ހެޕީމާރކެޓްގެ މިސްރާބު މިފަހަރު ތިލަދުންމައްޗަށް!

25 Jan 2020 | 15:29

ދިވެހިރާއްޖެއަށް ކާބޯތަކެތީގެ ތަފާތު ބާވަތްތައް ހޯލްސޭލްކޮށް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ކުންފުނިކަމުގައިވާ ހެޕީމާރކެޓުން ތިލަދުންމަތީގެ ވިޔަފާރީގެ ނާރެސްކަމުގައިވާ ކުޅުދުއްފުށި ސިޓީގައި އެކުންފުނީގެ ފިހާރައަކާއި ޑިސްޓްރިބިއުޝަން ސެންޓަރެއް ހުޅުވައިފިއެވެ.

ރޭ ކުޅުދުއްފުށީގައި އޮތް ކުލަގަދަ ހަފްލާއެއްގައި މި ފިހާރައާއި ޑިސްޓްރިބިއުޝަން ސެންޓަރ ހުޅުއްވައިދެއްވީ ކުޅުުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ހެޕީމާރކެޓްގެ ސީއީއޯ ކެޕްޓަން (ރިޓަޔަޑް) އަލީ އިހުސާން ވިދާޅުވީ މި ޑިސްޓްރިބިއުޝަން ސެންޓަރުން މުދާ ވިއްކާނީ ހޯލްސޭލްކޮށް ކަމަށާއި، މީގެ ސަބަބުން އެ ސަރަހައްދުގެ ވިޔަފާރިވެރިންނަށް ހުސްނުވެ މުދާާ ލިބުމަށް މަގުފަހިވެގެންދާނެކަމަށެވެ.

އިހުސާން އިތުރަށް ވިދާޅުވީ މި ފިހާރައަށް ގެންނަ މުދާ ވީހާވެސް ތާޒާކޮށް ގެނައުމަށްޓަކައި ގެންނާނީ އެކަމަށް ޚާއްސަ ލޭންޑިންގ ކްރާފްޓެއްގައި ކަމަށެވެ. އަދި ކުޅުދުއްފުއްޓަށް އެ މުދާ ގެންދިއުމަށްފަހު ޑިސްޓްރިބިއުޝަން ސެންޓަރާއި ހަމައަށް އުފުލާނީވެސް ޚާއްސަ ވެހިކަލެއްގައިކަން އެބޭފުޅާ ފާހަަގަކުރެއްވިއެވެ.

މިއީ ހެޕީމާރކެޓުން ގާއިމްކުރި ތިންވަނަ ޑިސްޓްރިބިއުޝަން ސެންޓަރެވެ. މިތަން ހުންނާނީ ކުޅުދުއްފުށި ކޯޓު އިމާާރާތުގެ ކުރިމައްޗަށްވާ ގޮތަށެވެ.

ފޮޓޯ: ކުޅުދުއްފުށި.ކޮމް

Advertisement

ކޮމެންޓް