ހުޅުމާލޭގެ ކައުންސިލަރކަމަށް މި ކުރިމަތިލަނީ ރައްޔިތުން އެދޭ ހައްގު މިންވަރު ހޯދައިދޭން: އައްޒާމް

29 Jan 2020 | 18:53

މި ހުކުރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގައި މާލެ ސިޓީގެ ހުޅުމާލޭ ދާއިރާއަށް ވާދަކުރަނީ ރައްޔިތުން ބޭނުންވާ ހައްގު މިންވަރު ހޯދައިދިނުމުގެ އަޒުމުގައިކަމަށް އައްޒާމް ލަތީފް ބުނެފިއެވެ.

އައްޒާމް މިހެން ބުނީ ހުޅުމާލޭގެ އެމްޑީޕީގެ މެންބަރުންނަށް ފޮނުވި ހުޅުވާާލެވިފައިވާ ސިޓީއެއްގައެވެ.

އޭނާ ބުނީ މަދަރުސީ ދައުރުއްސުރެ ހުޅުމާލޭގައި ދިރިއުޅޭ މީހެއްގެ ހައިސިއްޔަތުން ހުޅުމާލޭގެ ރައްޔިތުންގެ އުދާސްތައް އެނގޭކަމަށާއި އަދި ހުޅުމާލޭގައި ހުރި މައްސަލަތަކާއި، ދަތި އުނދަގޫތައްވެސް ތަހައްމަލް ކުރާ ކަމަށެވެ. އެގޮތުން ހުޅުމާލޭގެ ކައުންސިލަރުކަމަށް ކުރިމަތި މިލަނީ ނުހަނު ވަރުގަދަ އަޒުމަކާއިއެކު ރައްޔިތުންއެދޭ ހައްގު މިންވަރު ހޯދައި ދިނުމަށްކަަމަށް އައްޒާމް ބުންޏެވެ.

"އާދެ! މިއަދު ރައްޔިތުން އެދެމުންދާ، ރައްޔިތުންގެ މުހުތާދުތައް ފުއްދައިދޭނެ މީހަކަށްވުމުގެ އަޒުމުގައެވެ. އަބަދުވެސް ރައްޔިތުންގެ ޝަކުވާތައް އަޑުއަހާނެ މަންދޫބަކަށް ވާނެ ކަމުގެ ޔަގީންކަން އަރުވަމުންނެވެ. ރައްޔިތުންގެ އަތްފޯރާފަށުގައި ، ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ވަރުބަލިކަމެއް ނެތި އަޅުގަނޑު ސާބިތުވެ ހުންނާނެކަމުގެ ޔަގީންކަން އަރުވަމުންނެވެ"، އައްޒާމް ބުންޏެވެ.

އައްޒާމްގެ ސިޓީގައި އޭނާ އިތުރަށް ބުނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ކައުންސިލްތައް ބާރުވެރި ކުރުވާ، ކައުންސިލްތަކުގެ ފޮނިމީރުކަން ސީދާ ރައްޔިތު މީހާއަށް ހޯދައިދިނުމަށް މިފަށާ މުހިންމު ދަތުރުގައި، ހުޅުމާލޭގެ ކުރިއެރުމުގައި ރައްޔިތުންގެ ހިއްސާ، ރައްޔިތުން އެދޭގޮތަށް ހިމެނުމަށް އަތުކުރި އޮޅާލާ ތައްޔާރަށް ހުރިކަމަށެވެ. އަދި އެންމެން އެދޭފަދަ ޖަޒީރާވަންތަ ސިފަތަކާއި ރަށުވަންތަކަން މިރަށު ރައްޔިތުންނަށް ހޯދައިދިނުމަށްވުރެ ވަކީން ބޮޑު މަގުސަދެއް އޭނާާގެ ނެތްކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

ޖަނަވަރީ މަހު 31 ވާ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި އައްޒާމްގެ ނަންއޮންނާނީ ކެނޑިޑޭޓް ނަންބަރު އެކެއްގެ ގޮތުގައެވެ.

Advertisement

ކޮމެންޓް