣާޒީ ސުކޫލުގެ ދަރިވަރެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އިއްޔެ ހިމަ ބިއްސަށް ޓެސްޓްކުރީ ނުވަ މީހުންނެވެ. އޭގެތެރެއިން ދެ މީހަކު ވަނީ އެބައްޔަށް ޕޮޒިޓިވް ވެފައެވެ.

އެކަމާއި ގުޅިގެން އެޗްޕީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޣާޒީ ސުކޫލުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ތެރެއިން 33 ދަރިވަރުންވަނީ ހިމަބިހި ވެކްސިންގެ ޑޯޒުތައް ފުރިހަމަ ނުކޮށް ކަމަށެވެ.

އިއްޔެ ހިމަބިއްސަށް ޕޮޒިޓިވް ވި ދެމީހުންނާއެކު، ހިމަބިހި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ ހަޔަކަށް އަރާފައެވެ. އެންމެ ފަހުން މީހެއްގެ ގައިން އެ ބަލި ފެނިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

މިހާތަނަށް 3،100 މީހުންނަށް ވެކްސިން ދީފައިވާނެ ކަމަށާއި، 79 މީހަކު ބައްޔަށް ޓެސްޓުކޮށްފައިވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ރާއްޖެއިން ހިމަބިހި ނައްތާލެވުނުކަން ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން އިއުލާންކުރީ 2017 ވަނަ އަހަރުއެވެ. އެބަލި އިތުރަށް ފެތުރުނަ ނުދިނުމުގެ ގޮތުން ހެލްތު މިނިސްޓްރީން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

ރާއްޖެއިން ހިމަބިހި ނައްތާލާފައި ވަނިކޮށް އަލުން އެ ބަލި މީހަކަށް ޖެހި، ފެތުރެން ފަށާފައިވާ ކަން އިއުލާން ކުރީ ހުސްވި ހަފްތާގައެވެ.

Advertisement

ކޮމެންޓް

Advertisement